މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ސާވިސް ސެންޓަރެއް ޅ. ނައިފަރުގައި އިއްޔެ ހުޅުވައިފި އެވެ.
އެ ސާވިސް ސެންޓަރު ހުޅުވައިދެއްވީ އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދުރީސް ކުމްރީގެ އިތުރުން ނައިފަރު ކައުންސިލުގެ ރައީސް މުހައްމަދު ރަޝީދު އެވެ.
މި ސާވިސް ސެންޓަރުން އެ ބޭންކުން ދޭ ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށް އެމްއައިބީން ބުންޏެވެ. އަދި ނައިފަރުގައި ބެހެއްޓި އެމްއައިބީގެ އޭޓީއެމްއިން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.
ނައިފަރުގައި އެމްއައިބީން ހުޅުވި ސާވިސް ސެންޓަރާ އެކު އެ ބޭންކުގެ ހިދުމަތް ޅ. އަތޮޅުގެ އިތުރުން ހއ، ހދ. ބ، ޅ، ކ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ލިބޭނެ އެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އަންނަ އަހަރު ވެސް އެ ބޭންކުގެ އޭޓީއެމްތަކާއި ސާވިސް ސެންޓަރުތައް އެކި ރަށްރަށުގައި ހުޅުވުމަށް ވަނީ ރާވައި އިއުލާން ކޮށްފަ އެވެ.











