ރިޕޯޓުގާނޫނާ ހިލާފުވީ ކަމަށް މާލީ ވަޒީރުގެ ހިމޭން އިއުތިރާފެއް

ގާނޫނާ ހިލާފުވީ ކަމަށް މާލީ ވަޒީރުގެ ހިމޭން އިއުތިރާފެއް

ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކަށް އެހީގެ ގޮތުގައި ދޫކުރާ ފައިސާއާ ގުޅޭ އުސޫލުތަކެއް ވަރަށް ސާފު އިބާރާތުން ކަނޑައަޅާފައިވޭ. އެކަމަކު މާލީ ވަޒީރު މަޖިލީހަށް ބަޖެޓު ފޮނުއްވެވީ ގާނޫނުގައި ބުނާ އުސޫލާ ސީދާ ހިލާފަށް.

ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ލޯކަލް ކައުންސިލުތަކަށް ދޫކުރަން ކަނޑައަޅާފައި އޮތް އަދަދަކީ ލާމަަރުކަޒީ ގާނޫނުގައި ބަޔާންކުރާ އުސޫލުން ކައުންސިލުތަކަށް ދޫކުރަން ޖެހޭ އަދަދަށް ވުރެ މަދު އަދަދެކެވެ. މިކަން އިދިކޮޅު ޕާޓީތަކުން ފާހަގަކޮށް، ކައުންސިލަރުންގެ ހުޅުގަނޑު ފަޅައިގެން ދިޔުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި ޔަގީންކަމަކީ ގާނޫނުގައި ބުނާ އަދަދަށް ކައުންސިލުތަކަށް ބަޖެޓު ހަމަޖެހިގެންދާނެ ކަމަށެވެ.

ރައީސް މި ޔަގީންކަށް ދެއްވި ނަމަވެސް ބަޖެޓު އެކުލަވާލީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަން ވަރަށް ސާފެވެ. މިކަމަށް ދަލާލަތު ކޮށްދެނީ ކައުންސިލުތަކަށް މަދުވާ ބައި ކޮންޓިންޖެންސީ ބަޖެޓުން ހަމަޖައްސައިނުމަށް އެދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވި ސިޓީ އެވެ. އެ ސިޓީގައި ސީދާ ގާނޫނާ ހިލާފަށޭ ވަޒީރު ބަޔާން ނުކުރެއްވި ނަމަވެސް، ބަޖެޓު އެކުލަވާލީ ލާމަޒަރުކަޒީ ގާނޫނުގައި ބަޔާންކުރާ އުސޫލާ ހިލާފަށް ކަމާ ދެ ބަސް ނުވެވޭ ވަރަށް ލިޔުއްވާފައި ވެ އެވެ.

"ހުށަހަޅާފައިވާ ބަޖެޓުގައި ބްލޮކް ގްރާންޓް ހިސާބު ކުރުމުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި މިހާރު ކަނޑައަޅާފައިވާ މިންގަނޑުގައި ހިފަހައްޓަން ނިންމަވައި މި ބަދަލު ގެންނަން ބޭނުންވާނެ ކަމަށް ލަފާކުރާ 699.6 މިލިއަން ރުފިޔާ, ބަޖެޓުގެ ޖުމުލަ އަދަދު އިތުރު ނުވާނެ ގޮތަށް ކޮންޓިންޖެންސީ ބަޖެޓުން ބަދަލުކުރާ ގޮތަށް ހަމަޖައްސައި ދިނުމަށް އެދި ދަންނަވަން," ޒަމީރު ފޮނުއްވެވި ސިޓީގައި ވެ އެވެ.

Advertisement

މާލީ ވަޒީރު މިހެން ލިޔުއްވުމުން ލާމަރުކަޒީ ގާނޫނަށް އަމަލުކުރުމަކީ އިހުތިޔާރީ ކަމެއް ހެން ހީވާ ކަހަލަ އެވެ. ނަމަވެސް ގާނޫނުގައި ސީދާ ކަނޑައެޅި ބަޔާންވެގެންވާ ކަމަކަށް އަމަލު ކުރުން ނޫން ގޮތެއް އެއްވެސް ރައްޔިތަކަށް ނޯވެ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާއަކަށް ވަޒީރަކަސް ދައުލަތުގެ މުވައްޒަފަކަސް ލިބޭ އިހުތިޔާރެއް ނޫނެވެ. އެހެންކަމުން މާލީ ވަޒީރު ބަޖެޓު އެކުލަވާލީ ގާނޫނަށް ހިލާފަށް ކަމަށް ބުނެވޭނެ އެވެ.

ލާމަރުކަޒީ ގާނޫނުގައި ކައުންސިލުތަކަށް ދޭ އެހީގެ ފައިސާ ދެވޭނެ ގޮތް ވަރަށް ސާފު އިބާރާތުން ކަނޑައަޅާފައި ވެ އެވެ. އެ ގާނޫނަށް 2019 ގައި ގެނައި އަށް ވަނަ އިސްލާހުގެ ދަށުން އޮންނަނީ، އެ އަހަރަކަށް ފާސްކުރާ އާމްދަނީގެ ފަސް ޕަސެންޓު އަދި ކައުންސިލުތަކުގެ އިހުތިސާސްގެ ތެރޭގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުފަދަ ސަރަހައްދުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 ޕަސެންޓު ކައުންސިލުތަކަށް ދިނުމަށެެވެ.

