ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މެންބަރުކަމުގެ ހަތަރު މަގާމަށް ބޭފުޅުން އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ރުހުން ދިނުމާ މެދު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އިއްތިފާގުން ފާސްކުރި ގޮތާ ހިލާފަށް މަޖިލީހުގެ ތަޅުމުން މިއަދު ރުހުން ދީފި އެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި އެމަގާމަށް ކުރިމަތިލެއްވި ބޭފުުޅުންގެ ތެރެއިން ޝަރުތު ހަމަވާ 13 ބޭފުޅެއްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި އެވެ.
މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އެ ނަންތައް ދިރާސާކޮށް، އެ 13 ބޭފުޅުންނާ ވެސް އިންޓަވިއުކޮށް މާކްސް ދީ އޭގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ހަތް ބޭފުޅެއްގެ ނަން ޝޯޓްލިސްޓްކޮށް ރިޕޯޓެއް އެކުލަވައިލީ މިދިޔަ އަންގާރަ ދުވަހެވެ.
އެ ރިޕޯޓްގައިވާ ތަރުތީބުން މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި، ޓެކްސް އެޕީލް ޓްރައިބިއުނަލަށް އައްޔަންކުރަން ރުހުން ދިނީ (1) ވަނަ، (2) ވަނަ، (3) ވަނަ އަދި (7) ވަނައިގައި ކޮމިޓީން ހިމަނާފައި އޮތް ބޭފުޅުންނަށެވެ.
މަޖިލީހުން ރުހުން ދިން ހަތަރު ބޭފުޅުން
- އަބްދުލް ޣަނީ މުހައްމަދު ، ހ.ހޯސްޓް ސައިޑް ( 93 ޕަސެންޓް މާކްސް)
- އިބްރާހީމް ޝަރީފު ގ. އަލިޝާ ( 83 ޕަސެންޓް މާކްސް)
- ހަސަން ޒުހައިރު މުހައްމަދު ( 83 ޕަސެންޓް މާކްސް)
- ޝިފްޒާ އަބްދުލް ގައްޔޫމު، ގަސްދޮށުގެ ގއ.ނިލަންދޫ ( 75 ޕަސެންޓް މާކްސް)
އެ ހުރިހާ ބޭފުޅުންނަށް ވެސް ރުހުން ދޭން ފެންނަ ކަމަށް ފާސްކުރީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވަޑައިގެން ވޯޓު ދެއްވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހުން މި ގޮތަށް ފާސްކުރި އިރު ޖުޑީޝަރީ ކޮމިޓީން މާކްސްދީ އެކުލަވައިލި ހަތް ބޭފުޅުންގެ ލިސްޓުގައި ޝިފްޒާގެ ނަން އޮތީ ހަތް ވަނަައިގަ އެވެ. މަޖިލީހުން ރުހުން ނުދިނީ އެ ލިސްޓްގެ ފަސްވަނައިގައި އޮތް މުހަމަދު އަމީން ޒާހިރު އާއި ހަވަނައިގައި އޮތް އަބްދުﷲ އަބްދުލް ހަކީމް އަށެވެ.












