ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭ ގޮތް ހަދަން މަޖިލީހުގައި ކޮންމެހެން މަޝްވަރާ ކުރާކަށް ނުޖެހޭ: ޖަނާބު

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް މުހައްމަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، އިބްރާހިމް މުހައްމަދު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ގަރާރެއް ހުށަހެޅީ މަޖިލީހުގެ ވަގުތު ނަގާލަން ކަމަށާއި އެއީ މަޖިލީހަށް ނުވައްދާ ނިންމޭނެ މައްސަލައެއް ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ ވިދާޅުވީ އެ މައްސަލައަކީ ކަމާ ގުޅުންހުރި ބޭފުޅުންނާއި ޓޫރިޒަމް މިނިސްޓްރީއާ އެކު މަޝްވަރާ ކޮށްގެން ހައްލު ކުރެވޭނެ މައްސަލައެއް ކަމަށެވެ. ނަމަވެސް މަޖިލީހަށް ގަރާރެއްގެ ގޮތުގައި އެކަން ހުށަހެޅީ މަޖިލީހުގެ ވަގުތު ނަގައިލަން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.

"ހަގީގަތުގައި މިއީ މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ނިންމަވައިލެވެން އޮތް ކަމެއް، އަޅުގަނޑުމެން ވެސް އެދެނީ މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ރައްކާތެރިވެގެން ދިޔުން އެހެން ނަމަވެސް މަޖިލީހުގެ ވަގުތު ނަގާލައިގެން މަޖިލީހުގައި ޝަރީއަތްކޮށް މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ،" ޖަނާބު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތުގައި އުސޫލެއް އެކުލަވައިލުމަށް ގޮވާލައި ހުށަހެޅި ގަރާރަށް ބަހުސް ކުރައްވަމުން އިބްރާހިމް މުހައްމަދު ވިދާޅުވީ އެމްޑީޕީއަކީ ތުނބުޅި މަތިމަސް ބެހެއްޓުމަށް ތާއީދު ކުރާ މީހުން އުޅޭ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އެފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅީ ކޮން ނިޔަތެއްގައިތޯ ސުވާލު އުފެދޭ ކަމަށެވެ.

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް މި ތިއްބެވި 13 ބޭފުޅުންގެ ތެރެއިން ހަތް ބޭފުޅުންނަކީ ބުރުގާ ތުރު ނުކުރައްވާ ބޭފުޅުންނަށްވެފައި ބުރުގާ އާއި ތުނބުޅި މަތިމަސްއަށް ތާއީދު ނުކުރާ މީހުން ކޮންފަދަ ނިޔަތެއްގައިތޯ މަޖިލީހުގެ ވަގުތު ހުއްޓައިލަން ކޮންމެ ފަހަރަކު މި މީހުން މިކަހަލަ ވާހަކައެއް މި ގެންނަނީ،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހިމް އެހެން ވިދާޅުވި ނަމަވެސް ސަރުކާރަށް ތާއީދު ކުރާ ގިނަ މެންބަރުން ވަނީ އެ ގަރާރަށް ތާއީދުކޮށް، އެފަދަ އުސޫލެއް އެކުލަވައިލަންޖެހޭ ކަމަށް މަޖިލީހުގައި މިއަދު ވިދާޅުވެފަ އެވެ.

މަޖިލީހަށް މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމާއި ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ހިލާފު ކަމަށް ނުވި ނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގެ ހެދުންއަޅަންޖެހޭ މިންގަނޑުގެ ދަށުން އެކަންކަން ކުރުމަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައި ބުނެފައިވެ އެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅާ އަންހެނުންނާއި ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރަން ބޭނުންވާ ފިރިހެނުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާންޖެހޭ ހެދުންއެޅުމުގެ ގަވާއިދު އެކުލަވައިލުމުގެ ރިއާޔަތް ކުރަންޖެހޭ އެއްހަމަ، އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް އެ ގަރާރުން ސަރުކާރަށް ގޮވާލައިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox