ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އާމިން އުމަރު މޫސާ އާއި އިޔަން އަހުމަދު، ގައުމީ ބޮޑީބޯޑިން ލީގާއި ޖޫނިއާ ލީގުގެ ޓައިޓަލް ދިފާއުކޮށްފި އެވެ.
މި އަހަރުގެ ބޮޑީބޯޑިން ސީޒަން ނިމުނީ ގައުމީ ބަނޑުފިލާ ޗެލެންޖުންނެވެ. އެ މުބާރާތުގެ މެންސް އޯޕަން ބައިގެ ޗެމްޕިއަންކަން އާމިން ހޯދީ ފައިނަލް ހީޓުގައި އަލީ ޖާވިދު (ޖާއްޓެ)ގެ މައްޗަށް ކުރިހޯދައިގެންނެވެ. އާމިން ވަނީ ފައިނަލް ހީޓުގައި، 11.77 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަދި، ޖާއްޓެ އަށް އެއްކުރެވުނީ 10.00 ޕޮއިންޓެވެ.
މި ފަހަރުގެ ބުރު ޝިކާރު ޗެލެންޖުގެ ޗެމްޕިއަންކަން ހޯދައި ރަންދާ ބޮޑީބޯޑިން ޗެލެންޖުގެ ދެ ވަނަ އަށް ދިޔަ އާމިން ގައުމީ ލީގުގެ ޗެމްޕިއަންކަން ހޯދިއިރު، 2990 ޕޮއިންޓް ސްކޯކުރި އެވެ. ދެ ވަނަ އަށް ދިޔަ އަސްވާން މުހައްމަދު 2377 ޕޮއިންޓް އަދި ތިން ވަނަ ހޯދި އަޝްރަފް ހަސަން ވަނީ 2265 ޕޮއިންޓް ސްކޯކޮށްފަ އެވެ. އަޝްރަފް ވަނީ ރަންދާ ބޮޑީބޯޑިން ޗެލެންޖު ކާމިޔާބުކޮށްފަ އެވެ.
އަދި، ހަތަރެއްގައި ނިންމި ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު، އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި ޖޫނިއާ ލީގުގެ ޗެމްޕިއަންކަން ދިފާއުކުރި އިޔަން އަށް ވަނީ 2156 ޕޮއިންޓް ލިބިފަ އެވެ.
ބަނޑުފިލާ ޗެލެންޖުގެ ސެމީ ފައިނަލުގައި އާމިން އަތުން ބަލިވި އިޔަން ވަނީ ޖޫނިއާ ފައިނަލުގައި އަހުމަދު ޖިވާއު ޖިހާދުގެ މައްޗަށް ކުރިހޯދައިފަ އެވެ. ފައިނަލް ހީޓުގައި އިޔަން ސްކޯކުރީ 10.90 ޕޮއިންޓެވެ. ދެ ވަނަ އަށް ދިޔަ ޖިވާއު ވަނީ 9.80 ޕޮއިންޓް ސްކޯކޮށްފަ އެވެ.
ޖޫނިއާ ލީގުގެ ޗެމްޕިއަންކަން އިޔަން ހޯދީ 2557 ޕޮއިންޓް ސްކޯކޮށްގެންނެވެ. ދެ ވަނަ އަށް ދިޔަ ޖިވާއު ވަނީ 2531 ޕޮއިންޓް ހޯދައިފަ އެވެ.







