ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވުމުގެ ސަބަބުން މެޓު އޮފީހުން ނެރުނު އޮރެންޖު އިންޒާރު މިރޭ 11:00 އާ ހަމައަށް އެ އޮފީހުން ދަމަހައްޓައިފި އެވެ.
އޮރެންޖު އިންޒާރަކީ މޫސުމީ އެލާޓުގެ ތިން ވަނަ ދަރަޖަ އެވެ. އެއާ ޖެހިގެން ދެން ހަމައެކަނި އޮންނާނީ ރަތް އިންޒާރެވެ. މިއަދު އޮރެންޖު އިންޒާރު ނެރުނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ.
މީގެ ކުރިން މިއަދު އޮރެންޖު އިންޒާރު ނެރުނީ މެންދުރު ފަހުން 3:00 ފެށިގެން އިރުއޮއްސި 7:00 އާ ހަމައަށެވެ. އެކަމަކު 11:00 އާ ހަމައަށް އެ އިންޒާރު ދަމަހައްޓަން ނިންމީ މޫސުން އަދި ވެސް ގޯސްކަމުން ކަމަށް މެޓު އޮފީހުން ބުނެ އެވެ.
ވެރި ރަށް މާލެ ހިމެނޭ ގޮތަށް މާލޭ ސަރަހައްދަށް ހާއްސަކޮށް މިއަދު ވަނީ ވަރަށް ބޯކޮށް ވާރޭ ވެހިފަ އެވެ. މެޓު އޮފީހުން ބުނީ އެއް ގަޑިއިރު ތެރޭގައި މާލެއަށް 60 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށެވެ. އަދި ވެއެތުވެދިޔަ 24 ގަޑިއިރު ތެރޭގައި 140 މިލިލީޓަރުގެ ވާރޭ ވެހުނު ކަމަށް ބުންޏެވެ.
މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ވަރަށް ގިނަ ގޭބީސީތަކަށް އަދި ވިޔަފާރި ކުރާ އިމާރާތްތަކަށް ވަނީ ފެން ވަދެފަ އެވެ. އާންމުކޮށް ފެންބޮޑުވާ އައިޖީއެމްއެޗް ސަރަހައްދުގައި ފެންގަނޑު ކަކުލުން މައްޗަށް އަރަ އެވެ. އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް ވަނީ ވެއްޓިފަ އެވެ.

މުޅި މާލެ އެއްކޮށް ފެނު އަޑީގައި އޮތް އިރު، މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓާއި މަގު ބަލަހައްޓަން ފުލުހުން ގެންގުޅޭ ބެރިކޭޑު ފަދަ ތަކެތި ވަނީ އޮޔާ ގޮސްފަ އެވެ. އަދި ހިނގާބިނގާވެ އުޅެން ވަރަށް ބޮޑަށް ވަނީ ދަތިވެފަ އެވެ.
މާލޭގެ މަގުތަކުން ފެން ހިންދައި އާންމު ހާލަތަކަށް ގެނެވެންދެން ރަށު ތެރޭގައި ބަރު އުޅަނދު ނުދުއްވަން ފުލުހުން ވަނީ އަންގައިފަ އެވެ. އަދި މަގުތައް އާންމު ހާލަތަކަށް ގެނެވެންދެން ކާރާއި ހަތަރު ފުރޮޅުލީ އެހެން އުޅަނދުތައް ޒަރޫރީ ބޭނުމަކު މެނުވީ ނުދުއްވަން ވެސް ފުލުހުން ވަނީ އަންގައިފަ އެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ވަރަށް ގިނަ އެހެން ރަށްތަކުގައި ވެސް ވަނީ ފެންބޮޑުވެފަ އެވެ. އޭގެ ތެރޭގައި ރ. އިނގުރައިދޫ އާއި ފ. ނިލަންދޫ އެ އަތޮޅު މަގޫދޫ އާއި ފީއައްޔާއި ދ. ކުޑަހުވަދޫ އާއި އެ އަތޮޅު މީދޫ އާއި އދ. މާމިނގިނލި އަދި ކ. ގުރައިދޫ ހިމެނެ އެވެ.












