ދިޔަވަރު.ކޮމް ގެ ނަމުގައި ރާއްޖޭގައި ހިންގާ ވެބްސައިޓުން ފަތުރާ ހަބަރުތަކާ މެދު އާންމުން ސަމާލުވުމަށް މީޑިއާ ކައުންސިލުން އެދިއްޖެ އެވެ.
މީޑިއާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިޔަވަރު ވެބްސައިޓަކީ ރެޖިސްޓަރީ ކޮށްގެން ހިންގާ ނޫހެއް ނޫން ކަމަށެވެ. އަދި އެ ވެބްސައިޓާ ގުޅޭގޮތުން ވަރަށް ބައިވަރު ޝަކުވާ އެކައުންސިލަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި އަހަރުގެ މިހައިތަނަށް މީޑިއާ ކައުންސިލަށް 77 ޝަކުވާއެއް ލިބުނުއިރު، އޭގެތެރެއިން 63 ޝަކުވާ އަކީ ދިޔަވަރު ވެބްސައިޓާ ގުޅޭ މައްސަލަތައް ކަމަށް އެ ކައުންސިލުން ބުންޏެވެ.
އެ ޝަކުވާތަކާ ގުޅިގެން މީޑިއާ ކައުންސިލުގެ ޝަކުވާ ބަލާ ކޮމެޓީން އެ މައްސަލަ ބަލައި ދިރާސާ ކުރިއިރު، ދިޔަވަރު ވެބްސައިޓުގައި އާންމުކޮށްފައިވާ ގިނަ ކޮންޓެންޓަކީ މީޑިއާ ކައުންސިލުގެ ގާނޫނާއި ގަވާއިދާއި މީޑިއާތަކުން އަމަލު ކުރަންޖެހޭ އަހުލާގީ މިންގަނޑާ ވެސް ހިލާފަށް ޝާއިއު ކޮށްފައިވާ ލިޔުންތަކެއް ކަން ފާހަގަކުރެވުނު ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ދިޔަވަރު ވެބްސައިޓުގައި ޝާއިއު ކުރާ ހަބަރުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އެހެން މީޑިއާތަކާއި މަސްދަރުތަކުން ކަށަވަރު ކުރުމަށާއި އެ ވެބްސައިޓުން ފަތުރާ ހަބަރުތައް ސޯޝަލް މީޑިއާގައި ނުފެތުރުމަށް މީޑިއާ ކައުންސިލުން ވަނީ އެދިފަ އެވެ.

އަދި ސުރުހީ އެކަނި ކިޔުމުގެ ބަދަލުގައި އެ ވެބްސައިޓުން އާންމުކުރާ އާޓިކަލްތައް ހުޅުވައި ނޫސްވެރިކަމުގެ ހަމަ ހިފަހައްޓައިގެން ލިޔެފައިވާ ހަބަރެއްތޯ ޔަގީން ކުރުމަށް ވެސް މީޑިއާ ކައުންސިލުން އެދިފައިވެ އެވެ.
މިރޭ ނެރުނު ބަޔާނުގައި އިތުރަށް ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ތަސައްވުރަކީ މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އެޅުން ނޫން ކަމަށެވެ. ނަމަވެސް ރެޖިސްޓަރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަ ބަލާނެ ގޮތެއް ނުވަތަ އެޅޭނެ ފިޔަވަޅެއް ގާނޫނާއި ގަވާއިދުގައި ނޯންނަ ކަމަށެވެ.
އެހެންކަމުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ކޮންޓެންޓު ފެތުރުމާއި ގައުމީ ސަލާމަތަށް ނުރައްކާ ވާފަދަ ވާހަކަ އާއި ކުޑަކުދިންގެ ޒާތީ މައުލޫމާތުތައް ފެތުރުން ފަދަ މައްސަލަތަކުގައި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި ބްލޮކު ކުރުން ހިމަނައި އެކަމާ ގުޅޭ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.













