2024 ގެ އިރުވައި މޫސުން ރާއްޖެއަށް ފެށުނީ މި މަހު ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އިރުވައި މޫސުން ފެށި އޭގެ އަސަރުތައް އާންމު ގޮތެެއްގައި ޑިސެމްބަރު މަހުގެ ދެވަނަ ނުވަތަ ތިންވަނަ ހަފްތާގައި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ފަށައި، ޖެނުއަރީ މަހުގެ ތެރޭގައި މުޅި ރާއްޖެއަށް އިރުވައި މޫސުން ފެށިގެންދާ ކަމަށެވެ.
ނަމަވެސް 2024 ގެ އިރުވައި މޫސުން ޖެނުއަރީ 2، 2025، ގައި ފެށުމުން އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށްވުރެ މިފަހަރުގެ އިރުވައި މޫސުން ފެށުން ލަސްވިކަން ފާހަގަކުރެވޭ ކަމަށް މެޓުން ބުންޏެވެ.
އިރުވައި މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑަކީ ވައިގެ މިސްރާބު އިރުމަތިން ހުރެފައި، ގަޑިއަކު 10 މޭލަށްވުރެ ބާރު މިނުގައި ވައިޖެހި، އެ ހާލަތު ވިދިވިދިގެން ދެ ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިޔުމެވެ.
ދިވެހިރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުމަކީ މީލާދީ ގޮތުން ބަލާއިރު ގާތްގަނޑަކަށް ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުމަކީ މެއި މަހުން ފެށިގެން ގާތްގަނޑަކަށް ނޮވެމްބަރު މަހުގެ ނިޔަލަށެވެ.














