މިއުނިކް (ޖެނުއަރީ 26) - ހެރީ ކޭންގެ ގޯލާ އެކު، 2-1 އިން ފްރައިބާގް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ބަޔާނަށް އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބުނީ، ދެ ވަނައިގައި އޮތް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން ކުޅުނު މެޗުން އާރްބީ ލައިޕްޒިގާ 2-2 އިން އެއްވަރުވުމުންނެވެ.
ލީގުގެ އެއް ވަނައިގައި 19 މެޗުން 48 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލެވަކޫސަނަށް ވަނީ 19 މެޗުން 42 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓަށް ވަނީ 18 މެޗުން 36 ޕޮއިންޓް ލިބިފަ އެވެ.
ފްރައިބާގް ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ކޭން އެެވެ. މިއީ، މިދިޔަ ނޮވެމްބަރު މަހުގެ ފަހުން ކޭން، އޯޕަން ޕްލޭ އިން (ޕެނަލްޓީއެއް ނޫނީ ކޯނަރެއް އަދި ހިލޭ ޖެހުމެއް ނޫން ގޮތަކަށް) ގޯލެއް ޖެހި ފުރަތަމަ ފަހަރެވެ. މިއީ، ކޭން މި ފަހަރުގެ މުބާރާތުގައި ޖެހި 23 ވަނަ ގޯލެވެ. ބަޔާނާ ގުޅުނު ފަހުން ކޭން ވަނީ އެ ޓީމަށް ކުޅެދިން 70 މެޗުން 67 ގޯލު ޖަހައިފަ އެވެ.
ދެ ވަނަ ހާފުގައި ކިމް މިން ޖައޭ ވަނީ ބަޔާންގެ ލީޑުފުޅާކޮށްދީފަ އެވެ. އޭގެ ފަހުން، ފްރައިބާގުގެ ގޯލު ޖެހީ މަތިއަސް ގިންޓާ އެވެ.
ލެވަކޫސަނުން ކުޅުނު މެޗުގައި އެ ޓީމުން ޕެޓްރިކް ޝިކް އާއި އަލެކްސް ގާސިއާގެ ލަނޑުތަކުން ދެ ގޯލުގެ ލީޑެއްނެގި އެވެ. އެކަމަކު، ލައިޕްޒިގުން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ. ލައިޕްޒިގުގެ ފުރަތަމަ ލަނޑު ޖެހީ ޑޭވިޑް ރޯމް އެވެ. އަދި އެ ޓީމުން އެއްވަރުކުރީ ލެވަކޫސަންގެ އެޑްމޯން ޓަޕްސޯބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ.
ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ވަނީ 2-2 އިން ވާޑާ ބްރެމަންއާ އެއްވަރުވެފަ އެވެ. ލީގުގެ 11 ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 19 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ.












