މި ގައުމު އެ ވައްޓައިލަނީ ހަލާކުގެ ތެރެއަށް، އެއްބާރުލުން ދެނީ އޭޖީ: ޝިފާޒު

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ބަންޑާރަ ނައިބު އަހުމަދު އުޝާމް އަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އަނިޔާވެރިކަމާއި ބިރުވެރިކަމުގެ ތެރޭގައި ފުރާނަ އަތް މައްޗަށް ލައިގެން ރައްޔިތުން ވި ގުރުބާނީން ހޯދި ގާނޫނުއަސާސީގައި އެކަށައަޅާފައިވާ ހެޔޮވެރިކަމާއި ހިންގުމުގެ ނިޒާމާއި، މިނިވަންކަމާއި ހައްގުތައް ނިގުޅައި ގަތުމަށް ރައީސް ޑރ. މުހއްމަދު މުއިއްޒު މިހާރު އެ ކުރައްވާ ހުތުމުހުތާރު މަސައްކަތްތަކުން، ޒަމާންތަކަކަށް މި ރާއްޖެ ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ ކަމަށް ދަ ޑިމޮކްރެޓްސްގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަން އާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ގާނޫނަށް ގެންނަ ބަދަލާ ގުޅޭ ގޮތުން، ކުރިން ރައީސް އޮފީހުގެ މިނިސްޓަރުކަމާއި، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ޝިފާޒު "އަދަދު" ނޫހަށް ވިދާޅުވީ ބާރުތައް މުށުތެރެއަށް ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރެއްވިޔަސް، އެކަމަށް ދައުލަތުގެ ބަންޑާރަ ނައިބު ރުހުން ނުދޭނަމަ ނުވާނެ ކަމަށެވެ.

"ބަންޑާރަ ނައިބުގެ ޒިންމާ ވަރަށް ބޮޑު މިހާރު މިއޮތް ނިޒާމު މިއޮތް ގޮތަށް ބޭއްވުމަށް، ހަރުދަނާ ކުރުމަށް. އޭގެ ބަދަލުގައި ސަރުކާރަކަށް ފަހަތަށް ފިޔަވަޅު އެޅުމަށް ގާނޫނުތައް ބަދަލުކުރުމަށް، އެ މަފުހޫމުތައް އޮޅައިލުމަށް ސަރުކާރަށް ބާރުވެރިވާ ބޭފުޅަކަށް ބަންޑާާރަ ނައިބު ވީމަ ނޫނީ މި ކަމެއް ނުކުރެވޭނެ،" ޝިފާޒު ވިދާޅުވި އެވެ.

"އެހެންވީމަ މި ނިޒާމު ހަލާކުކޮށްލުމަށް އެންމެ ބޮޑު ޒިންމާއެއް އެންމެ ބޮޑު ބާރެއް ސަރުކާރަށް ދެއްވާ ފަރާތަކަށް ވާނީ ބަންޑާރަ ނައިބު. އެޓާނީ ޖެނެރަލް އާއި ރައީސުލްޖުމްހޫރިއްޔާ ނުގުޅިއެއް މިކަމެއް ނުވާނެ."

ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި އުޝާމު މަޖިލީހުގައި ފެނިގެން ދިޔައީ ތަންދޮރު ދަންނަ، ނަޒާހަތްތެރި، އަދި ގާނޫނީ ބޭފުޅެއްގެ ގޮތުގައި ކަމަށާއި ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވެސް އޭނާ ހުންނެވީ މުއިއްޒު ވެރިކަމަށް ވަޑައިގެންފާނެތީ ކަންބޮޑުވެފައި ކަމަށް ޝިފާޒު ފާހަގަ ކުރެއްވި އެވެ.

"އޭރުވެސް އެގޮތަށް ހުރެފައި މަގާމު ލިބުނީމަ މި އެނގުނީ އެއީ ވެސް މަގާމު ލިބުނީމަ ދުލި ބަދަލުކުރައްވައި، ދެ ދުލުން ވާހަކަ ދައްކަވާ ބޭފުޅެއް ކަން،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނާއި އޭސީސީގެ ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާ ހިޔާރު ކުރާ ގޮތަށް ބަދަލުކުރާތީ ފާޑުކިޔުން އަމާޒުވުން ރައީސް މުއިއްޒު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެއްވެސް މުއައްސަސާއަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

ރައީސްގެ އެ ޕޯސްޓުގައިވާ ވާހަކަތައް ދެކޮޅު ނުޖެހޭ ކަމަށާއި ރަނގަޅު ނިޔަތުގައި ކަންކަން ގެންދާން ބޭނުންނަމަ މިހާރު އޮތް ނިޒާމު ހަރާބުނުކޮށް ބާއްވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

މިހާރު މިނިވަން ކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރަނީ މަޖިލީހުގެ ތެރެއިންނެވެ. އަދި ކޮމިޝަންތަަކުގެ ރައީސް އާއި ނައިބު ރައީސް އައްޔަން ކުރަނީ، އެ ކޮމިޝަންތަކުގެ މެންބަރުންގެ ތެރެއިން އެ ބޭފުޅުން އަމިއްލަ އަށެވެ.

މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތުން، މިހާރު އޮތް ނިޒާމު ބަދަލު ނުކޮށް ވެސް ރައީސް ބޭނުންވާ ބަޔަކު ކޮމިޝަންތަކަށް އައްޔަން ކުރެވޭނެ ކަމަށާއި ނަމަވެސް އެ މަގު ހިޔާރުނުކޮށް ސީދާ ބާރު މުށުތެރެއަށް ލުމަކީ ހުދުމުހުރާތުވުމަށް ދައްކަވާ މަންޒަރެއް ކަމަށް ވެސް ޝިފާޒު ފާހަގަ ކުރެއްވި އެވެ.

މިކަންކަން ނުހުއްޓުވައިފި ނަމަ ކުރިއަށް އޮތް ތަނުގައި ހާލަތު ގޯސްވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭސީސީ އާއި އީސީގެ ރައީސް އާއި ނައިބު ރައީސް ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ގޮތަށް ގާނޫނު ބަދަލުކުރާތީ އެކަމާ ދެކޮޅަށް މިއަދު ހެނދުނު އެމްޑީޕީން މުޒާހަރާ އަށް ނުކުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox