ނާލާފުށީ ފަގީރުކޮޔަށް ދިން ގެރި އާއި ކޮމިޝަންތަކުގެ މުސްތަގިއްލުކަން

ނާލާފުށީ ފަގީރުކޮޔަށް ދިން ގެރި އާއި ކޮމިޝަންތަކުގެ މުސްތަގިއްލުކަން

އާދައިގެ ތަނަވަސްކަމުގައި ދިރިއުޅޭ ނާލާފުށީ ރައްޔިތުންގެ ތެރެއިން ފަގީރުކޮއިގެ މިލްކުގައި އޮތީ އެންމެ ގެރިއެކެވެ. އެއީ ފަގީރުކޮޔަށް ވީ އެހެންވެ އެވެ. ފަގީރުކޮއިގެ މިލްކުގައި އޮތް ގެރިއާމެދު އަވަށްޓެރިއެއްގެ ހިތުގައި ދަހިވެތިކަން ހިނގައިފި އެވެ. ހަމައެއް ނުހަމައެއް ނުބަލައި، ހެދި އެއްޗެއް ހަދައިގެން ގެރި އޭނާގެ ބާރާއި ބެލުމުގެ ދަށަށް ގެނެސްފި އެވެ. ފަގީރުކޮއިގެ ފަގީރުކަން ވީ އިތުރު މުސީބާތަކަށެވެ. އޭނާގެ ހައްގުގައި ބަހެއް ބުނާނޭ މީހަކުވެސް ނުވި އެވެ.

ފަގީރުކޮއި މިސްރާބު ބެހެއްޓީ ނައިބުގެއާ ދިމާލަށެވެ. ނައިބުގޭ އުނދޯލީގައި ދުފައި ރަތްކޮށްގެން އިން ފަނޑިޔާރު މަނިކުފާނަށް މީނާގެ ޝިކާޔަތު ދަންނަވައިފި އެވެ. ފަނޑިޔާރުގެ އަމުރުފުޅަށް އެއްކަލަ އަވަށްޓެރިޔާވެސް ހާޒިރުކުރެވިއްޖެ އެވެ. ދެފަރާތުގެ ވާހަކަ އަޑުއަހައި، ލިބުނުހައި ދަލީލުތަކުން ހިތްހަމަޖެހި ފަނޑިޔާރުގެ އާހިރު ނިޔާ އިއްވައިފި އެވެ. މި ގެރިއަކީ ޝައްކެއްވެސް ނެތްގޮތުގައި ފަގީރުކޮއިގެ ގެރިއެކެވެ. ފަނޑިޔާރުމަނިކުފާނުގެ އަމުރުފުޅާއެކު ގެރި އެ ދަރުބާރަށް ގެނެވި ފަގީރުކޮޔާ ހަވާލުކުރެވިއްޖެ އެވެ. އަދި މީގެ ފަހުން އެއްވެސް މީހަކު ނުނިޔަތުގައި އެ ގެރިޔާ ދިމާލަށް ބަލާލުންވެސް ފަނޑިޔާރު މަނިކުފާނުގެ ގަދަ އަމުރުފުޅުން މަނާކުރައްވައިފި އެވެ.

ފަގީރުކޮއި ފަނޑިޔާރަށް ޝުކުރު ދަންނަވައި ގެރިއާއެކު ނުކުންނަން ދިމާކޮށްލި ވަގުތު ފަނޑިޔާރު ވިދާޅުވެއްޖެ އެވެ. މިއީ އަދި ހުކުމުގެ އެއްބައެވެ. އަނެއްބައި އަޑުއަހާށެވެ. ކޮޔާ އެވެ. ކަލެޔަކަށް މި ގެރިއެއް ނުބެލެހެއްޓުނެއް ނޫންހެއްޔެވެ. އެހެންވީމާ ފަގީރުކޮއިގެ ހައްގަށްޓަކައި ތިޔަ ގެރި ބަލަހައްޓައިދިނުމަށް އަހުރެން ޖާމިނުވަމެވެ. ގެރި ބާއްވަންވާނީ މިގޭ ގޯތިތެރޭގަ އެވެ. މަސައްކަތެއް ކުރުވުމަށްޓަކައި ވިޔަސް ގެރި ބޭރަށް ގެންގޮސްގެން ނުވާނެ އެވެ. ގެރި ގެންގުޅުމުގެ ހުރިހާ ބުރައެއް އުފުލަނީ އަހުރެން ކަމަށް ވީހިނދު ގެރީގެ ކިރު ހަލާލުވާނީވެސް އަހުރެންނަށެވެ. ވީމާ ފަގީރުކޮއި ގެރިން ކިރުފެލައިގެން ނުވާނެ އެވެ.

ޝަރީއަތް ނިމުނީ ފަގީރުކޮޔާ އެއްކޮޅަށެވެ. ގެރިއަކީ ފަގީރުކޮއިގެ ގެރިއެކެވެ. އެހެންނަމަވެސް އެއަކުން ކޮޔަށް ހިފޭ ބޭނުމެއް ނެތެވެ. ފަހުން މިބަސްވީ މިސާލު ބަހަކަށެވެ. މިހެން ބުނެ އުޅެނީ އެއްވެސް ބޭނުމެއް ނުކުރެވޭ ގޮތަށް މީހަކަށް އެއްޗެއް ދޭ ދިނުމަށް ނިސްބަތްކޮށެވެ. އިހުތިޔާރެއް ނެތް ގޮތެއްގައި ކަމެއް ހަވާލުކުރުމުން ވެސް މިހެން ބުނެ އުޅެ އެވެ. މަށަށް ތިޔަ މަސްއޫލިއްޔަތު ހަވާލުކުރީ ނާލާފުށީ ފަގީރަށް ގެރި ދިން ގޮތަށް ދޯ އެވެ.

ރާއްޖޭގައި ގާނޫނުއަސާސީއެއް އޮވެއެވެ. މޫސާ ކުއްޓިގެ ކެޔޮގަނޑަށް ވާހެން ބައެއް ފަހަރު ވިޔަސް ގާނޫނުއަސާސީއެއް އޮތްކަން އަހަރުމެން ދަންނަމު އެވެ. އެއަށް އަމަލުވެސް ކުރެ އެވެ. އެ ގާނޫނުއަސާސީގައި ދައުލަތުގެ އޮނިގަނޑު އެކަށައަޅާފައި އޮތްގޮތުން ވަރަށް ގިނަ އަދަދެއްގެ މިނިވަން މުއައްސަސާތަކެއް އެކަށައަޅާފައި ހުރެ އެވެ. މިއީ ދައުލަތުގެ ތިން ބާރުންކުރެ އެއްވެސް ބާރަކަށް ސީދާގޮތުގައި ނުފޫޒު ފޯރުވެން ނެތް، މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލައި އެކުރާންޖެހޭ ކަމެއް ކުރެވޭނޭ ބާރު ލިބިގެންވާ މުއައްސަސާތަކެއްކަމަށް ގާނޫނުއަސާސީ ބުނެ އެވެ.

ގާނޫނުއަސާސީގެ މިބަހަށް މި ދައުލަތުގެ ސަރުކާރުންވެސް އެއްބަސް ވެ އެވެ. އެ މުއައްސަސާތަކުގެ އެންމެ އިސް މީހާ ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ނަންގަވަން އެ އުޅުއްވަނީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަމަށް ބާރު އެޅުއްވުމުގެ ގޮތުންނެވެ. މުޅި ދައުލަތަށް ފާރަވެރިވާ މުސްތަގިއްލު މުއައްސަސާތަކުގެ ހިންގުމުގެ އެންމެ އިސް މީހާއަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ މީހަކަށް ހައްދަވަން އެ އުޅުއްވަނީ ހެޔޮނިޔަތުގައި ކަމަށް އެކަކަށް އަޅުގަނޑު ހަމަ ޔަގީނުންވެސް ގަބޫލުކުރަމެވެ.

މިނިވަން މުއައްސަސާތަކުގެ ރައީސުން ކަނޑައެޅުމަށް އެ މުއައްސަސާތަކަށް ބާރު ދީފައި އޮތީ، އެއީ މުސްތަގިއްލު މުއައްސަސާތަކެއް ކަމަށް ގާނޫނުއަސާސީގައި އޮންނާތީ އެވެ. ކޮމިޝަން ހިންގާނީ ކާކުކަން ދައުލަތުގެ އެހެން ބާރަކަށް ބުނެވޭނަމަ އެއީ މިނިވަން މުއައްސަސާއަކަށްވޭތޯ އެވެ. އެހެންވާނަމަ ވާނީ ފަގީރުކޮއިގެ މިލްކުގައި ގެރި އޮތް ހަމައިންނެވެ.

ގާނޫނުއަސާސީގައި އެއޮތް އުސޫލު ކަނޑައެޅިފަހުން މިނިވަން މުއައްސަސާތަކުގެ ގާނޫނުތައް ހަދައި، އެ ގާނޫނުތަކަށް އަމަލުކުރާތާ 15 އަހަރު ވެއްޖެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ތިން ދައުރު ނިމި، ތިން ރިޔާސީ ދައުރުގައި ހަތަރު ރައީސުން ފެނުނުއިރު އެ ގާނޫނު ބަދަލުކުރުމަށް ބަޔަކު ނޫޅުނީ އެހެން އެކަން ކުރާން ނޭނގިގެނެއް ނޫނެވެ. އެއީ ކޮށްގެންވާނޭ ކަމެއް ނޫންކަން އެނގޭތީ އެވެ. ދައުލަތުގެ މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވައި މުށުތެރެއަށް ލުމަށް މަސައްކަތްކުރުމަކީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމަށް ކުރެވޭ މަސައްކަތެކެވެ. އެކަން ހުއްޓުވާން މަސައްކަތެއް ކުރާނޭތޯއާއި ކުރާނީ ކޮން މަސައްކަތެއްތޯ ނިންމާނީ ރައްޔިތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox