ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ތ. އަތޮޅަށް އޮރެންޖް އެލާޓެއް ނެރެފި އެވެ.
މެޓުން އޮރެންޖް އެލާޓް ނެރުނީ 3:00 ޖަހާއިރުން ފެށިގެން ރޭގަނޑު 7:00 ޖެހުމާ ހަމައަށެވެ.
މިއީ ރާއްޖެއަށް މިދިޔަ އަހަރުގެ ފަހު ދުވަހުން ފެށިގެން ކުރަމުންދާ ވިއްސާރަ ފެށުނު ފަހުން މެޓުން ނެރުނު ފުރަތަމަ އޮރެންޖް އެލާޓެވެ.
މީގެ އިތުރުން މެޓުން ވަނީ ބޯކޮށް ވާރޭވެހުމާ އެކު ގުގުރައި އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހުމުގެ އިތުރުން އުދަ އެރުމުގެ ސަބަބުން ފެންބޮޑުވެގެން އެމްއެންޑީއެފްއިން އަންނަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މި ހަފުތާ ބަންދަށް ވެސް ދިގުދެމިގެންދާނެ ކަމަށާއި މޫސުން ރަނގަޅުވާން ފަށާނީ ހޮނިހިރު ދުވަހަށް ފަހު ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.













