ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުން ހުކުމާ ހިސާބަށް ތިބެން ޖެހޭ މުއްދަތު ކުޑަ ކުރަން ނަން ސިއްރުކޮށްގެން ރަށްރަށުގައި ތިބި ގާޒީން ބޭނުން ކުރެވިދާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ކުރިއަށް ގެންދިޔަ "ބަންދު ފޯރަމް" ގައި އިހުސާން ހިޔާލު ހުށަހަޅުއްވަމުން ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވުމުގެ ސަބަބުން ކޮންމެ މީހަކަށް ގާޒީ އެނގޭތީ، ބައެއް ފަހަރު އޮންނަ ދުވަހަށް ޝަރީއަތްތައް ޝެޑިއުލް ނުކުރާ ކަމަށެވެ.
މިގޮތުން ހެކި ސިއްރު ކުރާ ގޮތަށް ޝަރީއަތްތައް ކުރިއަށް ގެންދާ ގާޒީން ވެސް ސިއްރުކޮށްގެން ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ނިޒާމެއް ރާއްޖޭގައި ހިންގަން ފެންނަ ކަމަށް އިހުސާން ވިދާޅުވި އެވެ.
"ރާއްޖޭގެ ކުޑަ އާބާދީއެއްގައި ކޮންމެ މީހަކަށް ގާޒީ އެނގޭ. އެނގޭތީ ބައެއް ގާޒީންނަށް ނުކުރޭ އޭނާއަށް ވަގުތު އޮތަސް، އޭނާ މަހަށް ދިޔަޔަސް އެ ދުވަހު ޝަރީއަތް ޝެޑިއުލް ކުރާކަށް. ރާއްޖޭގެ ބައެއް ރަށްރަށުގައި މި މައްސަލަ އެބައޮތް އެނގޭތޯ،" އިހުސާން ވިދާޅުވި އެވެ.
"އެހެންވީމަ އަޅުގަނޑުމެން ބައެއް ހެކިވެރިން ރައްކާ ކޮށްގެން ސިއްރު ހެކިންގެ ގޮތުގައި ބާއްވާހެން، އަޅުގަނޑަށް ފެނޭ ގާޒީން ވެސް ސިއްރު. އެއީ ކާކުކަން ނޭގޭ ގޮތަށް ޝަރީއަތްތައް ދާނެ ނިޒާމެއް އޮތްތޯ އެކްސްޕްލޯ ކުރަން ރާއްޖޭގައި. އެއީ މުޖުތަމައު ކުޑަ ކަމުން، އަޅުގަނޑުމެންނަށް ކޮންމެ މީހަކަށް އެ ދޭން ޖެހޭ ރައްކާތެރިކަން ދެވޭކަން ގަބޫލު ނުކުރެވޭ ބައެއް މީހުންނަށް. އެހެންވީމަ އެންމެން ރިސްކު ނަގަނީ."

އިހުސާން ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް މުވައްޒަފުން ލައިގެން ކޯޓުން ހިންގަމުންދާ ކަމަށާއި ބައެއް ރަށްތަކުގައި އަހަރަކު 15 މައްސަލަ ވެސް ބަލަމުންދާ ކަމަށެވެ.
އިހުސާން ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ލިބެންދެން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ތިބި މީހުންގެ މައްސަލަތައް އެ ގާޒީން ބޭނުން ކޮށްގެން އޮންލައިންކޮށް ބެލިދާނެ ކަމަށެވެ.
"ރާއްޖޭގެ 188 ރަށް އޮތް އިރުގައި ކޯޓު ހަދައިގެން، ކޯޓުގެ މުވައްޒަފުން ލައިގެން ހުރިހާ ރަށެއް ހިންގަނީ. އެހެންވީމަ ކޮންމެހެން ނުޖެހޭ ކަންނޭގޭ މާލޭގައި އިންނަ ކްރިމިނަލް ކޯޓުން މައްސަލަތައް ބަލާކަށް. މިވަގުތު ޖާގަ ނެތީތީވެ، އެތަނުން ކޮންމެވެސް ގާޒީއެއްގެ ހަމަ އޮންލައިންކޮށް ޓްރަޔަލް ބޭއްވޭ ގޮތް ހަދާފައި، މައްސަލަތައް ނުދާ ކޯޓު ތަކުގައި މައްސަލަ ހިންގަންވީ ނޫންތޯ. ހިންގާފައި މި މައްސަލައަށް ހައްލެއް ހޯދަންވީ ނޫންތޯ" އިހުސާން ވިދާޅުވި އެވެ.
ކަރެކްޝަންސްގެ ބަންދުގައި 364 މީހުން ހޭދަކުރި މުއްދަތު: ޖެނުއަރީ 20، 2025 ގެ ނިޔަލަށް
- ހަ އަހަރަށްވުރެ ގިނަ - 5 ފަސް މީހުން (1.1 ޕަސަންޓް)
- ފަސް އަހަރާއި ހަ އަހަރާ ދެމެދު - 8 މީހުން (2.2 ޕަސަންޓް)
- ހަތަރު އަހަރާއި ފަސް އަހަރާ ދެމެދު - 24 މީހުން (6.6 ޕަސަންޓް)
- ތިން އަހަރާއި ހަތަރު އަހަރާ ދެމެދު - 38 މީހުން (10.4 ޕަސަންޓް)
- ދެ އަހަރާއި ތިން އަހަރާ ދެމެދު - 67 މީހުން (18.4 ޕަސަންޓް)
- އެއް އަހަރާއި ދެ އަހަރާ ދެމެދު - 92 މީހުން (25.3 ޕަސަންޓް)
- އެއް އަހަރަށްވުރެ ކުރު - 131 މީހުން (36 ޕަސަންޓް)













