ގާނޫނުއަސާސީ ބަދަލު ކުރަން ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓަށް ފަހު ސިޔާސީ ވަޒީފާތަކެއް ތިނަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ޒުވާނުންތަކަކަށް ދީފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
"އަދަދު" އަށް މިހާތަނަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި ތިނަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ތިން ޒުވާނަކަށް ވަޒީފާ ދީފައިވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯއަކަށް ހަމަޖެއްސި ހަސަން ރީހާން ރަޝީދު އާއި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހަމަޖެއްސި އައްޔާޝް އަބްދުއް ސަމަދު އެވެ.
ރަސާން ރަޝީދުއަށް ވެސް ސިޔާސީ މަގާމެއް ދިންކަން އެނގިފައިވީ ނަމަވެސް، އޭނާއަށް ދިނީ ކޮން މަގާމެއްކަން މިހާތަނަށް ކަށަވަރު ކުރެވިފައެއް ނުވެ އެވެ.
ރަސާން އާއި އައްޔާޝްއަކީ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަލްސަން އަހުމަދުއާ އާއިލީގޮތުން ގުޅުން އޮންނަ ދެ މީހުންނެވެ.

މަގާމުތަކަށް އައްޔަނުކޮށްފައިވާ ތިން މީހުންގެ ފޮޓޯ ފޭސްބުކަށް އަލްސަން ލުމާ އެކު، ގިނަ ބަޔަކު އަންނަނީ އެ ތިން މީހުންނަށް ވެސް މަރުހަބާ ކިޔަމުންނެވެ.











