ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ ހިޔާ ފްލެޓުތަކުގައި ލިފްޓު ހަރުކުރުމުގެ އަގު ނުދިން

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަޝްރޫއު ހަވާލުކުރީ ޗައިނާ ކުންފުންޏަކާ -- ފޮޓޯ: އަދަދު

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަޝްރޫއު ހަވާލުކުރީ ޗައިނާ ކުންފުންޏަކާ -- ފޮޓޯ: އަދަދު

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރަން ޗައިނާ ކުންފުންޏަކާ ހަވާލުކުރި އަގަކީ ވިޔަފާރީގެ ސިއްރެއް ކަމަށް ބުނެ އެ މައުލޫމާތު ހާމަކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޮޅު ހަދައިފި އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް އެޗްޑީސީން ހަވާލުކޮށްފައި ވަނީ ޗައިނާގެ ޝެންޔެންގެ ޔުއަންޝާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕާ އެވެ. މި ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ އަންނަ އަހަރުގެ ޖެނުއަރީ 30، އަށެވެ.

ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މަސައްކަތް ކުރެވި ގިނަ ދުވަސްތަކެއް ގޮސްފައިވާތީ، ކޮންޓްރެކްޓަރަށް 75 ދުވަހުގެ އެކްސްޓެންޝަނެއް ދީފައިވާ ކަމަށް މި މަޝްރޫއުގެ ތަފުސީލުތައް ހިއްސާކުރަން އެދި "އަދަދު" އިން ހުށަހެޅި އާރުޓީއައިގެ ޖަވާބުގައި އެޗްޑީސީން ބުނެފައި ވެ އެވެ. އެހެންކަމުން މަސައްކަތް ނިންމަން ޖެހޭ އާ ތާރީހަކީ އަންނަ އަހަރުގެ އޭޕްރިލް 15، އެވެ.

މި ތަފުސީލުތައް ދިން ނަމަވެސް އާރުޓީއައިގައި މި ނޫހުން ހޯދަން އެދުނު ގިނަ މައުލޫމާތު ނުދޭން އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެ މައުލޫމާތުތަކަކީ މަސައްކަތް ހަވާލުކުރި އެއްބަސްވުމުގެ އަގާއި މިހާތަނަށް ދޫކުރި ފައިސާ އާއި އެކި ދުވަސް މަތިން ފައިސާ ދޫކުރި ނަމަ އެ ފައިސާ ދޫކުރި އަދަދާއި ތާރީހުތަކެވެ.

މި މައުލޫމާތު ނުދޭން އެޗްޑީސީން ނިންމީ އާރުޓީއައި ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެވެ. ގާނޫނުގެ އެ މާއްދާގައި އޮންނަނީ ވިޔަފާރި ސިއްރެއް ހިމެނިގެން ވުމާއި އެ މައުލޫމާތު ހާމަކޮށްފި ނަމަ، އެ ތިން ވަނަ ފަރާތުގެ ވިޔަފާރީގެ މަސްލަހަތަށް ނުވަތަ މާލީ މަސްލަހަތަށް ނުރަނގަޅު އަސަަރު ފޯރާނެ މައުލޫމާތު ސިއްރު ކުރެވޭ ގޮތަށެވެ. އަދި ޕްރޮޖެކްޓުގެ އަގު ސިއްރުކުރަން އެއްބަސްވެފައިވާ ހާލަތުގައި ވެސް އެ މައުލޫމާތު ނުދޭން ނިންމެ އެވެ.

ހިޔާ ފްލެޓުތަކުގައި އިތުރަށް ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ހިޔާގެ 16 ޓަވަރުން ކޮންމެ ޓަވަރެއްގައި ދެ ލިފްޓު ހަރުކުރުމެވެ. އޭގެ ތެރެއިން އެއް ލިފްޓަކީ ބަލި މީހުން އުފުލާ ސްޓްރެޗަރު އުފުލޭ ވަރުގެ ބޮޑު ލިފްޓެކެވެ. އެޗްޑީސީން ބުނި ގޮތުގައި މިހާތަނަށް ނިމުނީ މި މަޝްރޫއުގެ 29 ޕަސެންޓެވެ.

އެޗްޑީސީން މި މަސައްކަތުގެ އަގު ހާމަނުކުރި ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި މި މަޝްރޫއުގެ އަގުގެ ގޮތުގައި އޮތީ 108.4 މިލިއަން ރުފިޔާ އެވެ. އެއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އެ މަސައްކަތަށް ކަނޑައެޅި 200 މިލިއަން ރުފިޔާއަށް ވުރެ 91.6 މިލިއަން ރުފިޔާ މަދު އަދަދެކެވެ.

މިއީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައިގެން ކުރަން ފެށި މަސައްކަތެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox