ޗައިނާގެ ހިލޭ އެހީގެ ދަށުން ތަރައްގީ ކުރި މޮނިއުމެންޓަލް ސިނަމާލެ ބްރިޖް ޕާކް ކުޑަކުދިންގެ ހަވީރަކާ އެކު އާންމުންނަށް މިއަދު ހުޅުވައިފި އެވެ.
އެ ޕާކް ހުޅުވައިދެއްވީ ޗައިނާއިން ރާއްޖެއަަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ވަން ލީ ޖީން، އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.
މޮނިއުމެންޓަލް ސަރަހައްދުގައި ބިރުޖުގެ މަސައްކަތް ކުރިއަށްދިޔަ އިރު ނަގާފައި ހުރި ފޮޓޯ އަދި ބައެއް މައުލޫމާތުތައް ވެސް އާންމުންނަށް ފެންނަ ގޮތަށް ވަނީ ބަހައްޓާފަ އެވެ.
ޕީއެސްއެމްއަށް މުއްތަލިބު ވިދާޅުވީ އެތަން ޗައިނާ ސަރުކާރާ ގުޅިގެން މި ސަރުކާރުން ތަރައްގީ ކުރީ ބްރިޖުގެ މަޝްރޫއާ ގުޅޭ ގޮތަށް އާންމުންނަށް މައުލޫމާތު ލިބޭނެހެން މިއުޒިއަމް ޕާކެއް ގޮތަށް ކަމަށެވެ.
ވާން ލީ ޖި ން ވިދާޅުވީ ސިނަމާލެ ބްރިޖުގެ ސަބަބުން ރާއްޖެއަށް އެތައް ގޮތަކުން ކުރިއެރުންތައް ލިބުނު ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ވިސްނުމަށް ވެސް ބަދަލުތަކެއް އައި ކަމަށެވެ.

މާލެ އާއި ހުޅުލެ ގުޅާލުމަށް އަޅާފައިވާ ސިނަމާލެ ބްރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރުމަށް ޗައިނާގެ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ ސެކަންޑް ހާބާ އިންޖީނިއަރިން ކޮމްޕެނީ ލިމިޓެޑް (ސީސީސީސީ އެސްއެޗްއީސީ) އާ މި އަހަރު ވަނީ ހަވާލުކޮށްފަ އެވެ.
އެ މަޝްރޫއަށް 3.6 މިލިއަން ޑޮލަރު ހަރަދުވާއިރު، މަސައްކަތް ނިންމުމަށް ހަމަޖެހިފައި ވަނީ ތިން އަހަރު ދުވަހުންނެވެ.












