ހިނގުމުން މަހްރޫމްވުމަކީ ހިދުމަތް ލިބުމުން މަހްރޫމްވާންވީ ސަބަބެއް ނޫން

Jan 23, 2025, 5:10 AM
އާޓް ވޯކް: ރަންކަކިޑަ

އާޓް ވޯކް: ރަންކަކިޑަ

ދަރިފުޅު ކުރާ ކޮންމެ ކަމެއް، ބައިވެރިވާ ކޮންމެ ހަރަކާތެއް ބަލަން ދިއުމަކީ ކޮންމެ މަންމައަކު ވެސް ބޭނުންވާނެ ކަމެކެވެ. އަޅުގަނޑުގެ ދަރިފުޅު ގާތުގައި އަހައިލީމެވެ. "މަންމައަށް ނުހިނގޭތީ ދަރިފުޅު ދެރަވޭތަ؟" ދަރިފުޅު ޖަވާބުގައި ބުނެލިއެވެ. "ދެރަވޭ. އެކަމު އެންމެ ބޮޑަށް ދެރަވަނީ މަންމައަށް އަޅުގަނޑާއިކު ތަންތަނަށް ނުދެވޭތީ. އަދި އެ ތަންތަނަށް ނުވަދެވޭތީ."

އަޅުގަނޑުގެ ދަރިފުޅު އަތޮޅު ގުރްއާން މުބާރާތަށް ހޮވުނު ދުވަހަކީ މަންމައެއްގެ ހައިސިއްޔަތުން އަޅުގަނޑު ވަރަށް ފަހުރުވެރިވީ ދުވަހެކެވެ. ނަމަވެސް އުފާވާންވީ ދަނޑިވަޅުގައި ވެސް އިހުސާސް ކުރެވުނީ މާޔޫސްކަމެވެ. ދަތުރުކުރުމުގައި ހުރި ދަތިތަކުގެ ސަބަބުން އަޅުގަނޑަށް އަޅުގަނޑުގެ ދަރިފުޅު ގޮވާގެން އެކަނި އެހެން ރަށަކަށް ދެވޭނެ ފުރުސަތެއް ނުލިބެ އެވެ. އަޅުގަނޑުގެ ދަރިފުޅު ކިތަންމެބޮޑަށް މަންމައާ އެކު މުބާރާތަށް ދާން ބޭނުންވިކަމުގައި ވިޔަސް، އަޅުގަނޑު ދަރިފުޅު ގާތު ބުނަން ޖެހުނީ މަންމައަށް ދަރިފުޅާއެކުގައި ދަރިފުޅު ގުރްއާން ކިޔަވާތަން ބަލަން ނުދެވޭނެ ވާހަކަ އެވެ.

އަޅުގަނޑަކީ ނުކުޅެދުންތެރިކަން ހުންނަ މީހެކެވެ. މިގޮތުން އުމުރު ދުވަސް ހޭދަ ކުރަން ޖެހިފައި މިވަނީ ނުހިނގި އެވެ. އުމުރުން 10 އަހަރުގައި ފުރޮޅުލީ ގޮނޑި ބޭނުން ކުރަން ފެށީމެވެ. ދަތުރުފަތުރުގެ ނިޒާމުގައި، އަރާ ފޭބުމުގެ ކަންތައްތައް ހުންނަ ގޮތުން، އަޅުގަނޑުމެން ކަހަލަ ފުރޮޅުލީ ގޮނޑި ބޭނުންކުރާ، އަދި ހާއްސަ އެހީއަށް ބޭނުންވާ އެހެނިހެން ފަރާތްތަކަށް ތަންތަނަށް ދިޔުމުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހެ އެވެ. ކަނޑުދަތުރު ދުއްވާ އުޅަނދުތަކަށް އަރާ ފޭބުމުގައި ވެސް ފަސް ވަރަކަށް މީހުން ވެގެން އަޅުގަނޑާއެކު ގޮނޑި އުފުއްލަން އެތަނަކަށް ދާން ޖެހެ އެވެ.

