ލުބްނާނުގެ ހިޒްބުﷲ އިން އިޒްރޭލުގެ ކެއަސޭރިއާގައި ހުންނަ އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ގެއަށް އަމާޒުކޮށް ޑްރޯން ހަމަލާއެއް ދީފި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ އެ ހަމަލާ ނަތަންޔާހޫގެ ގެއަށް އަމާޒުވި ނަމަވެސް، ގޭގައި އެވަގުތު ނަތަންޔާހުގެ އިތުރުން އޭނާގެ އާއިލާ މީހަކު ނެތް ކަމަށާއި އެއްވެސް މީހަކަށް އަނިޔާ ވެސް ނުވާ ކަމަށެވެ.
ނަތަންޔާހޫގެ ގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް އިޒްރޭލުގެ ފުލުހުން އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

އިޒްރޭލުން ވަނީ ލުބްނާނުން ފޮނުވާލި އިތުރު ދެ ޑްރޯން ހަމަލާ ނާކާމިޔާބު ކޮށްލާފަ އެވެ.
ލުބްނާނުގެ ހިޒްބުﷲ އިން އަންނަނީ އިޒްރޭލުގެ އަސްކަރިއްޔާއަށް އަމާޒުކޮށް ކޮންމެ ދުވަހަކު ވެސް މިސައިލްގެ އިތުރުން ޑްރޯން ހަމަލާތައް ދެމުންނެވެ.
ހިޒްބުﷲ ގެ ހަމަލާތަކުގައި އިޒްރޭލުގެ ގިނަ އަދަދެއްގެ ސިފައިން އަންނަނީ މަރުވަމުންނެވެ. އެ ހަމަލާތަކުގައި އިޒްރޭލުގެ އާންމުންގެ މީހުން މަރުވާ މިންވަރު މަދެވެ.
ނަމަވެސް އިޒްރޭލުން ލުބްނާނަށް ދެމުން އަންނަ ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން މަރުވިއިރު އޭގެ ތެރޭގައި ގިނައީ އާންމުންގެ މީހުންނެވެ.










