ފޮއްތެޔޮ ރިސޯޓު ހިއްކަން އެތެރެވަރިން ވެލި ނަގާތީ ވ. އަތޮޅު ރައީސްގެ ކަންބޮޑުވުން

އަމަން ރިސޯޓްސްއިން ފޮއްތެޔޮ ފަޅު ތެރޭގައި 27 ރަށް ހިއްކޭނެ -- ފޮޓޯ: ވ. އަތޮޅު ކައުންސިލް

އަމަން ރިސޯޓްސްއިން ފޮއްތެޔޮ ފަޅު ތެރޭގައި 27 ރަށް ހިއްކޭނެ -- ފޮޓޯ: ވ. އަތޮޅު ކައުންސިލް

ފެލިދެ އަތޮޅު އިރުމަތީ ބިތުގައި އޮންނަ ފޮއްތެޔޮ (ފޮއްތެޔޮ ބޮޑުފުށި) އާއި ފޮއްތެޔޮ ފަޅުގައި އަމަން ރިސޯޓްސްއިން ތަރައްގީ ކުރާ ރިސޯޓު ހިންގަން ހިއްކާ 27 ރަށަށް ބޭނުންވާ ވެލި އެ އަތޮޅުގެ އެތެރެވަރިން ނަގަމުން ދާތީ އަތޮޅު ކައުންސިލުގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

އެކްސްގައި ޝުޖާއު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވ. އަތޮޅުގެ އެތެރެވަރިން ވެލި ނެގުމުން އެ އަތޮޅު ފަރުތަކުގެ ބޮޑު ސަރަހައްދަކަށް ކިލަނބުކަން ފެތުރި ފަރުތަކަށް ގެއްލުންވާ ކަމަށެވެ.

"ވ. ފޮއްތެޔޮ ރިސޯޓު ޕްރޮޖެކްޓަށް ބޭނުންވާ ވެލި އަތޮޅުގެ އެތެރެވަރިން ނެގެމުން ދިޔުމުން, އެތެރެވަރީގެ ފަރުތަކުގެ ބޮޑު ސަރަހައްދަކަށް ކިލަނބުކަން ފެތުރި, ފަރުތަކަށް ގެއްލުންވަމުންދާ ކަމުގެ ކަންބޮޑުވުން ފާޅުކުރަން،" ޝުޖާއުގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.

މި މަޝްރޫއުގެ އީއައިއޭގައި މަސްލަހަތުވެރިންނާ މަޝްވަރާ ކުރުމަށް ފަހު ބަޔާންކޮށްފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ 1.5 ކިލޯމީޓަރާއި ރިސޯޓުތަކުގެ ދެ ކިލޯމީޓަރަށް ވުރެ ދުރު ސަރަހައްދަކުން މެނުވީ ވެލި ނުނެގޭނެ ކަމަށެވެ.

ފޮއްތެޔޮ ފަޅަކީ 6800 ހެކްޓަރުގެ ބޮޑު ފަޅެކެވެ. އެ ފަޅުން އަމަން ރިސޯޓްސްއިން ހިއްސާވާ ދިވެހި ކުންފުނި، އަމްރޮކް އިންވެސްޓްމަންޓްސްއަށް ދޫކޮށްފައި އޮތީ އެ ފަޅުގެ ތެރޭގައި އޮންނަ ފޮއްތެޔޮ ބޮޑުފުށްޓާއި ފޮއްތެޔޮ ފަޅުން އިތުރު 100 ހެކްޓަރެވެ.

އަމަން ރިސޯޓްސްއިން އެ ފަޅު ތެރޭގައި ހިއްކާ 27 ރަށަށް (ގާތްގަނޑަކަށް 55.7 ހެކްޓަރުގެ ސަރަހައްދެއް) ބޭނުންވާ 1.58 މިލިއަން ކޮޑިމީޓަރުގެ ވެލި ނަގަން ހަމަ ޖެއްސީ ވާވު އަތޮޅުގެ އެތެރެވަރިންނެވެ. އެ ތަނުން ވެލި ނަގަމުން ދަނީ ހުއްދަ އާއެކު އެވެ.

އެ ރިސޯޓުގެ މަސައްކަތް ނިންމައި 2028 ނުވަތަ 2029 ގައި ހުޅުވޭނެ ކަމަށް އޮތީ އަންދާޒާ ކޮށްފަ އެވެ.

ވ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަދި، ސިންދަފާތު ދިރުންތަކަށް މަޝްހޫރު އަތޮޅެކެވެ. އެ އަތޮޅުގެ އެކި ފަރުތަކާއި ފިނޮޅުތަކުން މާލެ އަތޮޮޅުގެ އިތުރުން އަރި އަތޮޅުގައި ގެސްޓު ވިޔަފާރި ކުރާ ފަރާތްތަކުން ވެސް މަންފާ ހޯދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސް 5،500އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވައިފި

ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 17 ވަނަ އެޑިޝަން 5،500 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ހުޅުމާލެ ސެންޓްރަލް ޕާކުގައި ވަނީ ބާއްވާފައެވެ. މި ދުވުމުގެ ލައިވް އަޕްޑޭޓްތަކާއި، ނަތީޖާ އަދި ދުވުންތެރިންގެ ރޭންކިންގ ބަލައިލުމުގެ ފުރުސަތު ދިރާގުން ވަނީ ޚާއްޞަ މޮބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް ފަހިކޮށްދީފައެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު ލައްކައަކަށްވުރެ ދަށަށް

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރިތާ 24 ގަޑިއިރު ނުވަނީސް، އަލުން އެ އަދަދު ލައްކައަކަށް ވުރެ ދަށަށް ގޮސްފިއެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މި އަދަދު ހަމަކުރުމަށްޓަކައި ވަޒީފާގެ ބިރުދެއްކުމާއި ރިޝްވަތުގެ ގޮތުގައި ފައިސާ ބޭނުންކޮށްފައިވެއެވެ. އީސީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ޕާޓީގެ މެންބަރުންގެ އަދަދު މިހާރު ވަނީ 99,930 އަށް ތިރިވެފައެވެ.

ރަސްމާލޭގެ ޑީލުގައި ސޮއިނުކުރަން އެދި އަލައްބާރަށް ސިޓީއެއް

ރަސްމާލެ މަޝްރޫއުގެ މިހާރުގެ ޝަރުތުތަކާއި ގާނޫނުއަސާސީއާ ފުށުއެރުންތަކެއް ހުރި ކަމަށާއި، އެކަމުގައި އެކަށީގެންވާ ގޮތެއްގައި ރައްޔިތުންގެ ހިޔާލު ހޯދާފައި ނުވާތީ، ދެން އަންނަ ސަރުކާރަކުން ވެސް މި މަޝްރޫއުގެ އެއްބަސްވުން އަލުން މުރާޖައާކުރުމަށް ނުވަތަ އެއްކޮށް ބާތިލުކުރުމުގެ ފުރުސަތު އޮތް ކަމަށް އެ ސިޓީގައި ބުނެފައިވޭ.

"ރަސްމާލެ މައްސަލައިގައި މުއިއްޒު ވަނީ އަނގަވަތަށް ވެއްޓިފައި"

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ސިޔާދަތަށް އުނިކަންލިބޭ، ބޭރުގެ ފަރާތްތަކަށް ބިން ދިނުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. މި މަޝްރޫއުގެ ސަބަބުން ރައީސް މުއިއްޒު ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުވެފައިވާ ކަމަށާއި، މި ސަރުކާރަށް ދެވަނަ ދައުރެއް ރައްޔިތުން ނުދޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރަސްމާލެ ދޫކޮށްލުމާ ދެކޮޅުވެރިކަމެއް ނެތްކަމުގެ އިޝާރާތެއް

ރަސްމާލެއިން ބައެއް ބޭރުގެ ކުންފުންޏަކަށް ދޫކޮށްލުމާ ދެކޮޅު ހަދަނީ މަދު ބަޔަކު ކަމަށާއި، ދިވެހިން އަބަދުވެސް އިސްކުރަނީ ގައުމީ ތަރައްގީކަން މުއިއްޒު ފާހަގަކުރެއްވި. މީގެކުރިންވެސް ރާއްޖެއަށް އައި ބޮޑެތި ބަދަލުތަކާ ބައެއް މީހުން ދެކޮޅު ހެދި ނަމަވެސް، ގިނަ ރައްޔިތުން ތާއީދުކުރީ ގައުމީ ކުރިއެރުމަށްކަން އެމަނިކުފާނު ބަޔާންކޮށްދެއްވި.

ހުލާސާކޮށް އިއްޔެ: ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް އައި ބޮޑު ބަދަލު

ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އެރުމާއެކު، ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ ފަދަ ދުވަސްވީ ޕާޓީތަކުން ގިނަ އަދަދެއްގެ މެންބަރުންނާއި އިސް ބޭފުޅުން ވަނީ ވަކިވެފައެވެ. މީގެ އިތުރުން، ރަސްމީ ޖަލްސާތަކުގެ ޕްރޮޓޮކޯލަށް ބަދަލުތަކެއް ގެނެސްފައިވާއިރު، ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

ވަޒީފާގެ ބިރުދައްކައިގެން އެއްލައްކަ މެންބަރުން ހަމަކޮށްފި

ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ އަދަދު އެއްލައްކައަށް އަރާފައިވާއިރު، މިއީ ވަޒީފާގެ ބިރުދައްކައިގެންނާއި ރިޝްވަތު ދީގެން ހޯދި އަދަދެއް ކަމަށް ވަނީ ތުހުމަތުކުރެވިފައި. އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 26،000 އަށްވުރެ އިތުރުވެފައި.

Newsletter

Get the latest news delivered straight to your inbox