ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްއިން ޔެލޯ އެލާޓު ނެރެފައި ވަނިކޮށް، އއ. އަދި އދ. އަތޮޅު އޮރެންޖު އެލާޓަށް ބަދަލުކޮށްފި އެވެ.
ރޭ މެންދަމު 3:00 އިން ހެނދުނު 8:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ޔެލޯ އެލާޓު ނެރެފައި ވަނީ ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށެވެ.
ނަމަވެސް ފަތިހު 4:45 އިން ފެށިގެން ހެނދުނު 8:45 އާ ދެމެދު އއ. އަދި އދ. އަތޮޅަށް ބޯކޮށް ވާރޭވި، ގުގުރައި، އަދި ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، އެ ދެ އަތޮޅު ވަނީ އޮރެންޖު އެލާޓަށް ބަދަލުކޮށްފަ އެވެ.
ރޭ މެންދަމުން ފެށިގެން މާލެ އަށް ބޯކޮށް ވާރޭ ވެހި ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެ، ހިނގާ ބިނގާވެ އުޅުމާއި ވެހިކަލް ދުއްވަން ދަތިވެފަ އެވެ. މާފަންނުގެ ބައެއް ގެތަކާއި ފިހާރަތަކަށް ވެސް ފެން ވަނެވެ.
ފެން ހިންދުމުގެ މަސައްކަތް ދިވެހި ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ދަނީ ކުރަމުންނެވެ.

ގޭބިސީތަކުގެ ހާލަތު ގާތުން މިދަނީ މޮނިޓާ ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމެންޓު އޮތޯރިޓީން ބުންޏެވެ.












