އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ ކުރިން ބޮޑެތި ގައުމުތަކުގެ ބަސް ހޯދަން ޖެހޭނަމަ ރާއްޖޭގެ މިނިވަންކަމާމެދު ސުވާލު އުފެދޭ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމު މިއަދު ވިދާޅުވެއްޖެ އެވެ.
ޕާސްޕޯޓު މަނާކުރުމަށް މަޖިލީހުގައި މިހާރު އޮތް ބިލު ވެސް ހުށަހެޅުއްވި އިދިކޮޅު އެމްޑީޕީގެ މެންބަރު މީކާއީލް މިހެން ވިދާޅުވީ، ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ބިލުގެ ކޮމިޓީ މަސައްކަތުގެ ތެރެއިން ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމުގައި ފަލާހު ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރަން ނިންމުމުގެ ކުރިން ފަލަސްތީނާއި އަރަބި ގައުމުތައް އަދި ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ބަސް ވެސް ހޯދަން ޖެހޭ ކަމަށެވެ.
ރައްދުގައި މީކާއިލް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެއަށް އެތެރެވެވޭނެ މީހުންނާއި ނުވެވޭވެނެ މީހުން ކަނޑައަޅަން "ބޮޑެތި ގައުމު" ތަކުގެ ބަހެއް ބޭނުންވާކަން މީގެކުރިން އެނގިފައިނުވާ ކަމަށެވެ.
"ވަރަށް ދެރަކޮށް ވިދާޅުވި ވާހަކައެއް އެއީ. ގައުމުގެ މިނިވަންކަމެއް އެއްވެސް ވަރަކަށް ނެތޭ ދޯ އެ ބުނެވެނީ އަސްލުގަ. މީގެ ކުރިން އެބޭފުޅުން ދެއްކި ވާހަކަތަކާ އެއްގޮތަކަށް ވެސް ދިމަލެއް ނުވޭ،" މީކާއިލް ވިދާޅުވި އެވެ.

ބޭރުގެ ގައުމުތަކުގެ ބަހާއި މަޝްވަރާ ހޯދަން ޖެހޭ ކަމަށް ވިދާޅުވުމަށްފަހު ފަލާހު ވަނީ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވާ މި ބިލަކީ ސިޔާސީ ގޮތުން ފައިދާތަކެއް ހޯދުމަށް ކުރި ކަމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރާ ކުރުން މިއަދުވެސް ތަކުރާރު ކުރައްވައިފަ އެވެ.
ނަމަވެސް، އެމްޑީޕީން މި ބިލު ހުށަހަޅާފައިވަނިކޮށް ސަރުކާރުން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރަން ކެބިނެޓުން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. ބިލު ކޮމިޓީއަށް ފޮނުވީ މި ނިންމުމަށް 10 ދުވަސް ވެސް ނުވަނީހެވެ.
ބިލުގެ މަސައްކަތް ލަސްވުމާ ގުޅިގެން އިދިކޮޅު ޕާޓީ އާއި އާންމުންގެ ގިނަ ބަޔަކު ވެސް އަންނަނީ ސަރުކާރާއި މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑުކިޔަމުންނެވެ.












