ސިއްހީ ހިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހުން ހޯދާ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރަންސްއަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.
އާސަންދައިން ނެރުނު އިއުލާނެއްގައި ބުނީ އާސަންދަ ސްކީމަކީ ދެމެހެއްޓިނިވި ގޮތެއްގައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވޭ ނިޒާމަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން އާސަންދަ ސްކީމްގެ ރިފޯމް ކުރުމުގެ މަސައްކަތާއި ގުޅޭ "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލު ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަން ދޭނެ ކަމަށެވެ.
"މާދަމާއިން ފެށިގެން ސަރުކާރު އަދި އަމިއްލަ ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތައް ހޯދާ މީހުންގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ މީހެއްނަމަ، ޕްރައިވެޓް އިންޝުއަރެންސަށް ބިލު ކުރާ ގޮތަށް ވަނީ ހަމަޖެހިފައި،" އާސަންދައިން ބުންޏެވެ.
އެކަންކަން ކުރިއަށް ދަނީ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ އަދި ދެފުށް ފެންނަ ފަދަ އުސޫލަކުންކަން ކަށަވަރު ކުރުމަށް އެ ފިޔަވަޅު ތަންފީޒު ކުރުމަށް ހަމަޖެހިފައި ވަނީ އެކި ފިޔަވަހިތަކަކަށް ބަހާލައިގެން، އައުޓް ޕޭޝަންޓް" އަދި "އިން-ޕޭޝަންޓް" ގެ ހިދުމަތްތައް ވަކިން ކަމަށެވެ.
ޕްރައިވެޓް އިންޝުއަރެންސް ނަގާފައިވާ ފަރާތްތަކުން އެ ފަރާތްތަކުގެ ޕެކޭޖްތަކުގެ ލިމިޓް ހަމަވުމުން ނުވަތަ ޕްރައިވެޓް އިންޝުއަރެންސްއިން އެ ހިދުމަތް ކަވަރު ނުކުރާނަމަ، އެ ފަރާތްތަކަށް މިހާރެކޭ ވެސް އެއްގޮތަށް އާސަންދައިން އެ ހިދުމަތަކަށް ކަވަރޭޖު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އާސަންދައިން ވަނީ އެ ކުންފުނި މެދުވެރިކޮށް ހިދުމަތް ލިބިގަތުމަށްފަހު އެ ކަމުގެ ރަސީދު ހޯދުމަށް އެދިފަ އެވެ. އަދި އުސޫލާއި ހިލާފަށް ހިދުމަތްދޭ މަރުކަޒުތަކުން އަމަލު ކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން ރިޕޯޓު ކުރުމަށް ވެސް އާސަންދައިން ވަނީ އެދިފަ އެވެ.
އެކަމާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް އާސަންދަ ކޮމްޕެނީގެ ހޮޓްލައިން 1400 އަށް ގުޅުމަށް ވެސް އާސަންދައިން ބުންޏެވެ.