Advertisement

ހިނގާބިނގާ ވުމުގައި ދަތިތައް ހުރުމުގެ ސަބަބުން އެކަނި ލޯންޗަށް ނޭރޭނަމަ، ޖެހެނީ އެހެން ފިރިހެނެއް އަޅުގަނޑު އުފުއްލާލައިގެން އަރުވަންދެން މަޑުކުރާށެވެ. ދަތުރު ކުރާ އުޅަނދުތަކަށް އަރާ ފައިބާ އިރު އަންހެނުން މިފަދަ ގޮތްގޮތަށް އުފުއްލަން ޖެހުމަކީ ކުރުން ފަސޭހަ އަދި ކުރަން އެހާ ހިތްހަމަ ޖެހޭނޭ ކަންކަމެއް ނޫނެވެ. ނަމަވެސް ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކަކުން އުފެދިފައިވާ ގައުމަކަށް ވެފައި، ކޮންމެ ރަށެއްގައި ހުރިހާ ހިދުމަތެއް ލިބޭނެ ނިޒާމެއް ގާއިމްވެފައި ނެތުމުގެ ސަބަބުން، އަޅުގަނޑުމެން ކަހަލަ ކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ބޭނުންވާ ކަންތައްތައް ފުރިހަމަ ކުރުމަށްޓަކައި އެހެން ރަށްރަށަށް ދަތުރުކުރަން ގިނައިން މިވަނީ މަޖުބޫރުވެފަ އެވެ.

މި ގޮތަށް ކަންތައް ހުރުމުން، އަޅުގަނޑު ނުވަތަ އަޅުގަނޑުގެ ދަރިފުޅު ބަލިވިކަމުގައި ވިޔަސް، ޑޮކްޓަރަށް ދައްކަން ހޮސްޕިޓަލަށް ދިޔުމަކީ ވެސް ފަސޭހަކަމެއް ނޫނެވެ. ދިރިއުޅުމުގެ ހާލަތު ހުރިގޮތުގެ ސަބަބުން އަޅުގަނޑުގެ ފިރިމީހާ ވަޒީފާ އަދާކުރަން ޖެހިފައިމިވަނީ ރަށުން ބޭރުގަ އެވެ. އެހެންކަމުން، އަޅުގަނޑަށް އެހީތެރިވެދޭން ކައިރީގައި ފިރިމީހާއަށް ހުރެވެން ނެތް ހިނދު ދަތުރުކުރަން މިއޮންނަ އުޅަނދުތަކަށް އެކަނި އަރާނީ ކިހިނެއްހެއްޔެވެ؟ ފައިބާނީ ކިހިނެއްހެއްޔެވެ؟ ގިނަ ފަހަރު ހާބަރު ތަކުން ފައިބަން ވެސް މިޖެހެނީ އެއްބޯޓުން އަނެއް ބޯޓަށް އަރާ ހުރަސް ކޮށްގެންނެވެ. މިކަންކަން މިހެން ހުންނަ އިރު އެހެން ހިލޭ ފިރިހެނަކު ލައްވައި އަޅުގަނޑު އުފުއްލާ ހެދުމަކީ ހިތަށް ފަސޭހަ ކަމެއް ނޫނެވެ.

މިކަހަލަ ގޮންޖެހުން ތަކުގެ ސަބަބުން އަޅުގަނޑުމެން ކަހަލަ މީހުން ސިއްހީ ހިދުމަތަށް ބޭނުންވި ކަމުގައި ވިޔަސް، މި ހިދުމަތްތައް ނުލިބި އެތައް ދުވަހެއް ހުންނަން ޖެހެ އެވެ. ހާއްސަކޮށް ގިނަ ހިދުމަތްތައް ފޯރުކޮށްދޭ، ބޮޑު ހޮސްޕިޓާތައް ހުންނަ ރަށްރަށުގައި، އަޅުގަނޑުމެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަވާނެ ގޮތަށް ކަންކަން ފަރުމާކޮށްފައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މާލީ ގޮތުން ތަންދޭ މިންވަރަކުން އަޅުގަނޑުމެންނަށް ކުރިމަތިވެފައި ހުންނަ ގޮންޖެހުންތައް ނައްތާލައި، ގާނޫނުގެ ދަށުން އަޅުގަނޑުމެންނަށް ފޯރުކޮއްދޭން ޖެހޭ ހައްގުތައް ހޯދައިދިނުމީ ސަރުކާރާއި، ހިދުމަތްތައް ދޭ ފަރާތްތަކާ، އަދި އެންމެހާ ފަރާތްތަކުގެ ޒިންމާއެކެވެ.

ހިދުމަތްތައް ހޯދުމަށް އެތައް އުނދަގޫތަކަކާ ތަކުލީފުތަކެއް އުފުލަން މިޖެހެނީ އަޅުގަނޑުމެން ކަހަލަ ކިތައް މީހުންނާއި އެމީހުންގެ ދަރީންނަށްތޯ އެވެ؟ އަޅުގަނޑަށް ދާން ބޭނުންވާ ތަންތަނަށް ނުދެވުމުގެ ސަބަބުން އަޅުގަނޑުގެ ދަރިފުޅުވެސް ކަންތައްތަކުގައި ބައިވެރި ނުވެވި ހުންނަން ޖެހެ އެވެ. ތަންތަނަށް ނުވަދެވުމުގެ ސަބަބުން ނުވަތަ ކަންކަމުގައި ފުރިހަމައަށް ބައިވެރިނުވެވުމުގެ ސަބަބުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ދަރީން އެވާ ދެރަޔާއި އެކުރާ ހިތާމަވެރި އިހުސާސްތައް އަސްލު ރަނގަޅަށް ވަޒަންނުކުރެވިދާނެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮއްދިނުމުގެ ގާނޫނުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބިދޭންޖެހޭ ހިދުމަތްތައް އެމީހުންގެ އަމިއްލަ މުޖުތަމައުގައި ތިބެގެން ނޫނީ، އެމުޖުތަމައާ ވީހާވެސް ގާތުން ލިބުން މަގުފަހި ކޮށްދޭން ޖެހޭކަން ފާހަގަ ކޮށްފައިވެ އެވެ.

ނަމަވެސް އަޅުގަނޑުމެން ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތުރުފަތުރުކުރުމުގައި ހުރި ތަކުލީފުތަކުގެ ސަބަބުން ލިބެންޖެހޭ ހިދުމަތްތައް ނުލިބި ހުންނަން ޖެހޭ ފަހަރުތައް ވަރަށް ވެސް ގިނަކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިދަތިތަކާއި ގޮންޖެހުންތަކުގެ ސަބަބުން ދިރިއުޅުން އެއްކޮށް މާލެ ބަދަލުކުރަން މަޖުބޫރުވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް މަދެއްނޫނެވެ.

މުހިންމު ކަމެއްގައި މާލެ ދާންޖެހުނަސް ވަރަށް ބޮޑު ތަކުލީފުތަކާ ކުރިމަތި ލާން ޖެހެ އެވެ. މާލޭ ސަރަހައްދުގައި ފުރޮޅުލީގޮނޑީގައި އެއްތަނުން އަނެއްތަނަށް ގޮސް އުޅުމުގައި ހުރި ގޮންޖެހުންތައް ދެނެގަތުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި މާލެ ސިޓީގައި ދިރާސާކުރެވުނު ސަރަހައްދު ތަކުގެ ތެރެއިން 53 ޕަސެންޓު މީހުން ދިރިއުޅޭ އިމާރާތްތަކާއި 46 ޕަސެންޓު އާންމު ހިދުމަތްދޭ އޮފީސް އިމާރާތްތައް އަދި 50 ޕަސެންޓު ބަސްހުއްޓިއަށް ފުރޮޅުލީ ގޮނޑީގައި ވަނުމަށް ހުރަސްތައް އެބަހުއްޓެވެ.

މާލޭގައި ތަންތަން ފަރުމާ ކޮށްފައިވާ ގޮތުން އަޅުގަނޑުމެން ރަށުން ފުރޮޅުލީ ގޮނޑި ހިފައިގެން ދިޔަކަމުގައިވީ ނަމަވެސް އެ ގޮނޑި ބޭނުން ކުރެވޭނޭ ގޮތެއްނޯވެ އެވެ. ދުވާރު މަތިން ދާއިރު ވެސް ރޭމްޕް ނުހުރުމުގެ ސަބަބުން، ނޫނީ ދުއްވާ އެއްޗިހި ޕާކުކޮށްފައި ހުންނަ ގޮތުން އަޅުގަނޑުމެން ކުރިމަތިލާންޖެހޭ ދަތިތައް ވަރަށް ގިނަ އެވެ. މިކަންކަން ހައްލުކޮށް އެއްތަނުން އަނެއްތަނަށް ފަސޭހަކަމާއެކު ދެވޭނެ މަގު ފަހިކޮށްދިނުމުގައި އާންމުން ރައްޔިތުންގެ ޒިންމާ ވެސް ވަރަށް ބޮޑެވެ.

ވައިގެ މަގުން ދަތުރު ކުރާއިރު ވެސް ވަރަށް ބޮޑެތި ދަތިތަކެއް ހުރެ އެވެ. އަޅުގަނޑު އެންމެ ފަހުން މާލެ އަންނަން ޓިކެޓު ނެގި އިރު އެއާޕޯޓުގެ މުވައްޒަފުންނަށް އަޅުގަނޑަކީ ފުރޮޅުލީ ގޮނޑިއެއްގައި އުޅޭ މީހެއްކަން ދުރާލާ އެންގީމެވެ. ނަމަވެސް އެއާޕޯޓަށް ގޮސް ޗެކްއިން ވާން ވަންނަން ފެށުމުން އެއާޕޯޓުގެ ދެ މުވައްޒަފެއް އައިސް އަޅުގަނޑު ބޭނުންކުރާ ފުރޮޅުލީ ގޮނޑި ފްލައިޓަށް ނޭރުވޭނެ ކަމާއި ފްލައިޓަށް އެރޭނީ އެގޮނޑި ދޫކޮށްފައި ކަމަށް އެންގި އެވެ. ނަމަވެސް އަޅުގަނޑުފަދަ އެއްގޮތަކަށް ވެސް ނުހިނގޭ މީހަކު، މިކަހަލަ ވަސީލަތްތައް ދޫކޮށްލާފައި ތަންތަނަށް ދާނީކިހިނެއްތޯ އެވެ؟ ހަގީގަތުގައި ވެސް އަޅުގަނޑު އެތަނަށް ދިޔައިމާ އެއާޕޯޓުގެ މުވައްޒަފުންގެ ހަރަކާތްތައް ހުރި ގޮތުން އަޅުގަނޑަށް އިހުސާސްކުރެވުނީ ފުރޮޅުލީ ގޮނޑީގައި މިއީ މީހަކު ފުރަން އައި ފުރަތަމަ ފަހަރުކަމުގަ އެވެ.

ދަތުރުފަތުރުގެ ނިޒާމްތަކުގައި އަޅުގަނޑުމެންގެ ނުކުޅެދުންތެރިކަމާއި ގުޅޭ ގޮތަށް ފަސޭހަތައް ގާއިމު ކުރުމަކީ ހިދުމަތްދޭ ފަރާތުގެ ޒިންމާ އެއްކަމަށް ގާނުނު ނަންބަރު 2010/8 ގެ ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. ގާނުނު ނަންބަރު 2010/8 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނު ގައި ދަތުރުފަތުރުގެ ވަސީލަތްތަކާއި ސިއްހީ ހިދުމަތްތައް ވެސް އެހެން މީހުންނެކޭ ވެސް އެއްފަދައިން ހޯދައި ބޭނުންކުރުމުގެ ފުރުސަތު ލިބިދޭންޖެހޭނެ ކަމަށް އޮވެ އެވެ. ނަމަވެސް ހިތާމައާއިއެކު ފާހަގަ ކޮއްލަން ޖެހެނީ، މި ގާނޫނަށް 14 އަހަރު ވާއިރު ވެސް އަޅުގަނޑުމެން ކަހަލަ ފަރާތްތަކަށް މިފަދަ ހިދުމަތްތައް ލިބިގަތުމުގައި ބޮޑެތި ގޮންޖެހުން ތަކެއް ހުރިކަމެވެ. ހިނގުމުން މަހްރޫމްވުމީ ހިދުމަތްތައް ލިބިގަތުމުން މަހްރޫމްވަންވީ ސަބަބެއް ކަމަށް ގަބޫލެއް ނުކުރެވެ އެވެ.

އަޅުގަނޑު މިދެއްކި ވާހަކަތަކަކީ ރޭވުންތެރިކަން ބޭނުންވާ ކަމެކެވެ. އަދި ގިނަ ހަރަދުކުރަން ޖެހިދާނެ ކަމެކެވެ. އަދި އެ ކަންކަން ތަންފީޒު ކުރުމަށް މުއްދަތު ވެސް ބޭނުންވާނޭ ކަމެކެވެ. އެހެންނަމަ ވެސް ފަސޭހައިން ހައްލުކުރެވިދާނެ ކުދިކުދި ކަންކަން ވެސް އެ ކަންކަމާ އަޅާ ނުލެވި ހުރިކަން ވަރަށް ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މިސާލަކަށް ރަށުތެރޭގައި ދުއްވާ ބަސް ތަކުގައި ސްޕީކަރު ހަރުކޮށްފައި ހުންނައިރު ހުއްޓާތަންތަން ފާހަގަ ވާނޭހެން ޑްރައިވަރު ނުވަތަ އެހީތެރިޔާ، އެތަނުގެ ނަން އިއުލާނުކޮށްލުމަކީ ވެސް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވާނެ ކަމެއްކަން ފާހަގަ ކުރަމެވެ.

މީގެ ގާތްގަނޑަކަށް ދެ އަހަރު ކުރިން ކެއާ ސޮސައިޓީއިން ހިންގި 'ޕަވާ ޓު ޕަރސުއޭޑް' ޕްރޮގްރާމްގައި ބައިވެރިވުމުގެ ސަބަބުން، ގާނޫނުގެ ދަށުން އަޅުގަނޑުމެން ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހައްގުތަކެއް ވާކަން ދަސްވެ، މި ހައްގުތައް ހޯދަން ވަކާލާތުކުރަން އެނގުނު ކަމީ ވަރަށް ބޮޑު ނަސީބެކެވެ. އޭގެ ކުރިން އަޅުގަނޑުމެން ފަދަ މީހުންގެ ހައްގުތަކެއް ގާނޫނުގައި އޮންނަ ކަމެއް އަޅުގަނޑަކަށް ނޭނގެ އެވެ.

މިގޮތުން އެ މަސައްކަތު ބައްދަލުވުމުން އަނބުރާ އައިސް، އަޅުގަނޑު ދިރިއުޅޭ މިކުޑަ ކުޑަ ރަށުގައި އަޅުގަނޑުގެ ހައްގު ހޯދަން ކުރެވެނު މަސައްކަތުން މިސްކިތުގެ ފެންޑާއަށް ވަދެވޭ ގޮތަށް މިހާރު ވާނީ ރޭމްޕެއް ހަރުކޮށްދީފަ އެވެ. އަޅުގަނޑުގެ އުމުރުން މިހާ ދުވަސް ވީ އިރުވެސް އެންމެންނާ އެކު އީދު ނަމާދާއި ތަރާވީސް ނަމާދަށް ނުދެވި ހުރެފައި، މިދިޔަ ދެ އަހަރު ތެރޭގައި ޖަމާއަތުގައި އެންމެންނާ އެކު ބައިވެރިވެގެން ނަމާދު ކުރަން ލިބުމަކީ ވެސް އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

