ގާނޫނާ ހިލާފަށް ބިދޭސީންނާ ގުޅޭ ބައެއް ކަންކަންކޮށް، މީހުން އަތުން ރިޝްވަތު ނަގަމުންދިޔަ އިމިގްރޭޝަންގެ ފަސް މުވައްޒަފެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ، ޔުނިފޯމު މުއައްސަސާތަކުގެ ތެރޭ ތިބެ، އެ ޔުނިފޯމުގެ ހުރުމަތްކަނޑައި، މުއައްސަސާގެ އިތުބާރު ގެއްލުވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު އޭނާއަށް އަންގަވާފައިވާ ކަމަށެވެ. މި މައްސަލަ ބަލަމުންދަނީ އެ އެންގެވުމުގެ ދަށުން ކަމަށް އޭނާ ވަނީ އިޝާރާތް ކުރައްވާފަ އެވެ.
"މި މައްސަލާގައި މިހާރުވާނީ މި ދެންނެވުނު ފަރާތްތަކުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފަ،" އިހުސާން ލިޔުއްވާފައިވެ އެވެ.
ރިޝްވަތު ނެގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ވަނަވަރެއް އަދި މައްސަލައިގެ އިތުރު ތަފުސީލަކަށް ވަޑައިނުގަންނަވާ އިހުސާން މިރޭ ވިދާޅުވީ، މި މައްސަލާގެ އިތުރު ތަފްސީލުތައް ތަހުގީގު ކުރިއަށްދާވަރަކުން ފުލުހުން އަދި ކަމާ ބެހޭ އެހެން އިދާރާތަކުން ހާމަކުރަމުންދާނެ ކަމަށެވެ.
މިފަދަ ކަންކަމުން ދުރުވުމަށް ވެސް އިހުސާން ވަނީ ސަރުކާރުގެ މުވައްޒަފުންނަށާއި ޔުނިފޯމް ބޮޑީތަކުގެ އޮފިޝަލުންނަށް އިލްތިމާސްކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ގައުމީ ސަލާމަތާ ގުޅޭ މައްސަލައެއްގެ ގޮތުގައި ކަނޑައަޅައި މި ސަރުކާރުން އެކަން ކުރަމުންދަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. މި މަސައްކަތަށް އާންމުންގެ ތަރުހީބު ވެސް ލިބިފައިވެ އެވެ.












