ކުރިއަށް އޮތް ރޯދަ މަހު ކާބޯތަކެތީގެ އަގުތައް އުފުލިގެން ދިޔުން ކޮންޓްރޯލް ކުރުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމައި، ތައްޔާރުވެފައިވާ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.
އެ ކުންފުނިން ބުނީ މީގެ ކުރީގެ ތަޖުރިބާއަށް ބަލައި މި ފަހަރުގެ ރޯދަ މަހަށް ބޭނުންވާ މުދާ ދަތިކަމެއް ނެތި ލިބޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އާންމު ދިރިއުޅުމަށް ބޭނުންވާ މައިގަނޑު ކާބޯތަކެތީގެ އޯޑަރުތައް ކުރިޔާލައި ޖަހާފައިވާ ކަމަށާއި ރޯދައަށް ހާއްސަ ފުރަތަމަ ޝިޕްމެންޓު ވަރަށް އަވަހަށް މާކެޓަށް ނެރޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން ކާބޯތަކެތި އެތެރެ ކުރަން ނިންމާފައި ވަނީ ހަތަރު ކެޓެގަރީއަކަށް ބަހާލައިގެންނެވެ. އެއީ:
- އަސާސީ ކާބޯތަކެތި - ފިޔާ، ބިސް، އަލުވި، ކާށި، ކަދުރު
- ތާޒާ ތަރުކާރީ އަދި މޭވާ - ލޮނުމެދު، އިނގުރު، ލައިމް، ކެރެޓު، އޮރެންޖު، ކެބެޖު، މިރުން، ފޭރު، ކަރާ، އަނބު، ޕެޝަންފްރުޓު، ކިއުކަންބާ
- ޕްރޮސެސްޑް ކާނާ - ނެސްލޭ ކްރީމް، ކޮކޯ ޕައުޑަރު، ބޭކެޑް ބީންސް، ގެރިކިރު ދަޅު
- ކެއްކުމަށް ބޭނުން ކުރާ ތަކެތި - ސަންފްލާވާ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތީ ހަނޑޫ
އެ ކުންފުނިން ބުނީ މި ފަހަރުގެ ރޯދަ މަހު އާންމު ރައްޔިތުންގެ އިތުރުން ވިޔަފާރިވެރިންނަށް ވެސް ދަތި ނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މިހާރު އިމްޕޯޓު ކުރަން ނިންމާފައިވާ ތަކެތީގެ އިތުރުން އެހެން އަސާސީ އެހެން އެއްޗެއްގެ އަގު ރޯދަ މަހު އުފުލިގެން ދިޔަ ނަމަވެސް އިކޮނިމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ އެ އެއްޗެއްގެ އަގު ކޮންޓްރޯލްކޮށް މުދާ ލިބޭނެ މަގު ފަހި ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކުރިއަށް އޮތް ރޯދަ މަހު ބާޒާރުގެ އަގުތައް ގަވާއިދުން މޮނިޓާކޮށް ރާއްޖެއަށް އެތެރެ ކުރާ މުދާ ހުރިހާ އަތޮޅަކަށް ހަމަހަމަކަމާއެކު ފޯރުކޮށްދެމުންދާ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.














