ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޑިސެމްބަރު 1، ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.
ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ޒުވާނުން ބާރުވެރިކުރުމަށް ކުރިއަށްގެންދާ އެ ޕްރޮގްރާމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި އެފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
ދިރާގުން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް ހޭލުންތެރިކުރުވުން ކަމަށާއި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް އެކި ތަމްރީނު ލިބި، ވަޒީފާގެ މާހައުލުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
އެގޮތުން އެ ޕްރޮގްރާމުގެ ދަށުން ދިރާގުގެ އެޑްމިނިސްޓްރޭޝަން، މާކެޓިންގް، ސޭލްސް، ޕްރޮކިއުމެންޓް، ކޯޕަރޭޓް ސާވިސަސް، ފައިނޭންސް، ހިއުމަން ރިސޯސަސް އަދި ޓެކްނޮލޮޖީގެ ދާއިރާތަކުން އާމްދަނީ ހޯދަމުން ވަޒީފާގެ ތަޖުރިބާ އާއި ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. މިގޮތުން އޭލެވެލް ފުރިހަމަކޮށް ފުލް-ޓައިމް ވަޒީފާ އަދާނުކުރާ ހުރިހާ ޒުވާނުންނަށް ވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.
މާލޭގެ އިތުރުން ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ބ. އަތޮޅު އަދި އަރި އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގުގެ އޮޕަރޭޝަން ސެންޓަރުތަކުގައި ވެސް މި ޕްރޮގްރާމް ކުރިއަށް ދާނެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާ ހުރިހާ ޒުވާނުންނަށްވެސް އެ ފަރާތްތަކުގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމަށާއި ވަގުތު މެނޭޖުކުރުމަށާއި ޕްރޮޖެކްޓް ހިންގާނެގޮތް ފަދަ ވަޒީފާގެ މާހައުލުގައި ބޭނުންވާ މުހިންމު މައުލޫމާތާއި ބެހޭ ގޮތުން ދިރާގުގެ އެކި މުވައްޒަފުންގެ ފަރާތުން ތަމްރީނު ލިބިގެންދާނެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މި ލިންކް މެދުވެރިކޮށް ޑިސެމްބަރު 1, ގެ ނިޔަލަށް ފޯމް ހުށަހެޅޭނެ އެވެ.
ދިރާގުން އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2009 އިން ފެށިގެން މިހާތަނަށް 268 އަށްވުރެ ގިނަ ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ކުރީގެ ގިނަ ދަސްވެނިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެހެނިހެން ޖަމިއްޔާތަކުގައި ވެސް ވަޒީފާ އަދާކުރަމުންނެވެ.
ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގަރާމްގެ ޒަރިއްޔާއިން ދިރާގުން ދަނީ ޒުވާނުން ބާރުވެރިކުރުވާ، މުސްތަގުބަލުގެ ލީޑަރުން ބިނާކޮށް އަދި އެފަރާތްތަކުގެ ހުނަރު ތަރައްގީ ކުރުމަށްޓަކައި ހަރުދަނާ ތަމްރީނުތަށް ގާބިލް މެނޭޖްމަންޓް ޓީމެއްގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދަމުންނެވެ.










