އުރީދޫ މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ 5ޖީ ލިބޭ ކެމްޕެއިންގެ ދަށުން ކޮންމެ ތިން ދުވަހަކުން އަގުހުރި ސައިކަލު ލިބޭ ޕްރޮމޯޝަންގެ އެންމެ އަގުހުރި ހޮންޑާ ރިބެލް 300 ގެ ނަސީބުވެރިޔަކަށް އިބްރާހިމް އަފްރާ ހޮވިއްޖެ އެވެ.
ހުޅުމާލެ ރުއްގަނޑުގައި ބޭއްވި ކުލަގަދަ ހަފްލާއެއްގައި އަފްރާއާ ހޮންޑާ ރިބެލް ސައިކަލު ހަވާލު ކޮށްފައިވާއިރު، ނަސީބުވެރިންނަށް ހޮވުނު އުރީދޫގެ އިތުރު 30 ކަސްޓަމަރުންނަށް 30 ސައިކަލު ވަނީ ހަވާލުކޮށްފަ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ކުރިއަށްދިޔަ އެ ޕްރޮމޯޝަންގެ ދަށުން ދޫކުރި ސައިކަލުތަކުގެ ތެރޭގައި ހިމެނެނީ އެއާ ބްލޭޑް 125، އެއާ ބްލޭޑް 160 އަދި ޕީސީއެކްސް 160 އެވެ.
އުރީދޫގެ އެސިސްޓެންޓް މެނޭޖާ، ޕަބްލިކް ރިލޭޝަންސް، މަރިޔަމް ޝިއުނާ ހަމީދު "އަދަދު" އަށް ވިދާޅުވީ އުރީދޫގެ ސައިކަލު ލިބޭ ޕްރޮމޯޝަން ނިންމާލީ ވަރަށް ކާމިޔާބު ކަމާ އެކު ކަމަށާއި ބޮޑު ތަރުހީބެއް ޕްރޮމޯޝަނަށް ލިބިގެންދިޔުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ.
އުރީދޫ މޯލްޑިވްސްއަކީ ރާއްޖޭގެ 60 ޕަސަންޓަށް ކަވަރުކުރާ މުޅި ގައުމުގައި ވެސް އޮތް އެންމެ ވަރުގަދަ އަދި އެންމެ ބޮޑު 5ޖީ ނެޓްވޯކެވެ.










