ހުލާސާކޮށް އިއްޔެ: ސިފައިންނާއި ޕޮލިހަށް ވަނުން މަޖުބޫރު ކުރާ ޕްރޮގްރާމެއް ފަށަނީ

Nov 4, 2024, 1:17 AM
ސިފައިން އަސްކަރީ ތަމްރީނުތަކެއް ފަރިތަކުރަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ސިފައިން އަސްކަރީ ތަމްރީނުތަކެއް ފަރިތަކުރަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު

ކިޔެވުމުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުފުރައިގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމްރީނުކުރަން އަންނަ އަހަރު "ގައުމީ ހިދުމަތުގެ ޕްރޮގްރާމް" ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވި އެވެ.

ނަސްރުގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި މި ޕްރޮގްރާމް ފައްޓަވަން ނިންމާފައިވާ ކަން އިއުލާން ކުރައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ތަސައްވުރުކުރައްވާ ހިސާބަށް ސިފައިން ގެންދަން، ސިފައިންގެއަށް ބޭނުންވާ ވަރަށް ސިފައިން ނެތް ކަމަށެވެ. އަދި މިކަމަށް އެމަނިކުފާނު ހުށަހަޅުއްވާ ހައްލަކީ، ސާނަވީ ސްކޫލް ނިންމާ ކުދިންގެ ތެރެއިން ފާސްތައް ނުލިބުމާ ގުޅިގެން އިތުރަށް ކިޔެވޭގެ ގޮތެއް ނެތް ކުދިން ސިފައިންގެ އާއި ފުލުހަށް ރެކްރޫޓު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.

"އޯލެވަލް ނިމި އޭލެވަލްއަށް ނުދެވި ތިބޭ ކޮންމެ އަހަރަކު ވެސް ހިސާބުތަކުން އެބަ ދައްކާ 2000 އާއި 3000 އާ ދޭތެރޭގެ އަދަދެއްގެ ކުދިން އެބަ އުޅޭ. އޯލެވަލްއިން އެކަށީގެންވާ ވަރަކަށް ފާސް ނުވެ، އޭލަވަލްއަށް ނުދެވި. ވަޒީފާއެއް ވެސް ނުލިބޭ. އަދި ހަމަ އެހާ އެކީގައި އޭލެވަލް ނިންމާފައި ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަަށް ކޮންމެ އަހަރަކު ވެސް 500 އެއްހާ ކުދިން، 500 އާއި 1000 އާ ދޭތެރޭގައި، މަދުވެގެން 500 ކުދިން، މި ވޭތުވެ ދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ،" އެމަނިކުފާނު ވިދާޅުވި އެވެ.

މިކަން މިގޮތަށް ހުށަހައްޅުވަން ނިންމި ސަބަބު ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ނެތުމުގެ ސަބަބުން ޑްރަގާއި އެހެން ނުބައި އަމަލުތަކުގެ ތެރެއަށް ވިއްސިވިހާލިވެގެންދާ އެތައް ހާސް ޒުވާނުންނެއް އެބަ ތިބި ކަމަށެވެ. އަދި މީގެ ސަބަބުން ސަރުކާރާއި މުޖަތަމައުންނާއި އާއިލާތަކުން އުފަލަން ޖެހޭ ބުރަ ބޮޑުވެ، އޭގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ވެސް ކުރަމުންދާ ކަމަށެވެ.

"އެހެން ނަމަވެސް އެ ކުދިންނަކީ ރަނގަޅު ތަރުބިއްޔަތެއް ދެވި، މިލިޓަރީ ތަމްރީނު ދެވި، ރަނގަޅު ބަޔަކަށް ހެދި، ވަޒީފާ ލިބިފަ ތިބޭ ބަޔަކަށް ހެދިއްޖެއްޔާ، އެއީ އެ ކުދިންނަށް ވެސް އާއިލާތަކަށް ވެސް، ގައުމަށް ވެސް، ސިފައިންނަށް ވެސް ކޮށް ދެވޭނެ ވަރަށް ބޮޑު، ސިފައިންގެ ހިދުމަތަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ." ރައީސް ވިދާޅުވި އެވެ.

އެ ގޮތުން ސިފައިންގެ ހިދުމަތަށް އަހަރަކު 1000 މީހުން އަދި ފުލުހަށް އަހަރަކު 250 މީހުން މަގުން، ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި 5000 ޒުވާނުން ތަމްރީނުކުރަން އަމާޒުހިފާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިކަމަށް ޓަކައި އަންނަ އަހަރު ފަށާ ނޭޝަނަލް ސާވިސް ޕްރޮގްރާމަކީ, ގާނޫނެއް ހެދިގެން، ގާނޫނީ ބާރުވެރިކަން ލިބިފައިވާ ޕްރޮގްރާމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ގާނޫނަށް ގެންނަން ޖެހޭ ބައެއް ބަދަލުތަކަށް އިޝާރާތްކުރައްވަމުން ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވީ އެއް ކަމަކީ މިހާރު އޮންނަ ގޮތުން 16 އަހަރުގެ ކުދިންނަށް ސިފައިންނާއި ފުލުހަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރުމެވެ. އަދި ރައީސްގެ ވާހަކަތަކުން ދޭހަވީ އިތުރަށް ކިޔެވޭނެ ގޮތެއް ނެތް، އަދި ވަޒީފާއެއް ނުލިބޭ 16 އަހަރުން މަތީގެ ހުރިހާ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރު ކަމަށެވެ.

"އުމުރުން 16 އަހަރު ވުމަށް ފަހު އެ 16 އަހަރު ވެގެން އޯލެވަލް ނިންމާފައި، އެ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖިއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި މި ޕްރޮގްރާމް ފަށަން 400 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ ކަމަށެވެ. އެއީ ސަރުކާރަށް އަލަށް ފަށާ ސިޔާސަތުތައް ނުވަތަ ނިއު ޕޮލިސީ އިނީޝިއޭޓިވްސްގެ ދަށުން ބަޖެޓު ކުރެވިފައި އަދަދެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox