ދުވަސްނުފުރާ ވިހާކުދިންނަށް ދޭ މުހިންމު ބޭހެއް ރާއްޖެއިން ނުލިބޭތީ ޑޮކްޓަރުން ޝަކުވާ ކުރަން ފަށައިފި އެވެ.
މިކަން ފެންމަތިވީ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް އެ ބޭސް ނުލިބިގެން އެކްސްގައި ޕޯސްޓެއް ކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓުގައި އޭނާ ވަނީ މި ބޭސް ގެނެސްދޭނެ ބޭސްފިހާރައެއް ހުރިތޯ ސުވާލުކޮށްފަ އެވެ.
މިކަމާ ގުޅިގެން "އަދަދު" އާ ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، މި ބޭސް އެއްވެސް ވަރަކަށް މި ވަގުތު ނުލިބޭ ކަމަށެވެ. އަދި ބޭސް ނުލިބިގެން މި ވަގުތު ވެސް ޕޭޝަންޓުން އެބައުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖެއިން ހުސްވެފައިވަނީ ދުވަސްނުފުރާ ވިހާ ކުދިންނަށް ދޭ ކެލްސިއަމް ބޭހެއް ކަމަށްވާ "ޝެލްކަލް ސިރަޕް" އެވެ. މި ބޭހަކީ ކެލްސިއަމް މަދުވުމާއި ކަށީގެ ސިއްހަތަށް ބޭނުންވާ ކެލްސިއަމް އަދި ވިޓަމިން ޑީ-3 ފޯރުކޮށްދޭ ބޭހެކެވެ.
ބޭސް ހުސްވެފައިވާތީ، ސަރުކާރުގެ ބަހެއް ހޯދުމަށް މިހާތަނަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެ އެވެ. ޑރ. ފައިސަލް ވިދާޅުވީ ދެން އެންމެ އަވަހަށް މި ބޭސް ލިބޭނެ ތާރީހެއް ވެސް މިހާތަނަށް ޔަގީންވެފައިނުވާ ކަމަށެވެ.














