ހިނގަމުންދިޔާ 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓު ހުށަހަޅާއިރު ހިމަނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ތިން މަސް ކުރިން އިއުލާނު ކުރެއްވި ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކަށް ރުހުން ހޯދުމަށް މާދަމާގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި އެވެ.
މި އަހަރުގެ ފުރަތަމަ ދައުރުގެ މަސައްކަތު ފުރަތަމަ ޖަލްސާ މާދަމާ އަށް ތާވަލުކޮށްފައިވާއިރު، އެ ޖަލްސާގެ އެޖެންޑާގައި އިސްލާހީ ފިޔަވަޅުތަކަށް ރުހުން ހޯދަން ރައީސް ފޮނުވި މައްސަލަ ހިމަނާފައިވެ އެވެ. މާދަމާގެ ޖަލްސާގައި އެ މައްސަލައާމެދު ގޮތެއް ނިންމުމަށް ކޮމިޓީއަށް ފޮނުވާނެ އެވެ.
މި އަހަރާއި އަންނަ އަހަރު ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ނިންމަވާ، އެކަން ހާސިލްކުރުމަށް ސިޔާސަތުތަކެއް ރައީސް މުއިއްޒު އިއުލާނުކުރެއްވީ އޮކްޓޯބަރު 23، 2024 ގަ އެވެ. އޭގެ ފަހުން 109 ދުވަސް ފާއިތުވެފައިވާއިރު ނޮވެމްބަރު 27، 2024 ގައި މިއަހަރުގެ ބަޖެޓު މަޖިލީހުން ފާސްކުރިއިރު މި އިސްލާހުތަކުގެ ވާހަކައެއް ދައްކާފައި ނުވެ އެވެ. ބަޖެޓު ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކެއް ވެސް އުނިކުރުމަށް ފަހު އެވެ.
އެމަނިކުފާނާށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 ޕަސަންޓު އެ މުއްދަތުގައި ނުނަންގަވަން އެ ދުވަހު ރައީސް މުއިއްޒު އިއުލާނު ކުރެއްވި އެވެ. އެ ނިންމެވުމާ އެއްގޮތަށް މުސާރައަށް ބަދަލު ގެނައި ކަމެއް ސާފެއް ނޫނެވެ.
އޭގެއިތުރުންވެސް ރައީސް މުއިއްޒު އެ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓުގައި ސަރުކާރުގެ އެކި ދިމަދިމާލުން ހަރަދުކުޑަކުރުމަށް އަޅުއްވަން ނިންމެވި ގިނަ ފިޔަވަޅުތަކެއް އިއުލާނުކުރެއްވި އެވެ. އޭގެތެރޭގައި ހިމެނެނީ؛

- ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓު އުނި
- ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000ރ. ކަމަށް ކަނޑައެޅުން. (މިހާރު 100،000ރ. އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުައައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން.
އެ ފިޔަވަޅުތައް އަޅާއިރު 12,000ރ. އިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާ ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ދަށްކުރި އެވެ.













