ސައިބާ ކްރައިމް އާއި ކަމާގުޅޭ އެ ނޫން ވެސް ކުށްތަކާއި އިލެކްޓްރޯނިކް ހެކި އެކުލެވިގެންވާ ކުށްތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ޓަކައި ޒާތީ މައުލޫމާތު އިންޓަސެޕްޓްކޮށް މީހުންނަށް ފާރަލެވޭ ގޮތަށް ގާނޫނުތަކަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މިއަދު ތަސްދީގު ކުރެއްވީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި, ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި ޖިނާއި މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެވެ.
އެ ބިލުތައް ތަސްދީގު ކުރުމާއެކު، ސައިބާ ކްރައިމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައި އެ ކުށުގެ ބާވަތްތައް ބަޔާންކޮށް އެފަދަ ކުށްތައް ހުއްޓުވުމަށް ގިނަ ކަންކަން ކުރުމުގެ ބާރު ތަހުގީގީ އިދާރާތަކަށް މިއަދުން ފެށިގެން ލިބިގެންދާނެ އެވެ. މައިގަނޑުގެ ގޮތެއްގައި ކުށް ހުއްޓުވުމަށް މީހުންގެ ޒާތީ މައުލޫމާތަށް އެކްސެސްވެވޭނެ މަގުފަހިވެގެންދާނެ އެވެ.
އެ ބިލުތައް މަޖިލީހަށް ހުށަހަޅައި ފާސްކުރުމުގެ މަސައްކަތް ކުރަމުންދިޔައިރު، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ.

ނަމަވެސް މާބޮޑެތި އިސްލާހުތަކެއް ކޮމިޓީ މަރުހަލާގައި ވެސް ގެނެސްފައެއް ނުވެ އެވެ.
ބިލުގައި އިތުރުކުރި އިޖުރާއަތްތައް
- ޒާތީ މައުލޫމާތު އިންޓަސެޕްޓް ކުރުމުގައި މިހާރު އަމަލުކުރާ އުސޫލުތައް
- މުއާސަލާތީ ހިދުމަތް ދޭ ފަރާތްތަކުން ކަސްޓަމަރުންގެ މައުލޫމާތު އަދި މުއާސަލާތީ ޑޭޓާ ރިޓެއިން ކުރުމާ ގުޅޭ އިޖުރާއަތް
- ރައްކާ ކޮށްފައިވާ ކޮމްޕިއުޓާ ޑޭޓާ ޕްރިޒާވުކޮށް ޓްރެފިކް ޑޭޓާ ވަކި މިންވަރަކަށް ހާމަކުރުމަށް އެންގުމޭ ގުޅޭ އިޖުރާއަތް
- ކޮމްޕިއުޓާ ޑޭޓާ އާއި ސަބްސްކްރައިބަރުންގެ މައުލޫމާތު ހޯދުމާށް ޕްރޮޑަކްޝަން އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތް
- ރައްކާ ކޮށްފައިވާ ކޮމްޕިއުޓަރު ޑޭޓާ ބަލައި ފާސްކުރުމާއި އެ ޑޭޓާ ހިފެހެއްޓުމާ ގުޅޭ އިޖުރާއަތް
- އިންޓަނެޓް ޓްރެފިކް ޑޭޓާ ވަގުތުން ވަގުތަށް ނުވަތަ ރިއަލް-ޓައިމްގައި ނެގުމަށް ކޯޓު އަމުރު ހޯދުމާއި އެ އަމުރު ތަންފީޒު ކުރުމުގެ އިޖުރާއަތްތައް.













