ވަައިރަލް ވީ ވީޑިއޯ އެއް، އާލިން ދެއްކީ އޭނާގެ ތަފާތު ހުނަރު!

ވަައިރަލް ވީ ވީޑިއޯ އެއް، އާލިން ދެއްކީ އޭނާގެ ތަފާތު ހުނަރު!

ސޯޝަލް މީޑިއާގައި ވައިރާލް ވާން ފެށީ ވީޑިއޯ އެކެވެ. ކުޑަކުއްޖެއް ހަމަޖެހިލައިފައި ހަތަރެއް ނޫނީ ފަސް ވަރަކަށް ކުޅުންތެރިން ކައިރިން ނައްޓާފައި ބޯޅަ ހިފައިގެން، އެ ދަނީ އެއްވެސް ޕްރެޝަރެއް ނެތި އެވެ. ކޮންމެ އަކަސް އެ ކުޅުންތެރިއަކު ދެނެގަންނަން ވަރަށް ބޮޑަށް ޝައުގުވެރިވެއްޖެ އެވެ.

މައުލޫމާތު ސާފުކުރިއިރު، މިއީ، ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން، މިދިޔަ ހަފްތާގައި މާލޭގައި ބޭއްވި، މައިލޯ ކިޑްސް 7 ވީކެންޑް މުބާރާތުގައި ވާދަކުރަން، ށ. މިލަންދޫ އިން އައި، ނަސީރު ފާޒިރް ނިހާދު (އެންއެފްއެން) އެކެޑަމީ އަށް ކުޅެމުން އަންނަ 10 އަހަރުގެ އަހުމަދު އާލިން އާދިލް އެވެ.

ޝެޑިއުލް ބެލުމަށް ފަހު، ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި، އެންއެފްއެން ދެން އެންމެ އަވަހަށް ކުޅޭ މެޗު ބެލުމަށް އަވަސްވެގަތީމެވެ. ދަނޑަށް ދިޔައިރު، ހަތަރު ގްރައުންޑްގައި ވެސް މެޗުތައް ކުރިއަށްދެ އެވެ. އެ ތަނުން ދިމާވީ، މި މުބާރާތުގެ އިތުރުން، ކުޑަކުދިންގެ މުބާރާތްތައް ބާއްވާތާ 10 ވަރަކަށް އަހަރު ވެފައިވާ، ސޮކަ ވެޓަރަންސްގެ އިސް ފަރާތް، އަލީ ޝަމީމް (އައްޔަ)އާ އެވެ.

މީގެ ކުރިން، ވެސް އައްޔައާ އެކު މި މަސައްކަތުގައި، އުޅެފައިވާތީ، އައްޔަ ކައިރީގައި މި އައީ، މިލަންދޫގެ ޓީމު މެޗެއް، ހާއްސަކޮށް، ވީޑިއޯ ވައިރަލް ވެގެން އުޅޭ ކުއްޖާގެ ކުޅުން، ބަލާލުމަށް ކަމަށް ބުނެލީމެވެ.

"އެ ސޮރު އެއީ އާދަޔާހިލާފު މޮޅު ކުއްޖެއް. ވަރަށް ނުފެންނާނެ އެ ވަރުގެ ކުއްޖެއް އެހެން އައިސް ކުޅެލާތަނެއް،" ރަނގަޅަށް އާލިންގެ ވާހަކަ ނުފެށެނިސް، އައްޔަ އެހެން ބުނެލުމަށް ފަހު، މުބާރާތުގެ މެޗުން މެޗަށް ކުރަން ޖެހޭ އިންތިޒާމްގެ މަސައްކަތަށް އައްޔަ އަވަސްވެގަތެވެ.

އެންއެފްއެން އިން ކުއާޓާ ފައިނަލުގައި މާޒިޔާގެ ބީ ޓީމު އަތުން މޮޅުވި މެޗަށް ފަހު، އެންއެފްއެންގެ ކޯޗު، އަހުމަދު ނަސީރުއާ ދިމާކުރީމެވެ. އޭނާ ގާތުގައި އާލިން އާއި މި ޓީމާ ގުޅޭ ގިނަ ސުވާލުތަކެއް ހުރުމުން، ފަހަރަކު ސުވާލެއް ކުރަމުން ކަންކަން އޮޅުންފިލުވަން ފެށީމެވެ.

ފުރަތަމަ ސުވާލުގެ ޖަވާބުގައި ވެސް ނަސީރު ކިޔައިދިނީ އެކެޑަމީގެ ފެށުމާ ހަމައިންނެވެ.

ކިޑްސް 7 މުބާރާތުގައި ކުޅުނު އެންއެފްއެން ޓީމު

"މި އެކެޑަމީ 2017 ވަނަ އަހަރު ފެށިގެން މި ހިންގަނީ. ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭ. ދެން، އާލިން މެން މި ބެޗު ގެންގުޅޭތާ ފަސް ވަރަކަށް އަހަރު މި ވަނީ. އެހެންވީމަ މި ކުޅުންތެރިން އެނގޭ ވަރަށް ރަނގަޅަށް. މިއީ، މި ގޮތަށް މާލެ އައިސް ކުޅޭ ފުރަތަަމަ މުބާރާތް. މާ ބޮޑު ތައްޔާރީތަކެއް މި މުބާާރާތަށް ހަގީގަތުގައި ނުވެވޭ އެކަމަކު ވެސް ރަނގަޅަށް މި ދަނީ،" ނަސީރު ކިޔައިދިނެވެ.

"އާލިން އަކީ ފުޓްބޯޅަ އާއިލާއެއްގެ ކުއްޖެއް. ވަރަށް ކުޑައިރުއްފެށިގެން އާލިން ޑިވެލޮޕްވަމުން އަންނަ މަންޒަރު އެބަ ފެނޭ. މިއީ. މި ގޮތަށް މާލެ އައިސް އާލިން ކުޅޭ ފުރަތަމަ މުބާރާތް. މީގެ ކުރިން ރަށުންބޭރަށް އެންމެ ފަހަރަކު ކުޅެލަން ދިޔައީ. އެ ފަހަރު ވެސް ތަފާތު ދައްކާފައި ހުރީ. ދެ ހެޓްރިކް ނޫނީ ތިން ހެޓްރިކް ވެސް ހަދާފައި އެބަހުރޭ،"

މައިލޯ ކިޑްސް 7 މުބާރާތް ފަށައިގެން ފުރަަތަމަ ދުވަހު، އާލިންގެ ހުނަރު ފެނިގެންދާ ވީޑިއޯ، ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ. އެއާ އެކު، ގިނަ ބަޔަކު އާލިންގެ ކުޅުން ދެކިލަން އަޅުގަނޑެކޭ އެއްގޮތަށް ޝައުގުވެރިވި އެވެ. އެކަމަކު، އޭގެ ސަބަބުން އެހެން ކަމެއް ވެސް ކުރިމަތިވި ކަމަށް ނަސީރު ބުނެފައިވެ އެވެ.

"ވީޑިއޯ ވައިރަލް ވި ހިސާބުން އާލިން ވެއްޖެ ޓާގެޓަކަށް ވެސް. ކޮންމެ ޓީމެއްގެ ކުޅުންތެރިން ވެސް އާލިން މާކް ކޮށްފައި ބަހައްޓަން ވިސްނާ. އަސްލު އެކަން ރަނގަޅު، އެ ޕްރެޝަރަށް ވެސް މަޑުމަޑުން ހޭނިގެން ރަނގަޅުވާނީ، އާލިން ވަރަށް މޮޅަށް ކުޅެ، އެހެން ކުޅުންތެރިން ކުޅެން އެހީތެރިވެސް ވޭ،" ނަސީރު ބުންޏެވެ.

"ރަށުގައި ވެސް މުބާރާތްތައް ބާއްވާއިރު، ޓީމު ބެހުމުގެ ކަންކަން ކުރާއިރު، އާލިން މި ގުނަނީ ދެ ކުޅުންތެރިންގެ ގޮތުގައި، އޭނަ އެހާ ވެސް މޮޅު. އެންމެން ވެސް ބޭނުންވަނީ އާލިންއާ އެއް ޓީމެއްގައި ހުންނަން. އެއީ އިދިކޮޅަށް ކުޅެފިއްޔާ ގިނަ ފަހަރު ބަލިވަނީ،"

މައިލޯ ކިޑްސް 7 ވީކެންޑް މުބާރާތުގެ 10 އަަހަރުން ދަށުގެ ބައިގެ ސެމީ ފައިނަލުގައި، އެންއެފްއެން ވާދަކުރިއިރު، އެ ޓީމު ބަލިވީ، ރާއްޖޭގައި އެންމެ ރަނގަޅަށް އެކެޑަމީ ކުޅުންތެރިން ޑިވެލޮޕްކުރަމުން އަންނަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުންނެވެ.

ކުއާޓާ ފައިނަލް މެޗަށް ފަހު އާލިންއާ ދިމާނުވުމުން، ގަސްދު ކޮށްގެން ހުރީ ސެމީ ފައިނަލަށް ފަހު، އޭނާއާ ވާހަކަ ދައްކާލުމަށެެވެ.

އެކަމަކު، ސެމީ ފައިނަލުން ބަލިވުމުން، އެ މާޔޫސްކަމާ އެކު އާލިން ހުރީ ވަރަށް ދެރަވެފަ އެވެ. ލޮލުން ފައިބަމުން ދިޔަ ކަރުނަ ވެސް ފެނުނެވެ. އެހެންވެ، މާ ގިނަ ވާހަކަތަކެއް ދެއްކުމުގެ ބަދަލުގައި، އެންމެ ސަޕޯޓްކުރަނީ ކޮން ކުޅުންތެރިއަކަށްތޯ ބޮޑުވެގެން ފުޓްބޯޅަ ކުޅެން ޝައުގުވެރިވޭތޯ އެހުމުން، އާލިން ދިން ހަމައެކަނި ޖަވާބަކީ "ރޮނާލްޑޯ" އެވެ.

ކިޑްސް 7 މުބާރާތުގެ ތެރެއިން އާލިން ބޯލަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ

އެކަމަކު، ދަނޑުމަތީގައި އާލިން ބޯޅަ ހިފައިގެން އުޅޭއިރު، ބެންޗުގައި ތިބި އޭނާގެ އެކުވެރި އެ ޓީމުގެ އެހެން ކުޅުންތެރިން ގޮވަމުންދަނީ، އެއީ "ދަގަނޑޭ" ކަމަށެެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު ފަދަ ޓީމަށް މުހިންމު ކުޅުންތެރިއެއް ކަަމަށެވެ.

އާލިންގެ ސަބަބުން އެކަޑަމީ އަށް ވެސް ފައިދާ؛ ފުރުސަތު އިތުރުވަނީ

އެންއެފްއެން އެކެޑަމީ ހިންގުމުގައި ނަސީރު ވަނީ ރާއްޖޭގެ ކުޅިވަރުގެ ފުންނާބު އުސް ފަރާތްތަކާ އެކު ވެސް ވާހަކަ ދައްކައި ލަފާ ހޯދައިފަ އެވެ. އެ ގޮތުން، ރާއްޖޭގެ ފުޓްބޯޅައިގެ މަޝްހޫރު ދެ ކޯޗުން ކަމަށްވާ، މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި އިސްމާއިލް މަހަފޫޒް (އިންމަ)ގެ އިތުރުން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަކަށް މަސައްކަތްކުރި އަހުމަދު ނިޔާޒް (ޓެޑް) ފަދަ ފަރާތްތަކާ އެކު، އެންއެފްއެން އެކެޑަމީ އަދި މިލަންދޫގެ ފުޓްބޯޅަ އަށް ގިނަ މަސައްކަތްތަކެއް ނަސީރު އަންނަނީ ކުރަމުންނެވެ.

މި ފަަހަރު އެކެޑަމީ ގޮވައިގެން، މުބާރާތަށް ކުރި ދަތުރުގެ ސަބަބުން ވަނީ އިތުރު ފުރުސަތުތައް ފަހިވެފަ އެވެ.

