ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ އަށް

Jan 3, 2025, 6:24 AM
ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ކްލަބް އެޗްޑީސީ އަށް

ފަހު މެޗުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބްގެ މައްޗަށް ކުރިހޯދައި، ކްލަބް އެޗްޑީސީން ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ފަސް ޓީމު ވާދަކުރި މި ފަހަރުގެ ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން އެޗްޑީސީން ހޯދީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނަ އަށް ދިޔަ ސިފައިންގެ ކްލަބުން ރޭގެ މެޗާ ހަމައަށް އައިއިރު، އޮތީ ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެކަމަކު، ރޭގެ މެޗުން ބަލިވުމާ އެކު، އެ ޓީމަށް ލިބުނީ ނުވަ ޕޮއިންޓެވެ. ތިން ވަނަ އަށް ދިޔަ ސްޕޯޓްސް ކްލަބް ސިޓީ އަށް ހަ ޕޮއިންޓް ލިބުނުއިރު، ހަތަރު ވަނައިގައި ނިންމި ބްލޫސް ފޯ ވޮލީބޯލްގެ އޮތީ ދެ ޕޮއިންޓާ އެކު އެވެ. ލީގުގެ ފުލަށް މި ފަހަރު ވެސް ދިޔައީ ޕޮލިސް ކްލަބް އެވެ. އެ ޓީމަށް ދެ ޕޮއިންޓް ލިބުނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު ލީގުގެ ފަހު މެޗުގައި ސިފައިން ވަނީ ފުރަތަމަ ސެޓު، 21-25 އިން ކާމިޔާބުކޮށްފަ އެެވެ. އެޗްޑީސީ މޮޅުވީ ފަހަތުން އަރައި ދެން ކުޅުނު ތިން ސެޓު ކާމިޔާބުކޮށްގެންނެެވެ. އެ ގޮތުން، އެޗްޑީސީގެ ސެޓުތައް ގެންދިޔައީ، 25-19، 25-21 އަދި 25-14 އިންނެވެ.

މުބާާރާތުގެ ވަނަތަކަށް ބަލާއިރު، ބެސްޓް އައުޓްސައިޑް އެޓޭކަރަކީ، ސިފައިންގެ އާދަމް ނަސީމް އެވެ. ބެސްޓް މިޑްލް ބްލޮކަރުންނަށް ހޮވުނީ އެޗްޑީސީގެ މުހައްމަދު އަހުސަން އާއި އާދަމް ފައިރޫޒް އެވެ. ބެސްޓް ސެޓަރަކަށް، އެޗްޑީސީގެ އަލީ ނިމާލް އަދި ބެސްޓް އޮޕޮސިޓް ޕްލޭޔަރަކަށް ސިފައިންގެ ހުސެއިން ރައްޒާން ހޮވުނުއިރު، ބެސްޓް ލިބަރޯ އަކީ ސިފައިންގެ މުހައްމަދު މިމްރާހު ހަސަން (މިންމި) އެެވެ.

އެންމެ އުންމީދީ ކުޅުންތެރިއަކަށް، ބްލޫސް ފޯ ވޮލީބޯލްގެ ޔައީޝް ރިއްފަތު ހަމީދު ހޮވުނުއިރު، އެންމެ މޮޅު ކޯޗަކީ އެޗްޑީސީގެ ހުސެއިން ޝަރީފް (ނަލަ ހުސެން) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް، އެޗްޑީސީގެ ޕާކިސްތާން ކުޅުންތެރިޔާ، މުބައްޝަރު ރަޒާ ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ސިފައިންގެ ރައްޒާން އެވެ.

މީގެ ދެ މަސް ކުރިން، ކްލަބް އެޗްޑީސީން ވޮލީބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެސް ފައިނަލުގައި ދިވެހި ސިފައިންގެ ކްލަބް 3-2 އިން ބަލިކުރުމަށް ފަހު އެވެ. އެހެންކަމުން، ޖެހިޖެހިގެން ދެ މުބާރާތުގައި، އެޗްޑީސީން މި ވަނީ ސިފައިން ފަހަތަށް ޖައްސާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox