ފުލުހުން އިންތިޒާމު ކޮށްގެން ބާއްވާ ސައިބާ އެކްސްޕޯ 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި މިއަދުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް އޮންނަ އެ އެކްސްޕޯގައި ސައިބާ ސެކިއުރިޓީގެ ދާއިރާއާ ގުޅޭ މީހުންނަށް ޕްލެޓްފޯމެއް ގާއިމުކޮށް، އެކި ސޮލިއުޝަންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެގޮތުން އެކްސްޕޯގައި ސައިބާ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު ދިނުމަށް ޕެނަލް ޑިސްކަޝަންތަކާއި ސްޓޯލްތައް ހުންނާނެ އެވެ.
އެކްސްޕޯގެ ތެރެއިން ދިރާގުގެ ހެޑް އޮފް ސައިބާ ސެކިއުރިޓީ އިސްމާއިލް ފާއިޒް ކީނޯޓް ސްޕީޗެއް މާދަމާ ދިނުމަށް ހަމަޖެހިފައިވާއިރު، ދިރާގުގެ އެކި ހިދުމަތްތައް ލިބޭ ސްޓޯލްއެއް ވެސް އެކްސްޕޯގައި ހުންނާނެ އެވެ.
ދިރާގުން އަންނަނީ ސައިބާ ސެކިއުރިޓީގެ މުހިންމުކަމާ ގުޅިގެން އަބަދުވެސް މައުލޫމާތުތައް ފޯރުކޮށްދީ، އެކި ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. އަދި އެ ކުންފުނިން އަންނަނީ ޑިޖިޓަލް ކޮމިއުނިޓީއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ސައިބާ އެކްސްޕޯއަކީ އެންމެން ގުޅިގެން ރައްކާތެރި ޑިޖިޓަލް މާހައުލެއް ގާއިމުކުރުމާއި އާންމު ރައްޔިތުން ސައިބަ ސެކިއުރިޓީއަށް އަހުލުވެރިކުރުވުމަށް ބާއްވާ އެކްސްޕޯއެކެވެ.










