ރާއްޖޭގައި މިވަގުތު އޮތް އެންމެ މުހިންމު ދެ މިނިވަން މުއައްސަސާ ކަމަށްވާ އިލެކްޝަންސް ކޮމިޝަން (އީސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއަށް ނުފޫޒު ފޯރުވޭ ގޮތަށް, އެ ދެ ކޮމިޝަނުގެ ރައީސް އާއި ނައިބު ރައީސް އައްޔަނު ކުރުމުގެ ބާރު ދިނުމަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
އީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފު ހުށަހެޅުއްވިއިރު އޭސީސީގެ ގާނޫނު ބަދަލުކުރުމުގެ ބިލު ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރު އެވެ. މި ދެ ބިލުގެ ވެސް ފުރަތަމަ ކިޔުން ވަނީ އިއްވާފަ އެވެ.
މިވަގުތު މި ދެ ކޮމިޝަނުގެ ރައީސް އަދި ނައިބު ވެސް އައްޔަނުކުރަނީ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އަދި, އޮންނަނީ މަގާމަށް އައްޔަނުކުރާ މެންބަރުންގެ މައުލޫމާތު 48 ގަޑިއިރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހަށް އަންގާ ގޮތަށެވެ.
އެ ދެ ގާނޫނު ވެސް ބަދަލުކުރަނީ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން ރައީސާއި ނައިބު ރައީސް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ގޮތަށެވެ. އެ މަގާމުތަކަށް އައްޔަނު ކުރާ މީހުންގެ ނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަން ޖެހޭނެ ކަމަށް ވެސް ދެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
އޭގެ އިތުރުން މަގާމުން އިސްތިއުފާ ހުށަހަަޅަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާއަށް ކަމަށް ހުށަހަޅާފައިވާ ދެ ބިލުގައި ވެސް ބަޔާންކޮށްފައިވެ އެވެ.