"މި ވީޑިއޯ ވައިރަލްވެ، އާލިންގެ ސަބަބުން ވެސް އިތުރު ފުރުސަތުތަކެއް، އޮފާތަކެއް އެބަ ލިބޭ. އެހެން ކުޅުންތެރިން ވެސް މޮޅުވާން ހިތްވަރު ލިބޭ. މި އެކަޑަމީގައި ކުޅެފައި ތިބި ކުޅުންތެރިން މާލެ ފޮނުވައިގެން އެކި އެކި ޓީމުތަކަށް ކުޅެ، ގައުމީ ސްކޮޑާ ހަމައަށް ވެސް ގޮސްފައި އެބަހުރި ދެން މި ކަހަލަ ފުރުސަތުތައް އިތުރުވާތީ ވަރަށް ހިތްހަމަޖެހޭ،" ނަސީރު ބުންޏެވެ.

އާލިންގެ ބައްޕަ، މިލަންދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް އާދިލް އަކީ ރަށު ޓީމުގެ ކުރީގެ ކެޕްޓަނެކެވެ. އާދިލް ދެކޭގޮތުގައި، އާލިން އަށް ލިބިފައިވާ ފުޓްބޯޅައިގެ ހުނަރަކީ އާއިލީ ކަމެކެވެ.

"އާލިން އެލްކޭޖީ، ޔޫކޭޖީގައި އުޅުނުއިރުވެސް އިންޑިވިޖިއަލީ ވަރަށް ފުރިހަމަ ކުޅުމެއް ދައްކަމުން ދިޔައީ. އިންޓަ ހައުސް މުބާރާތުގައިވެސް ހުންނާނެ ވަރަށް ގިނައިން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ. ފުޓުބޯޅައިގެ ތެރޭގައި އުޅޭ މީހެއް އަޅުގަނޑުގެ ބައްޕައަކީވެސް. ދެން އަޅުގަނޑު ރަށު ޓީމުގެ ކެޕްޓަންކަންވެސް ކުރިން. އަދި އާލިންގެ ކޮއްކޮވެސް ކުޅޭނެ ވަރަށް ރަނގަޅަށް. އެހެންވީމަ އާއިލީ ހުނަރެއް މިއީ،" ރާއްޖޭގެ ނޫހެއް ކަމަށްވާ "ވަން ސްޕޯޓްސް" އަށް، އާދިލް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

އެންއެފްއެން އެކެޑަމީއާ އެކު، އައިސް އާލިން ދެއްކި ކުޅުމުގެ ސަބަބުން އޭނާ އަށް ވަނީ އިތުރު ފުރުސަތުތަކެއް ވެސް ފަހިވެފަ އެވެ. އަދި ގިނަ އޮފާތަކެއް ވެސް ލިބިފަ އެވެ. އާދިލް ވަނީ އެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

ކިޑްސް 7 މުބާރާތުގެ މެޗެއްގެ ތެރެއިން އާލިން (ކ) ބޯޅަ ހިފައިގެން.- ފޮޓޯ: އިމޭޖަސް،އެމްވީ

"އޮފާތައް ލިބިފައި އެބަހުރި މިހާރު ވެސް. ޑިސެމްބަރުގައި ތައިލެންޑްގައި އޮތް މުބާރާތަކަށް އެކަޑެމީއަކުން ގެންދަންވެގެން ވެސް ބުނި. އެއީ 12 އަހަރުން ދަށުގެ ޓީމަކަށް. އެއީ މިކޮޅުގައި ހުރުމާ، އެ ހުރިހާ ކަމަކާވެސް އެކު. އަހަރެން ބުނަން އެ ފުރުސަތުތަކަށް ވަރަށް ޕޮޒިޓިވްއޭ، އެކަމަކު، ދަތުރު ހަރަދާ، އިތުރު ހަރަދުތައް ދޭ ގޮތަށް އެކަން ކުރެވޭނީ. ދެން އެ ހުރިހާ ކަމެއްވެސް ބަރޯސާވާނީ އާލިންގެ އެކަޑެމީ، އެއީ އެން އެފް އެން އަށް. އެ އެކަޑެމީ ވަރަށް ބޮޑު ދައުރެއް އަދާކުރި އާލިންގެ ހުނަރު ކުރިއަރުވަން. އެހެންވީމަ އެކަޑެމީގެ ކޯޗުންގެ އިރުޝާދާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނީ،" އާދިލް ބުންޏެވެ.

މިލަންދޫގެ ކުޅިވަރު ކުރިއެރުވުމުގެ އެކި ކަންކަމުގައި އިސްކޮށް އުޅޭ، އެންއެފްއެންގެ ކޯޗު، ނަސީރު ވަނީ، އެ ރަށު ޓީމު ދިވެހި ޕްރިމިއާ ލީގާ ހަމައަށް ގެންދަން ވެސް މަސައްކަތްކޮށްފަ އެެވެ. އަބަދުވެސް ނަސީރު ދެކޭ ހުވަފެނަކީ، ރަށުގައި ކުޅުންތެރިން އުފައްދައިގެން، ގައުމަށް ރީތި ނަން ހޯދައިދެވޭނެ ލެވަލަށް ކުޅުންތެރިން ޑިވެލޮޕް ކުރުމެވެ،

އެ ގޮތުން، މައިލޯ ކިޑްސް 7 ވީކެންޑް މުބާރާތުން، އާލިންގެ ސަބަބުންނާ ވެސް އެކުގައި މި ހުޅުވުނު ދޮރުން އިތުރު ފުރުސަތުތަކެއް މިލަންދޫ ކުޅުންތެރިންނަށް ލިބިގެންދާނެ ކަމުގެ އުންމީދު އެބައޮތެެވެ.

ކިޑްސް 7 ވީކެންޑް މުބާރާތުގެ ތެރެއިން، އާލިންގެ ހުނަރުފެނި އޭނާއާ އެކު ފޮޓޯ ނެގި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ފުޓްބޯޅައިިގެ ނަން މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިން/ލެޖެންޑުން ހިމެނެ އެވެ. އެ ފަރާތްތަކުގެ ވަގުތު ހުސްކޮށްގެން އައިސް އާލިންގެ މެޗު ބަލައި، އޭނާއާ އެކު ފޮޓޯ ނެގުމަކީ ވެސް ވަރަށް ބައިވަރު ވާހަކަ ބުނެދޭ ކަމެކެވެ. ފުޓްބޯޅައިގެ ހުނަރު ދެނެގަނެ، ކުޅުންތެރިން ޑިވެލޮޕްކުރަން ޖެހޭ މަސައްކަތް، ރަށްރަށާއި އަތޮޅުތަކާ ހަމައިން ފަށަން ޖެހޭ ކަމީ މި ކަމުން ސާފުވާން އޮތް އެންމެ ބޮޑު ހަގީގަތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލުން މެކްސިކޯގެ 18 އަހަރުގެ މޯރާގެ ޑީލް ނިންމަނީ

މެކްސިކޯގެ އުންމީދީ ޒުވާން ކުޅުންތެރިޔާ ގިލްބާޓޯ މޯރާ ހޯދުމުގެ ރޭހުގައި ލިވަޕޫލުން ބޮޑު ކުރިއެރުމެއް ހޯދާފައިވާއިރު، މި ޑީލްގެ އަގު 50 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. އުމުރުން 18 އަހަރުގެ މޯރާ އަކީ މެކްސިކޯގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް އޮތް ހުނަރުވެރި ތަރި.

ކެރިކްގެ އިތުބާރު ގެއްލެނީ، ޔުނައިޓެޑުން ނާގަލްސްމަން ހޯދަނީ

މެންޗެސްޓާ ޔުނައިޓެޑްގެ ނަތީޖާތައް ދަށްވުމުގެ ސަބަބުން ކޯޗު މައިކަލް ކެރިކަށް އޮތް އިތުބާރު ކުޑަވެ، އޭނާގެ ބަދަލުގައި ޖަރުމަނުގެ ހޫލިއަން ނާގަލްސްމަން ގެނައުމަށް އެ ކްލަބުން ދަނީ މަސައްކަތް ކުރަމުން. ޓީމުގެ ކުޅުންތެރިންނާއި މެނޭޖްމަންޓުގެ ހިތްހަމަނުޖެހުންތައް އިތުރުވެފައިވައި.

