ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) - ގްލޯބަލް ކަލިނަރީ ޗެލެންޖް އެންޑް އެގްޒިބިޝަން 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފި އެވެ.
ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު، ޖައިޝާން ހަމީދު ވިދާޅުވީ އެ އިވެންޓުގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަށް ދިރާގަށް ފުރުސަތު ލިބުމުން އުފާ ކުރާ ކަމަށާއި އިވެންޓުގެ ތެރެއިން ބައިވެރިން ގުޅުވައި ދިނުމަށް އެންމެ ފުރިހަމަ ހިދުމަތް އެ ކުންފުނިން ދޭނެ ކަމަށެވެ.
"އިވެންޓުން ރާއްޖޭގެ ހޮސްޕިޓަލިޓީ ދާއިރާއަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، އެއް ބަޔަކު އަނެއް ބަޔަކާ ގުޅިގެން ދިޔުމަކީ އަޅުގަނޑުމެން އުންމީދު ކުރާ ކަމެއް،" ޖައިޝާން ވިދާޅުވި އެވެ.
އެ ކަލިނަރީ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ޓްރޭޑް ފެއާ ކަމަށްވާއިރު އިވެންޓުގައި އެކި ދާއިރާތަކުން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެ އެވެ.
އެގޮތުން ބައިނަލްއަގުވާމީ ވިޔަފާރިތަކާއި، ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ރިސޯޓު އޮޕަރޭޓަރުންނާއި ހޮސްޕިޓާލިޓީ ދާއިރާގައި ހިމެނޭ ފަރާތްތަކުން ބައިވެރިވާނެ އެވެ.
ދިވެހި އެކްސްޕޯ ސާވިސަސް އާއި ސީޑީސީ އިވެންޓްސް އެންޑް ޓްރެވެލް ގުޅިގެން ބާއްވާ އެ އިވެންޓު ކުރިއަށް ދާނީ ސެޕްޓެމްބަރު 22، އިން ފެށިގެން 25 ގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.
ދިރާގުން ރާއްޖޭގައި ބާއްވާ މިފަދަ އިވެންޓުތަކުގެ ޑިޖިޓަލް ޕާޓްނަރުކަން އަބަދުވެސް ނަގައި، އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.