ކުރިން ބުނި އާމްދަނީގެ ފަސް ޕަސެންޓުގެ ތެރޭގައި ނުހިމެނެނީ ވަކިކަމަކަށް ކަނޑައެޅިފައިވާ އާމްދަނީ (އެއާޕޯޓު ޑިވެލޮޕްމަންޓް ފީ) އާއި އެ އަހަރު އާމްދަނީއަށް އިތުރުކުރަން ހުށަހަޅާ ކަންކަމުން ލިބޭނެ އާމްދަނީ އާއި ބިމާއި، ރަށްރަށާއި، ފަޅާއި، ފަރުފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ އިތުރުން ޓްރަސްޓު ފަންޑަށް ވަންނަ އާމްދަނީ އެވެ.

titledesc

މި ގޮތުން ކަނޑައަޅާ ޖުމުލަ އަދަދު ވަކިވަކި ކައުންސިލުތަކުގެ މެދުގައި ބަހަނީ ލާމަރުކަޒީ ގާނޫނުގައި ބަޔަންކޮށްފައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓްރީން ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. ފިނޭންސުން ކަނޑައެޅި ފޯމިއުލާގެ ދަށުން ކައުންސިލުތަކުން ބަޖެޓު ތައްޔާރުކުރަން ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވަނީ ނިމުނު ޖުލައި މަހުގެ ތެރޭގައި ސާކިއުލާއެއް ވެސް ނެރުއްވާފަ އެވެ.

މިހެން ނަމަވެސް އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވި ބަޖެޓުގައި ހުރި އަދަދުތަކާއި ފިނޭންސް މިނިސްޓްރީން ނެރުނު ސާކިއުލާގައި ހުރި އަދަދުތަކާ ވެސް ދިމާ ނުވާ ކަން ފާހަގަކޮށްލެ ވެ އެވެ. މިސާލަކަށް މާލޭ ސިޓީ ކައުންސިލަށް ބްލޮކް ގްރާންޓުން ލިބޭނެ ކަމަށް ލަފާކުރާ އަދަދެއްގެ ގޮތުގައި އޮތީ 202.5 މިލިއަން ރުފިޔާ އެވެ. އެކަމަކު ހުށަހަޅާފައި އޮތް ބަޖެޓުގައި އެ ކައުންސިލަށް އެހީގެ ގޮތުގައި ދޭން އޮތީ 121 މިލިއަން ރުފިޔާ އެވެ.

މަޖިލީހަށް ފޮނުވި ބަޖެޓުގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރަން އޮތް ޖުމްލައަކީ 1.4 ބިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓަރު މިއަދު ފޮނުއްވެވި ސިޓީގެ ދަށުން އިތުރުކުރާ އަދަދާއެކީ މިހާރު ކައުންސިލުތަކުގެ މެދުގައި ބަހަން އޮތް ޖުމްލަ އަދަދަކީ 2.1 ބިލިއަން ރުފިޔާ އެވެ. މިއީ ގާނޫނުގައި ބުނާ އުސޫލުގެ ދަށުން "އަދަދު" އިން ހެދި ހިސާބުތަކުން ދައްކާ އަދަދާ އެއް ވަރުގެ އަދަދެކެވެ.

އެ ގޮތުން އާމްދަނީން އުނިކުރަން ޖެހޭ ބައިތައް އުނިކުރުމަށް ފަހު ޖެހޭ އާމްދަނީއަކީ 27.9 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.3 ބިލިއަން ރުފިޔާ އެވެ. މި ފައިސާގެ ތެރެއަށް އިތުރުކުރަން ޖެހެނީ ރިސޯޓުތަކާއި ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށްތަކުގެ ކުލީގެ 40 ޕަސެންޓެވެ. އެއީ 747.7 މިލިއަން ރުފިޔާ އެވެ.

ކަން މިހެން ހުރި އިރު ލާމަރުކަޒީ ގާނޫނާ ހިލާފަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ބަޖެޓު އެކުލާވަލައި ފޮނުވި މައްސަލައިގައި ޖަވާބުދާރީ ކުރުވަން ޖެހެ އެވެ. ގާނޫނާ ހިލާފަށް އަމަލުކުރުމަކީ އެއްވެސް މީހަކަށް ނުލިބޭ އިހުތިޔާރަކަށް ވާއިރު، ވަޒީރުގެ އަމިއްލަ އިއުތިރާފުން ބަޖެޓު ހުށަހެޅީ ގާނޫނާ ހިލާފަށް ކަން ކަށަވަރެވެ.

އަމަން ހަލީމް

ޖާނަލިސްޓް

އަމަން ހަލީމް އަކީ ހުނަރުވެރި އުއްމީދީ ނޫސްވެރިއެކެވެ. އަދި ޓީވީ ޕްރެޒެންޓަރެއް ވެސް މެ އެވެ. ސިޔާސީ ދާއިރާ އިން ފެށިގެން ވިޔަފާރި އާއި އިގުސާދީ ދާއިރާގައި ވެސް އޭނާގެ ގަލަން ހިނގަ އެވެ. އޭނާ ކުރިން މަސައްކަތްކުރީ "ރާއްޖެ ޓީވީ" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox