ކޮންމެ އަހަރަކު ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން ކަމަށްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބޮޑު ތަރުހީބަކާ އެކު ހުޅުމާލޭގައި މިއަދު ބާއްވައިފި އެވެ.
އެ ދުވުމުގައި އެކި ކެޓަގަރީތަކުން 4،400 ދުވުންތެރިން ބައިވެރިވި އެވެ.
މިއަދު ފަތިހު 5:00 ޖެހިއިރު ފުރަތަމަ ކުރިއަށް ދިޔައީ ހާފް މެރަތަން ގެ އިތުރުން 10 ކިލޯ މީޓަރު ދުވުމެވެ. ސްކޫލްތަކުގެ އިތުރުން އޮފީސްތަކާއި ރިސޯޓްތަކަށް ކުރިއަށް ގެންދާ ފަސް ކިލޯ މީޓަރު ދުވުން ކުރިއަށް ގެންދިޔައީ ހަވީރު 4:00 އިން ފެށިގެން އިރުއޮއްސި 06:00 ޖެހުމާ ހަމައަށެވެ.
ހަވީރު ކުރިއަށް ދިޔަ ފަސް ކިލޯ މީޓަރު ދުވުމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއުގެ އިތުރުން އެކި ރިސޯޓުތަކާއި ކުންފުނިތަކުގެ އިސްވެރިންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރޭސް ފުރިހަމަ ކުރި އެންމެންނަށް މެޑަލް ހަވާލުކުރިއިރު ވަނަވަނައަށް ދިޔަ ދުވުންތެރިންނަށް އިނާމު ވެސް ވަނީ ހަވާލުކޮށްފަ އެވެ.
އެ ދުވުމުގައި ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.
ދިރާގު މޯލްޑިވްސް ރޯޑްރޭސްއަކީ ރާއްޖޭގައި މިގޮތަށް ބާއްވަމުންދާ ބައިނަލްއަގުވާމީ ހަމައެކަނި ދުވުމެވެ.











