ގަން އެއާޕޯޓުގެ ސޯލާ މަޝްރޫއު އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން ފެނަކައަށް އަމުރެއް

ގަން އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި. އެ އެއާޕޯޓު ތަރައްގީކޮށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް އިތުރުކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ވައުދެއް --- ފޮޓޯ: އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު

ގަން އެއާޕޯޓުގައި ފްލައިޓުތަކެއް ޕާކުކޮށްފައި. އެ އެއާޕޯޓު ތަރައްގީކޮށް ބައިނަލްއަގުވާމީ ޝެޑިއުލް ދަތުރުތައް އިތުރުކުރުމަކީ ކޮންމެ ސަރުކާރެއްގެ ވެސް ވައުދެއް --- ފޮޓޯ: އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު

މުޅި ގަން އެއާޕޯޓަށް ބޭނުންވާ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ހިމެނޭހެން، އައްޑޫ ސިޓީގައި 4.5 މެގަވޮޓުގެ ސޯލާ ހައިބްރިޑު ނިޒާމެއް ގާއިމުކުރަން ފެނައިކައިން ޔޫއޭއީގެ ކްލިއާ ފިއުޗާ ސިނާޖީސް ކުންފުންޏާ ވެފައިވާ އެއްބަސްވުން ބާތިލުކުރުން މަޑުޖައްސާލަން އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.

ކޯޓު އަމުރުން އެނގޭ ގޮތުގައި ފިއުޗާ ސިނާޖީސް ކުންފުނިން މި މައްސަލަ ކޯޓަށް ހުށަހެޅީ މިދިޔަ އޮގަސްޓު 29، ގައި ފެނަކައިން އެއްބަސްވުން ބާތިލުކުރުމާ ގުޅިގެންނެވެ. ފެނަކައިން އެއްބަސްވުން ބާތިލުކުރީ ޕްރޮޖެކްޓު ހިންގަން ބޭނުންވާ ފައިސާ ހަމަޖެހިއްޖަ ކަން އަންގައިދޭ ލިޔުން އެ ކުންފުންޏަށް ހުށަނާޅައި އޮތުމުންނެވެ.

އެއްބަސްވުން ބާތިލުކުރަން ފޮނުވި ސިޓީއަކީ ބާތިލު ސިޓީއެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ކޯޓަށް ހުށަހެޅި މައްސަލައިގައި ފިއުޗާ ސިނާޖީސްއިން ބުނީ ފައިސާ ހަމެޖެހުނުކަމުގެ ލިޔުމަކީ އެއްބަސްވުމުގައި ހިމެނޭ އެއްބަސްވުން ބާތިލުކުރެވޭ ހާލަތްތަކުގެ ތެރޭގައި ހިމެނޭ ލިޔުމެއް ނޫން ކަމަށެވެ.

Advertisement

ސޯލާ ޕީވީ ނިޒާމު ގާއިމުކުރަން ސޮއިކުރި އެއްބަސްވުމުގައި، އެ އެއްބަސްވުން ބާތިލުކުރެވޭނެ ހާލަތްތަކުގެ ގޮތުގައި އޮތީ ފިއުޗާ ސިނާޖީސްއިން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކުރާ ހާލަތުގައި އެ ކަމެއް އިސްލާހުކުރަން އަންގައި ނޯޓިސް އޮފް ޑީފޯލްޓެއް ދިނުމަށް ފަހު ނުވަތަ ދެ ކުންފުނިން އެއްބަސްވެގެންނެވެ. މި ބުނާ ނޯޓިސް އޮފް ޑީފޯލްޓު ދެވެނީ ކޮމާޝަލް އޮޕަރޭޝަންތައް ފަށަން ދިން މުއްދަތުގެ އަހަރެއް ފަހަނައަޅައި ދިޔުމުންނެވެ.

ފެނަކަ އާއި ފިއުޗާ ސިނާޖީސްއާ ދެމެދު ފުރަތަމަ ސޮއިކުރި އެއްބަސްވުމުގައި ކޮމާޝަލް އޮޕަރޭޝަންތައް ފަށަން ކަނޑައެޅީ ތާރީހަކީ މާޗު 15، 2023 އެވެ. ނަމަވެސް ފަހުން އެއްބަސްވުމަށް ބަދަލު ގެނެސް މި ތާރީހު ވަނީ މި އަހަރުގެ މާޗު 15، އަށް ފަސްކޮށްފަ އެވެ.

