ހައުސިން މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީ މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު އުވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެ އެ ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންދިޔަ ހުރިހާ މަސައްކަތެއް މިއަދުން ފެށިގެން ކުރަމުން ދާނީ ސީދާ ހައުސިން މިނިސްޓަރީން ކަމަށެވެ.
މި ބަދަލަކީ ލޭންޑް އެންޑް ސާވޭ އޮތޯރިޓީން ކުރަމުންދިޔަ މަސައްކަތްތައް އެއަށްވުރެ ހަރުދަނާ ގޮތެއްގައި ހިންގައި މިހާރަށްވުރެ ހަރަދު ކުޑަކޮށް އެކަން ކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައި ކުރި ކަމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވައިލީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުންނެވެ.
މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީއަކީ ރާއްޖޭގެ ރަށްރަށާއި ފަޅުތަކާއި ފަރުތަކުގެ ބޭނުން އެންމެ ފައިދާހުރި ގޮތެއްގައި ބޭނުން ހިފޭނެ ގޮތެއް ދެނެގަތުމަށް އުފެއްދި ވަކި އޭޖެންސީ އެކެވެ.