މިއީ އަޅުގަނޑު ވަކި ފަރުދެއްގެ ގޮތުގައި ކަމަކަށް އަޑުއުފުލައިގެން ގެނެވުނު ބަދަލަކަށް ވީހިނދު، ނުކުޅެދުންތެރިކަން ނުހުންނަ ފަރާތްތަކުގެ އަޑުތައް ވެސް މީގެ ތެރޭގައި ހިމަނައިފިނަމަ، މިކަންކަމަށް ގޮވާލާ އަޑުތައް ވަރުގަދަވެ އަޅުގަނޑުމެންގެ ދިރިއުޅުމަށް އަންނާނޭ ބަދަލުތައް ވިސްނާލެއްވުން މުހިންމެވެ.

ކޮންމެ މީހަކަށް ވެސް ކޮންމެ ވަގުތެއްގައި ވެސް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިދާނެ ހާލަތެއް އަތުވެދާނެ އެވެ. މިހެން ކަމުން ރަށްރަށުގައި ކަންކަން ރޭވުމާއި ތަރައްގީގެ މަޝްރޫއުތައް އެކުލަވާލުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލު ހޯދައި ނުކުޅެދުންތެރިކަން ހުންނަ އެންމެންގެ ބޭނުންތަކަށް ރިއާޔަތްކޮށް ދިމާވާ ދަތިތައްދެނެގަނެ އެކަމަށް ހައްލު ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. އަޅުގަނޑުގެ އެންމެ ބޮޑު އުންމީދަކީ އަޅުގަނޑުމެން ކަހަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދަތުރުކުރުމުގައި މި ހުންނަ ގޮންޖެހުންތަކަށް އަވަސް މުސްތަގްބަލެއްގައި ހައްލެއް ލިބުމެވެ. މި ފަސޭހަތަކަކީ މާބަނޑު މީހުންނާއި ދުވަސްވީ މީހުންނަށް ވެސް ލިބޭނޭ ފަސޭހައެއްކަމަށް އަޅުގަނޑު ގަބޫލުކުރަމެވެ.

ލިޔުންތެރިޔާއާ ގުޅޭ: (އައިޝަތު އަމްސޫދާ)

މި ލިޔުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ހާއްސަކޮށްގެން، ނުކުޅެދުންތެރިކަން ހުންނަ އެކްޓިވިސްޓުންގެ ކޯލިޝަނެއް ކަމަށްވާ "ޕަވާ ޓު ޕާސުއޭޑް ނެޓްވާކްގެ" ގެ ބައިވެރިއަކު ހުށަހަޅާއިދޭ ލިޔުމެކެވެ. ޕަވަރ ޓު ޕާސުއޭޑް ނެޓްވޯކްގެ މަގްސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އެމީހުންގެ ހައްޤުތަކަށް ސީދާގޮތުން ވަކާލާތުކޮށް، ދިރިއުޅުމުގެ އެކި ކަންކަމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމެވެ.

އާއިޝަތު އަމްސޫދާއަކީ ށ. ގޮއިދޫގައި ދިރިއުޅޭ، ފުރޮޅުލީ ގޮނޑި ބޭނުންކުރާ ފަރާތެކެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހިދުމަތްތައް ހޯދުމަށް ހުރި ގޮންޖެހުންތައް ނައްތާލުމަށް، ހާއްސަކޮށް ކުދި ރަށްތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސިއްހީ އަދި ތަޢުލީމީ ޙައްޤުތައް ހޯދައިދިނުމަށް އަމްސޫދާ ވަކާލާތުކުރެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox