ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުމާއި ވިޔަފާރި ކުރުން އަންނަ ޑިސެމްބަރު 15 އިން ފެށިގެން މަނާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެކްސްގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި ވޭޕު މަނާ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރަން ކަމާގުޅޭ އިދާރާތަކަށް މިހާރު އަންގާފައިވާ ކަމަށެވެ.
"ދިވެހިރާއްޖޭގައި ވޭޕު ކުރުމަށް ބޭނުން ކުރާ ތަކެތި ބޭނުން ކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭ ބެހުން 15 ޑިސެމްބަރު 2024 އިން ފެށިގެން މަނާ ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަޅުގަނޑު އަންގައިފިން،" ރައީސްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.
މި ނިންމުން ރައީސް ނިންމަވާފައި މިވަނީ ރާއްޖޭގައި ވޭޕު މަނާ ކުރަން ގޮވާލައި ބައެއް ޖަމިއްޔާތަކުން ގޮވާލައިފައި ވަނިކޮށެވެ. އެ ފަރާތްތަކުން ގޮވާލައިފައި ވަނީ ވޭޕުގެ އިތުރުން އީ ސިނގިރޭޓު ވެސް މަނާ ކުރުމަށެވެ.
ނަމަވެސް ރައީސްގެ ޕޯސްޓުގައި ވޭޕުގެ އިތުރުން އެހެން ބާވަތެއްގެ އެއްޗެއް މަނާ ކުރަން ނިންމިކަން ހާމަކޮށްފައެއް ނުވެ އެވެ.

ވޭޕު ކުރުމަކީ ދުނިޔޭގެ 34 ގައުމެއްގައި މިހާރު ވެސް މުޅީން މަނާ ކަމެކެވެ. އަދި، 73 ގައުމެއްގައި ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓު ފަދަ ތަކެތި ބޭނުން ކުރުމުގައި ވަކި އުސޫލުތަކަކަށް ތަބާވުން ލާޒިމު ކޮށްފައިވެ އެވެ.
ރާއްޖޭގައި ވޭޕުގެ ވިޔަފާރި ކުރުމާއި އޭގެ ބޭނުން ކުރުން މަނާ ކުރަން ނިންމާފައިވާއިރު، މި އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކުން ނަގަމުން އައި އިމްޕޯޓު ޑިއުޓީން 2ރ. ބޮޑު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ރާއްޖެއަށް އެތެރެ ކުރާ ކޮންމެ ސިނގިރޭޓަކަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި މިހާރު ދައްކަންޖެހެނީ 3ރ. އެވެ. ނަމަވެސް ޑިސެމްބަރު މަހުން ފެށިގެން އެ އަދަދު 5ރ. އަށް މަތިވާނެ އެވެ.
މިފަހަކަށް އައިސް ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރާ މިންވަރު މަދުވެ، ވޭޕާއި އެއާ ގުޅޭ ސާމާނު އެތެރެ ކުރާ މިންވަރު އިތުރުވެފައިވާކަން ކަސްޓަމްސްގެ ތަފާސްހިސާބުތަކުން އެނގެ އެވެ.













