މާލީ ހާލަތު ދަށްވެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ވަނީ ކޮށްފައި: ފިނޭންސް މިނިސްޓްރީ

މާލީ ހާލަތު ދަށްވެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރު ވަނީ ކޮށްފައި: ފިނޭންސް މިނިސްޓްރީ

ދައުލަތުގެ މާލީ ހާލަތު ދަށްވެ ބޭރު ފައިސާގެ ރިޒާވަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށް ސަރުކާރުން އެއްބަސްވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ސޮއިކުރައްވައި ފޮނުއްވި ސިޓީއެއްގައި ވަނީ މާލީ ހާލަތު ދަށްވުމާ ގުޅިގެން ޗައިނާއިން ނެގި ލޯނަކާ ގުޅޭ މައުލޫމާތު ހިއްސާކޮށްފަ އެވެ. އެ ސިޓީގެ ކޮޕީއެއް "އަދަދު" ނޫހަށް ވަނީ ލިބިފަ އެވެ.

"ދައުލަތުގެ މާލީ ހާލަތު ދަށްވެ ފޮރިން ކަރަންސީ ރިޒާވަށް ނޭދެވޭ އަސަރު ކޮށްފައިވާ މިފަދަ ދަނޑިވަޅެއްގައި, ދަރަނީގެ ޕޯޓްފޯލިއޯގައި ހިމެނޭ ލޯނެއް ރީފައިނޭންސް ކުރެވުމުން, މިހާރު ދައްކަން ޖެހޭ ދަރަނި އަހަރުތަކަށް ބަހާލައިގެން ދެއްކޭނެ ގޮތް ހަމަޖެހިގެންދާނެ," ޒަމީރުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

Advertisement

ދަރަނި ދައްކަން އަނެއްކާ އިތުރު ލޯނެއް ނެގުމުން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވުން މެދުރާސްތާގައި ކުރަން ޖެހޭ ހޭދަ ކުޑަ ކުރެވި ފިސްކަލް ސަސްޓެއިނިބިލިޓީ ދަމަހައްޓަން މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ 74،767،699 ޑޮލަރު (1.1 ބިލިއަން ރުފިޔާ) ރިފައިނޭންސް ކުރުމުގެ އެއްބަސްވުމެއްގައި ސެޕްޓެމްބަރު 23، 2024، ގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހާ ޒަމީރު ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަލުން ނެގި ލޯނު، ދައްކަންޖެހޭނީ ހަ އަހަރު ދުވަހުގެ ތެރޭގަ އެވެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ތިން އަހަރު ވަނީ ދީފަ އެވެ.

ރިފައިނޭންސް މި ކުރަނީ ޑިސެމްބަރު، 2015، ގައި ސަރުކާރުން ނެގި ލޯނެކެވެ. އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރަން ނެގި ލޯނެކެވެ. އެއީ ޖުމުލަ 373.8 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ގެ ލޯނެކެވެ.

ރާއްޖޭގެ އިގުތިސާދު ކުރިއަރަމުންދިޔަ ނަމަވެސް ދައުލަތުގެ ބޭކާރު ހަރަދުތައް އިތުރުވެ މާލީ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ހަރަދުތައް ފޫބެއްދުމަށް ކޮންމެ މަހަކުހެން ދަނީ ޓީބިލް ވިއްކަމުންނެވެ. ދަރަނި ދެއްކުމުގެ ގާބިލުކަން ރާއްޖޭގައި ނެތުމުން ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ވަނީ ރާއްޖޭގެ ރޭޓިން ވެސް ދަށްކޮށްފަ އެވެ.

ހަރަދުތައް ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދެމުންދާ އިރުޝާދުތަކަށް އަމަލުނުކޮށް މިއަހަރު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox