ރާއްޖޭގައި ފުޅާވަމުން އަންނަ ގެސްޓްހައުސް ވިޔަފާރިއަށް އަމާޒުކޮށްގެން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު ބޭއްވި ގެސްޓްހައުސް ސިމްޕޯޒިއަމް ވެގެން ދިޔައީ އެ ދާއިރާގައި އުޅޭ މީހުންނަށް ހުޅުވުނު އާ ދޮރަކަށެވެ.
އެއް ދުވަހުގެ މުއްދަތަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި އެ އިވެންޓުގައި ގެސްޓްހައުސްއާ ގުޅޭ ދާއިރާތަކުގެ މީހުން އެއްތަނަކަށް އެއްވެ، ހުރި ގޮންޖެހުންތަކާ މެދު ވާހަކަ ދައްކައި ހައްލުތައް ހޯދަން އެކުގައި މަޝްވަރާތަކެއް ވަނީ ކޮށްފަ އެވެ.
އެމްއައިބީގެ ސީއީއޯ އަދި އެމްޑީ މުފައްދަލް އިދްރިސް ކުމްރީ "އަދަދު" އަށް ވިދާޅުވީ ސިމްޕޯޒިއަމްގައި ގިނަ ގެސްޓްހައުސްތަކުން ބައިވެރިވެ ތަޖުރިބާ ހިއްސާކޮށް ގުޅުން ބަދަހި ކުރުމަކީ އިވެންޓަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.
މިގޮތުން ގެސްޓްހައުސް ސިމްޕޯޒިއަމް މުސްތަގުބަލުގައި ވެސް ބާއްވައި ދާއިރާއާ ގުޅޭ އިތުރު މީހުން ގެންނަން މަސައްކަތް ކުރާނެ ކަމަށާއި އަންނަ އަހަރު ބާއްވާ ސިމްޕޯޒިއަމް މިއަހަރަށްވުރެ ފުރިހަމަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެ އަންނަ ފަތުރުވެރިން ގިނަ ދުވަހު ރާއްޖޭގައި ހޭދަ ކުރުމަށް ގެސްޓްހައުސްއަކީ އޮޕްޝަނެއް. ރިސޯޓްތަކަށް އަންނަ ފަތުރުވެރިން ވެސް ގެސްޓްހައުސްތަކުގައި ދުވަސްކޮޅަކު އެކަން ތަޖުރިބާ ކޮށްލުމަށް ދެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ،" މުފައްދަލް ވިދާޅުވި އެވެ.
މުފައްދަލް ވިދާޅުވީ ޓޫރިޒަމްގެ ދާއިރާ ފުޅާ ކުރުމަށް އެމްއައިބީން އަދާ ކުރަން ޖެހޭ ޒިންމާ މިއަދު އަދާކުރެވިފައިވާ ކަމަށާއި އެއީ ލިބޭ އުފަލެއް ކަމަށެވެ.
ޓޫރިޒަމް ދާއިރާގައި އުޅޭ ތަންތަން އެއް ތަނަކަށް ގެނައުމަކީ ހަމައެކަނި އެ ދާއިރާގައި އުޅޭ މީހުންގެ ޒިންމާއެއް ނޫންކަން ފާހަގަކުރައްވާ މުފައްދަލް ވިދާޅުވީ އެމްއައިބީފަދަ ފައިނޭންޝަލް އިންސްޓިޓިއުޝަނަކުން އެކަން އިންތިޒާމު ކުރުމުން އޮންނަ އިތުބާރު ވެސް ބޮޑުވެގެންދާނެ ކަމަށެވެ.
ގެސްޓްހައުސް ސިމްޕޯޒިއަމްގައި ގެސްޓްހައުސްއާ ގުޅުން ހުރި އެކި ދާއިރާތަކުން ޕެނަލިސްޓުން މައުލޫމާތާއި ތަޖުރިބާ ހިއްސާ ކުރި އެވެ. އަދި ޕެނަލިސްޓުންނަށް ބައިވެރިވަނީ ކަމާއި ގުޅުންހުރި ތަޖުރިބާކާރުންނާއި ދާއިރާގެ މާހިރުންނެވެ.









