ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެންގި ނަމަވެސް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ސޮއިކުރައްވާ މުވައްޒަފުންނަށް އިއްޔެ ފޮނުވި އިންޓާނަލް މެމޯއެއްގައި ވިދާޅުވީ، މުސާރައިގެ އެއްބައި ޑޮލަރުން ދިނުން ހިމެނޭހެން ދެމުން އަންނަ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.
މިފަދަ މެމޯއެއް ފޮނުވީ ޑޮލަރުން ދޭ މުސާރައިގެ ބައި ހިމެނޭހެން އިނާޔަތްތަކަށް ބަދަލު އަތުވެދާނެތޯ މުވައްޒަފުން ސުވާލުއުފައްދަމުންދާތީ ކަމަށްވެ ޝަރީފު ވިދާޅުވެފައިވެ އެވެ.
ރައީސް އޭނާއަށް އެ ޔަގީންކަން ދެއްވީ މިކަމާ ގުޅިގެން އެމަނިކުފާނާއެކު ކުރެވުނު މަޝްވަރާއެއްގެ ތެރެއިން ކަމަށް ވެސް މެމޯގައި ވެ އެވެ. އެ މަޝްވަރާތަކުގެ ތެރެއިން، އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތް ފާހަގަކުރައްވާ އެ ހިދުމަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް މެމޯގައި ބަޔާންކޮށްފައިވެ އެވެ.
ސަރުކާރުގެ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމަށް އަންގާ ޕީސީބީން ސާކިއުލާއެއް ނެރުނީ ސެޕްޓެމްބަރު 3، ގަ އެވެ. އޭގެ ފަހުން ސެޕްޓެމްބަރު މަހުގެ މުސާރަ ދިންއިރުވެސް އޭގެ އެއްބައި ދިނީ ޑޮލަރުންނެވެ.

ޕީސީބީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން އެމްއޭސީއެލްގައި ޖުމްލަ 4،264 މުވައްޒަފުން އެބަ ތިއްބެވެ.
ހަރަދު ކުޑަކުރުމަށް އަންގާފައިވަނިކޮށް އެމްއޭސީއެލް އިން އެ އެންގުމާ ހިލާފުވި ސަބަބެއް އެ ކުންފުނިން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަދި، އެގޮތަށް މުސާރަ ދިނީ ރައީސްގެ ޔަގީންކަމާއެކު ކަމެއް ވެސް ސާފެއް ނުވެ އެވެ.
މީގެ ދެ މަހެއްހާ ދުވަސްކުރިން ޑޮލަރުން މުސާރަ ދިނުން ހުއްޓަލަން ޕީސީބީން އެންގީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ތާށިކަމުގެ މައްސަލަ ބޮޑުވެ، ބޭންކުތަކަށް އެމްއެމްއޭއިން ދޫކުރާ ޑޮލަރު ދޫކުރަން ދަތިވެފައިވާތީ އެވެ.