މި ތާރީހަށް ރިއާޔަތްކޮށް ފިއުޗާ ސިނާޖީސްއިން ބުނީ، އެ ކުންފުންޏަށް ނޯޓިސް ދެވޭނީ އަންނަ އަހަރުގެ މާޗު 15، އާ ހަމައަށް އެއްބަސްވުމުގެ ދަށުން އަދާކުރަން ޖެހޭ ޒިންމާއެއް އަދާނުކުރާ ހާލަތުގައި ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން، ކަންކަން އިސްލާހުކުރަން 30 ދުވަހުގެ މުއްދަތެއް ދޭން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި ބުނެފައިވެ އެވެ.

ފިއުޗާ ސިނާޖީސްއިން ކޯޓުގައި ބުނީ އެއްބަސްވުން ބާތިލުކުރަން ސިޓީ ފޮނުވުމާ ގުޅިގެން މައްސަލަ ހައްލުކުރަން ފެނަކައާ މަޝްވަރާކުރަން މަސައްކަތް ކުރި ކަމަށެވެ. އެ ގޮތުން މިދިޔަ އޮކްޓޫބަރު 9، ގައި އެ ކުންފުންޏަށް ސިޓީއެއް ފޮނުވި ނަމަވެސް ކޯޓަށް މައްސަލަ ހުށަހެޅުމާ ހަމައަށް ވެސް ފެނަކައަށް ފޮނުވި ސިޓީއަށް ޖަވާބެއް ދީފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން ލިބިދާނެ މާލީ ގެއްލުންތަކުގެ ބައެއް ހިސާބުތައް ވެސް ފިއުޗާ ސިނާޖީސްއިން ކޯޓާ ހިއްސާކޮށްފައިވެ އެވެ. އެއީ ޕަވާ ޕާޗޭސީން އެގްރީމަންޓުގެ ދަށުން ދެ ކުންފުނިން އެއްބަސްވެފައިވާ ރޭޓުގައި ކަރަންޓު ވިއްކަމުން ގޮސްފި ހާލަތެއްގައި އެ ކުންފުންޏަށް ލިބިދާނެ ގެއްލުންތަކެވެ.

ކޯޓަށް ހުށަހެޅި ހިސާބުތަކުގައި އޮތީ ކޮންމެ ކިލޯވޯޓަކަށް 0.15 ޑޮލަރުގެ ރޭޓުން އަހަރަކު 1.6 މިލިއަން ޑޮލަރު، އަދި އެއްބަސްވެފައިވާ 20 އަހަރުގެ މުއްދަތަށް ހިސާބުކުރާއިރު 33.9 މިލިއަން ޑޮލަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން މި ޕްރޮޖެކްޓަށް 7.2 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓު ހޯދާފައިވާ ކަމަށް ވެސް ފިއުޗާ ސިނާޖީސްއިން ބުނެފައިވެ އެވެ. އަދި މިހާރު ވެސް އެ ކުންފުނިން މި މަޝްރޫއުގެ މަސައްކަތް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

ފިއުޗާ ސިނާޖީސްއަށް ރައްދު ދެމުން ފެނަކައިން ކޯޓުގައި ފާހަަގަކުރީ، ކޮމާޝަލް އޮޕަރޭޝަންތައް ފަށަން ބުނި ތާރީހެވެ. އެއްބަސްވުމުގައި މި ތާރީހު މާނަކޮށްފައި ވަނީ ޓެސްޓު އޮޕަރޭޝަންތައް ކާމިޔާބުކަމާއެކީ ނިންމާލާ ތާރީހު ކަމަށެވެ. އަދި ޕްރޮޖެކްޓުގެ އެއްބަސްވެފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތް ނުހިނގާ ކަމަށް ވެސް އެ ކުންފުނިން ކޯޓުގައި ބުންޏެވެ.