ބަލޮގަންގެ މައްސަލައިގައި ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް

ވޯލްޑް ކަޕްގައި އެމެރިކާގެ ފޯވާޑް ބަލޮގަންއަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަނަށް ލުއިދިނުމާ ގުޅިގެން، އެފަދަ ކަންކަން ހުއްޓުވުމަށް ފީފާގެ ޑިސިޕްލިނަރީ ކޯޑަށް އިސްލާހެއް ހުށަހަޅައިފި. މި އިސްލާހު ހުށަހެޅީ ބަލޮގަންގެ ސަސްޕެންޝަން ފަސްކުރުމުގައި އެމެރިކާގެ ރައީސް ޓްރަމްޕްގެ ނުފޫޒު އޮތްކަމަށް ބުނެ، ބެލްޖިއަމާއި ޔުއެފާގެ ނުރުހުން ފީފާއަށް އޮއްވައި

އިންގްލެންޑްގެ އޮޑިޓަރުން ސިޓީގެ މައްސަލަ ތަހުގީގުކުރަން ފަށަނީ

މާލީ ގަވާއިދުތަކާ ހިލާފުވި 100 އަށް ވުރެ ގިނަ މައްސަލަ މެންޗެސްޓާ ސިޓީގެ މައްޗަށް ސާބިތުވެފައިވާތީ، އިނގިރޭސި އޮޑިޓަރުން އެ ކްލަބުގެ އެކައުންޓްތައް ތަހުގީގުކުރަން ވަނީ ތައްޔާރުވެފައެވެ. މި މައްސަލަތަކުގެ ތެރޭގައި ސައްހަ މާލީ ލިޔުންތައް ހުށަނޭޅުމާއި މުސާރައިގެ ތަފްސީލު އޮޅުވާލުން ހިމެނޭއިރު، މީގެ އަދަބެއްގެ ގޮތުން ޕޮއިންޓް އުނިކުރުން ނުވަތަ ލީގުން ވަކިކުރުން ފަދަ ފިޔަވަޅުތަކެއް އެޅުން ގާތެވެ.

ބަޔާނާއި އާސެނަލް އެއްވަރު، ރެއާލަށް މޮޅެއް، ޔުނައިޓެޑް ބަލި

ޗެމްޕިއަންސް ލީގުގައި ރޭ އާސެނަލާއި ބަޔާން މިއުނިކް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ރެއާލް މެޑްރިޑުން ވަނީ 4-1 އިން ލައިޕްޒިގު ބަލިކޮށްފައި. މީގެ އިތުރުން، އަލަށް ވާދަކުރާ ކޯމޯ އިން ވަނީ 4-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދާފައި.

ނަބާ އާއި ނަބީ، ގްރީސް މުބާރާތުގެ ކުއާޓާ ފައިނަލަށް

ގްރީސްގައި ކުރިއަށްދާ ހެލަސް އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް ކުއާޓާ ފައިނަލުން ރާއްޖޭގެ ނަބީހާ އާއި ނަބާހާ ޖާގަ ހޯދައިފި. މި ދެ ކުޅުންތެރިން ކުއާޓާ އަށް ދަތުރުކުރީ ގަދަ 16 ބުރުގައި ބަލްގޭރިއާގެ ޕެއާ ބަލިކުރުމަށްފަހުގައި

ހުރިހާ މެޗަކުން މޮޅުވެ ސިފައިން ގައުމީ ވޮލީ ލީގު ކާމިޔާބުކޮށްފި

ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ދިވެހި ސިފައިންގެ ކްލަބުން މިއަހަރުގެ ގައުމީ ވޮލީ ލީގުގެ ޗެމްޕިއަންކަން ހޯދައިފި. ސިފައިން ލީގު ކާމިޔާބުކުރީ ފަހު މެޗުގައި ކްލަބް އެޗްޑީސީއާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ހުސެއިން ރައްޒާން.

Newsletter

Get the latest news delivered straight to your inbox