ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދުގެ އާއިލާގެ ބަޔަކު މުލިއާގޭގައި ދިރިއުޅޭ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ތުހުމަތެއްކަން އެނގިއްޖެ އެވެ.
ބައެއް މީޑިއާތަކާއި ސޯޝަލްމީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފައި ވަނީ ސާޖިދާގެ ދެ ކޮއްކޮއަކު މުލިއާގޭގައި ދިރިއުޅެމުންދާ ކަމަށެވެ. ނަމަވެސް މުލިއާގޭގެ އިސް މުވައްޒަފަކު ވަނީ އެއީ ދޮގެއްކަން "އަދަދު" ނޫހަށް ކަށަވަރު ކޮށްދީފަ އެވެ.
"އެއްވެސް ހަގީގަތެއް ނެތް ވާހަކައެއް އެއީ، މުލިއާގޭގައި މެޑަމް ސާޖިދާގެ އާއިލާގެ އެއްވެސް މީހަކު ދިރިއެއް ނޫޅޭ،" މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއަށް ލިބޭ އިނާޔަތްތައް ބަޔާން ކޮށްފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ އާއި އެހެނިހެން އިނާޔަތްތަކާ ބެހޭ ގާނޫނުގަ އެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ދިރިއުޅެން ރަސްމީ ގެއަކާއި އެގެއަށް ބޭނުންވާ އެކަށީގެންވާ އަދަދެއްގެ މުވައްޒަފުންނާއި އެގެއަށް ހިނގާނެ ހަރަދު ދައުލަތުގެ ފަރާތުން ހަމަޖައްސަައި ދޭންވާނެ ކަމަށް އެ ގާނޫނުގެ ހަތަރުވަނަ މާއްދާގައި ބަޔާން ކޮށްފައިވެ އެވެ.

އެ ގާނޫނުގެ 17 ވަނަ މާއްދާގައި ރައީސުލްޖުމްޖޫރިއްޔާގެ އާއިލާ މާނަކޮށްދީފައި ވަނީ އެއީ:
- ރައީސުލްޖުމްހޫރިއްޔާ
- ރައީސުލްޖުމްޖުމްހޫރިއްޔާގެ އަނބިމީހާ ނުވަތަ ފިރިމީހާ
- އުމުރުން 18 އަހަރު ނުފުރޭ ދަރިން
- 18 އަހަރު ފުރިފައިވީ ނަމަވެސް ކައިވެންޏެއް ނުކޮށް ތިބޭ ދަރިން
- ހާއްސަ އެހީއަށް ބޭނުންވާ ދަރިން
- ރައީސުލްޖުމްހޫރިއްޔާގެ މަންމަ އާއި ބައްޕަ
މި ނޫހަށް މައުލޫމާތު ދިން އޮފިޝަލް ބުނީ މުލިއާގޭގައި ގާނޫނުގައި ބަޔާން ކޮށްފައިވާ އާއިލާއިން ބޭރު އެއްވެސް މީހަކު ދިރިނޫޅޭ ކަމަށެވެ.