ފެނަކައިން އިތުރަށް ބުނީ، ޕްރޮޖެކްޓުގެ މަސައްކަތް ނުހިނގާތީ ފައިސާ ހަމެޖެހުނުކަމުގެ ލިޔުން ހުށަހަޅަން މުހުލަތެއް ދިނީ ފިއުޗާ ސިނާޖީސްއާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. އަދި އެ ކުންފުންޏަށް ދިން ތާރީހު ކަމުގައިވާ މި އަހަރުގެ ޖެނުއަރީ 31، ގެ ނިޔަލަށް ވެސް ފައިސާ ހަމަޖެހިފައި ނުވާކަން މި މުއާމަލާތާ ގުޅިގެން އެކި ދުވަސް މަތިން ބަދަލުކުރި އީމެއިލްތަކުން އެނގޭ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

ސޯލާ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމެޖެހުނުކަން ފިއުޗާ ސިނާޖީސްއިން ފެނަކައަށް އެންގީ މިދިޔަ ސެޕްޓެމްބަރު 17، ގަ އެވެ. އެހެންކަމުން އެ ކުންފުނިން އެއްބަސްވުމާ އެއްގޮތަށް ޒިންމާތައް އަދާނުކުރާ ކަން މީގެން ވެސް އެނގޭ ކަމަށް ފެނަކައިން ކޯޓުގައި ބުންޏެވެ. އަދި އެއްބަސްވުން ބާތިލުކުރީ ސޮއިކުރި ތާރީހުން ފެށިގެން އެއް އަހަރާ ހަތް މަސް ދުވަސް ވޭތުވެދިޔަ ފަހުން ކަމަށް ވެސް އެ ކުންފުނިން ފާހަގަކުރި އެވެ.

ފެނަކައިން މިކަންކަން ފާހަގަކުރި ނަމަވެސް، ކޯޓުން އަމުރު ނެރުނީ ފިއުޗާ ސިނާޖީސްއިން އެދުނު ގޮތަށެވެ. އަދި އެ ކޯޓުން އަމުރުކުރީ އެ މައްސަލައިގައި ހުކުމް ކުރުމާ ހަމައަށް ނުވަތަ ޝަރީއަތުން ވަކި ގޮތެއް އަންގަން ދެން ފެނަކައިން ފޮނުވި ސިޓީއަށް އަމަލު ނުކުރުމަށާއި އެ ސިޓީއާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށެވެ.

މައްސަލައިގެ ފަސްފަހަތް

އައްޑޫ ސިޓީގައި 4.5 މެގަވޮޓުގެ ކަރަންޓު އުފައްދާ ސޯލާ ޕީވީ ހައިބްރިޑް ނިޒާމެއް ގާއިމުކުރަން ފިއުޗާ ސިނާޖީސްއާއެކީ އެއްބަސްވުމެއްގައި ސޮއިކުރީ ފެނަކައިގެ ކުރީގެ މެނޭޖުމަންޓުންނެވެ. މި އެއްބަސްވުމުގެ ދަށުން ގަން އެއާޕޯޓަށް ބޭނުންވާ ވަރަށް ކަރަންޓު އުފައްދަން 2.5 މެގަވޮޓުގެ ސޯލާ ގްރިޑެއް އަދި އެ ސިޓީގެ ހުޅުމީދޫގައި ދެ މެގަވޮޓުގެ ކަރަންޓު އުފައްދާ ގްރިޑެއް ގާއިމުކުރެވޭނެ ކަމަށް އޭރު ފެނަކައިން ބުންޏެވެ.

ފެނަކައިން އިތުރަށް ބުނި ގޮތުގައި މި މަޝްރޫއު ނިމުމުން އައްޑޫގައި ކަރަންޓު އުފެއްދުމަށް ކުރާ ހޭދައިގެ ތެރެއިން އަހަރަކު ގާތްގަނޑަކަށް 2.1 މިލިޔަން ލީޓަރުގެ ޑީސަލް އެންދުން މަދުކުރެވޭނެ އެވެ. އަދި، ޖައްވަށް ބޭރުވާ ވިހަ ގޭހުގެ ތެރެއިން އަހަރަކު 5,500 ޓަނު ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox