އެކި ގައުމުތަކުގައި އެހީއަށް ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެއް ކަމުގައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) ގެ އޮޑިޓު ރިޕޯޓުތައް އާންމުކުރަން ބުނިތާ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު ވެސް އެ ޖަމިއްޔާއިން އެއްވެސް އޮޑިޓު ރިޕޯޓެއް އާންމުނުކުރި އެވެ.
އައިއޭސީގެ އޮޑިޓު ރިޕޯޓުތައް އާންމުކުރާނެ ކަމަށް ބުނީ، އެ ޖަމިއްޔާއަށް އެހީގެ ގޮތުގައި ދޫކުރާ ފައިސާއަށް ހިޔާނާތްތެރިވާ ކަމަށް ކުރެވެން ފެށި ތުހުމަތުތަކާ ގުޅިގެންނެވެ. ސޯޝަލް މީޑިއާގައި މިކަމާ ދެކޮޅަށް ގިނަ ބަޔަކު ވާހަކަ ދެއްކިއިރު، އެ ޖަމިއްޔާއަށް ދޭ ފައިސާ ހަރަދުކުރާ ގޮތް ދެ ފުށް ފެންނަ ގޮތަށް އާންމުކުރަން ގިނަ ބަޔަކު ގޮވާލާފައި ވެ އެވެ.
މި ތުހުމަތުތަކުން ދިފާއުވަމުން އޭރު "އަދަދު" އަށް ދިން ހާއްސަ އިންޓަވިއުއެއްގައި އައިއޭސީން ވަނީ އާންމުކޮށް ފެންނާނެހެން ހުރިހާ މައުލޫމާތެއް އާންމުންނަށް ފެންނާނެ ގޮތް ހަދައިދޭނެ ކަމަށް ބުނެފަ އެވެ. އަދި އެ ކުންފުނިން ކުރާ މަސައްކަތްތަކާ ހަރަދު ކުރާ ގޮތް އާންމުންނަށް ސާފުކޮށްދޭން ފޯރަމްތަކެއް ބާއްވާނެ ކަމަށް ވެސް ބުންޏެވެ.
މިހެން ނަމަވެސް މިއަދާ ހަމައަށް އައި އިރު ވެސް އެ ފަދަ އެއްވެސް މައުލޫމާތެއް އެ ޖަމިއްޔާއިން އާންމުނުކުރެ އެވެ. އެ ޖަމިއްޔާގެ ސޯޝަލް މީޑިއާ އެކައުންޓުތަކާއި ވެބްސައިޓުތަކުގައި ވެސް އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ފެންނާނަކަށް ނެތެވެ.
އައިއޭސީއާ މެދު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އެހީގެ ގޮތުގައި ދޭ ފައިސާއިން އެ ޖަމިއްޔާއިން ނަގާ 12.5 ޕަސެންޓު ހަރަދުކުރާ ގޮތާ މެދުގަ އެވެ. އެ ޖަމިއްޔާއަށް ތުހުމަތުކުރި މީހުން ބުނީ އެ ފައިސާ ބޭނުންކުރަމުން ދަނީ މަސްއޫލުވެރިންގެ އަމިއްލަ ބޭނުންތަކަށް ކަމަށެވެ.

މި ހުރިހާ ވާހަކަތަކެއް ދޮގު ކުރަމުން މި ނޫހަށް ދިން އިންޓައިވިއުގައި އައިއޭސީގެ މީޑިއާ އެންޑް ޕީއާރު ޑިރެކްޓަރު އަޒްހާދު އަހުމަދު ބުނީ އެ ފައިސާ ބޭނުންކުރަނީ ލޮޖިސްޓިކްސް ހަރަދުތަކަށާއި އެ ޖަމިއްޔާގެ އެހީގައި އިމާރާތްކުރާ ތަންތަނުގެ މެއިންޓެނަންސް ފަދަ ބޭނުންތަކަށް ކަމަށެވެ.







