ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މުވައްޒަފަކު ސޯޝަލްމީޑިއާގައި ސަރުކާރަށް ފާޑުކިޔާ މައްސަލައެއް އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓުމެންޓުން ބަލަން ފަށައި، ޖަވާބުދާރީވާން އަންގައިފި އެވެ.
ސަރުކާރަށް ފާޑުކިޔާ މައްސަލައިގައި ޖަވާބުދާރީ ވާން އެ ކުންފުނިން އެންގީ ހުސައިން ސާލިމް ކިޔާ މުވައްޒަފަކަށެވެ. އޭނާއަށް އެ ކުންފުނީގެ އެޗްއާރުން އެންގި އެންގުމުގައި ބުނެފައި އޮތީ "ސާލިމް ދަނީ ތަކުރާރުކޮށް ސަރުކާރަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގައި ބޭއަދަބީ ބަހުން މުހާތަބު ކުރަމުން" ކަމަށެވެ. އަދި ސަރުކާރަށް ފާޑު ކިޔުމަކީ ކުންފުންޏަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެންގުމުގައި ބުނެފައިވެ އެވެ.
"މިފަދަ އަމަލުތަކަކީ ކޯޕަރޭޝަނުން ބަލައި ގަނެވޭނެ އަމަލެއް ނޫންކަމުން، މި މައްސަލަ ބަލައިދިނުމަށް ހިއުމަން ރިސޯސް ޑިޕާޓުމެންޓުން ވަނީ މި ކޮމިޓީއަށް ހުށަހަޅައިފަ އެވެ." ސާލިމްއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
މިމަހުގެ 13 ގައި ފޮނުވާފައިވާ އެ ސިޓީގައި އަންގާފައި ވަނީ މިމަހު 16 ގެ ކުރިން ޖަވާބުދާރީ ވުމަށެވެ. އެ މުއްދަތުގައި ޖަވާބުދާރީ ނުވެއްޖެ ނަމަ އެއީ ޖަވާބުދާރީވުމަށް ދިން ފުރުސަތުގެ ބޭނުން ނުކުރުން ކަމަށް ބެލެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސަރުކާރަށް ފާޑުކިޔުމުން އާރުޑީސީން ސާލިމަށް މި އެންގުން އަންގާފައިވާއިރު، އެމްޑީޕީން މިދިޔަ ޖުލައި މަހު ބޭއްވި ޖަގަހަ ޖަލްސާއެއްގައި ގުރުއާން ކިޔެވި އެޗްޑީސީގެ މުވައްޒަފަކު ވެސް ވަނީ ވަޒީފާއިން ވަކި ކޮށްފަ އެވެ.

އޭނާ ވަޒީފާއިން ވަކު ކުރީ ތިން ދުވަހަކު ވަޒީފާއަށް ނުނިކުތް ކަމަށް ބުނެ އެވެ.












