ޕްރިސް (ނޮވެމްބަރު 17) - އަންނަ އަހަރު ބާއްވާ ފީފާގެ އިންތިހާބުގައި ވާދަކުރަން ފީފާގެ ގްލޯބަލް ފުޓްބޯލް ޑިވެލޮޕްމަންޓް ހެޑް، މަޝްހޫރު ކޯޗު އާސެން ވެންގާ ދެކޮޅު ހެދުމުން، ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ، ޔުއެފާގެ ތާއީދާ އެކު، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް، ފިލީޕޭ ޑިއާލޯ، އިންތިހާބަށް ކުރިމަތިލައްވައިފި އެެވެ.
މާދަމާގެ ނިޔަލަށް ފީފާ ރައީސަކު ހޮވުމުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އޮތްއިރު، ޔުއެފާ އިން އެންމެ ބޮޑަށް އިންތިހާބަށް ނެރެން މަސައްކަތްކުރި ވެންގާ އެ ކަމަށް ދެކޮޅު ހެެއްދެވި އެވެ. އެއާ އެކު، ޔުއެފާ އިން ކެންޑިޑޭޓެއް ނެރުމުގެ މަސައްކަތް އަވަސްކޮށް، ޑިއާލޯ އަށް ތާއީދުކޮށް އޭނާގެ ކެންޑިޑެސީ މި ވަނީ ހުށަހަޅައިފަ އެވެ.
ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ ޑިއާލޯގެ ކެންޑިޑެސީގެ ކަންކަމަށް ތާއީދުކޮށްފަ އެވެ.
އުމުރުުން 64 އަހަރުގެ ޑިއާލޯ އަންނަނީ 2023 ވަނަ އަހަރުން ފެށިގެން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ. އެ ގޮތުން، 2023 ވަަނަ އަަހަރުގެ ޖެނުއަރީ މަހު އެންމެ ފުރަތަމަ ޑިއާލޯ މަގާމާ ހަވާލުވީ އިންޓަރިމް (ވަގުތީ) ރައީސެއްގެ ގޮތުގަ އެވެ. އެއީ، ކުރިން ފްރާންސްގެ ފުޓްބޯޅަ ރައީސަކަށް ހުންނެވި، ނޮއެލް ލަ ގްރައެޓް އިސްތިއުފާ ދިނުމުންނެވެ. އެ ގޮތުން، 2024 ވަނަ އަހަރުގެ ނިޔަލަށް ފަސް މަސް ދުވަހަށް ޑިއާލޯ މަގާމުގައި ބަހައްޓަން އިންތިހާބުވި އެވެ. އަދި، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޑިއާލޯ ވަނީ ހަތަރު އަހަރުގެ ދައުރަކަށް އިންތިހާބުވެފަ އެވެ.
ޑިއާލޯ، އެންމެ ފުރަތަމަ ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނާ ގުޅުނީ 2021 ވަނަ އަހަރު އެވެ. އަދި، އެ އަހަރު ފަހުކޮޅު، އެ ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމަށް އިންތިހާބުވި އެވެ.
ފީފާގެ ރައީސްގެ މަގާމު ލިބޭނީ، ފީފާ މެމްބަރު، 211 ގައުމުގެ ތެރެއިން، މަދުވެގެން 106 ގައުމުގެ ތާއީދު ހޯދައިގެންނެވެ. މި ވަގުތަށް ބަލާއިރު، އިންފަންޓީނޯ އަށް މި ވަނީ، 47 ގައުމު ހިމެނޭ އޭއެފްސީ އާއި 54 ގައުމު ހިމެނޭ އެފްރިކާގެ ކާފްގެ ތާއީދު ލިބިފަ އެވެ.
އަންނަ އަހަރު މާޗް މަހު ބާއްވާ އިންތިހާބުގައި، އިންފަންޓީނޯ އާއި ޑިއާލޯގެ އިތުރުން ދެން ވާދަކުރަނީ، ސްވިޒަލެންޑްގެ ރަމޮން ވޭގާ އާއި ޖަޕާން ފުޓްބޯޅައިގެ އޮނޮރަރީ ޕްރެޒިޑެންޓް، ކޯޒޯ ޓަޝީމާ އެވެ.







