ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހަތަރު މެންބަރުން މިއަދު އައްޔަނުކޮށްފި އެވެ.
ރައީސް އެ ހަތަރު މެންބަރުން އައްޔަނު ކުރީ ގާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގައިވާ ގޮތުގެ މަތީންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އެ ހަތަރު މެންބަރުން އައްޔަނު ކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ހަތަރު ބޭފުޅުންނަށް މިއަދު ރުހުން ދެއްވާފަ އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މެންބަރުކަމުގެ ހަތަރު މަގާމަށް ބޭފުޅުން އައްޔަން ކުރަން މަޖިލީހުން ރުހުން ދިނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އިއްތިފާގުން ފާސްކުރި ގޮތާ ހިލާފަށެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަނުކުރި ހަތަރު މެންބަރުން:
1. ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވާރުލު

2. އިބްރާހީމް ޝަރީފް، ގ. އަލިޝާ
3. ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ. ނިލަންދޫ
4. އަބްދުލްޣަނީ މުޙައްމަދު، ހ. ހޯސްޓްސައިޑް
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލީ މިދިޔަ އޮގަސްޓް 29، ގައެވެ. އެއީ އެ ޓްރައިބިއުނަލްގައި އޭރު ހިމެނިވަޑައިގަންނަވާ ހަތަރު މެންބަރުންގެ މަގާމުގެ މުއްދަތު ހަމަވާތީ އެވެ.
އެ ހުރިހާ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލެއްވި ބޭފުުޅުންގެ ތެރެއިން ޝަރުތު ހަމަވާ 13 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.













