ގދ. ގައްދޫގައި ބޭސް ބޭނުންކޮށްގެން ބުޅާ މަރަމުންދާތީ އެކަން ނުކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ގައްދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ރަށުގެ އެކި ސަރަހައްދުތަކުން މަރުވެފައިވާ ބުޅަލާއި ކާޅުތައް ފެނިފައިވާ ކަމަށެވެ.
"މިގޮތަށް ބުޅާ އެކި ތަންތަނުގައި މަރުވެފައި ތިބުމުގެ ސަބަބުން އާންމުންނަށް އޭގެ އުނދަގޫތަށްވެ މިކަމުގެ ޝަކުވާތައް ދަނީ ކައުންސިލަށް ލިބެމުން،" ކައުންސިލުން ބުންޏެވެ.
މިއީ ވިއްސާރަ މޫސުމަކަށްވާއިރު އެކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެހެން ހީވާތީ އެގޮތަށް ބޭސް ބޭނުންކޮށްގެން ބުޅާ ނުމެރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
ރާއްޖޭގައި ބުޅަލަށް އަނިޔާދީ މަރާ މައްސަލަ ފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. ބައެއް މައްސަލަތަކުގައި މީހުން ހައްޔަރުކޮށް ތަހުގީގު ވެސް މީގެ ކުރިން ހިންގާފައި އެބަ ހުއްޓެވެ.

ބުޅާ މަސް އަޅައިގެން ކާއެއްޗެހި ތައްޔާރު ކުރާ ކަމަށް ތުހުމަތު ކުރެވޭ މީހަކު އިއްޔެ މާލެއިން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ އާންމުން އޭނާ ހޯދަން ބޮޑު ކެމްޕެއިނެއް ކުރަމުން ދަނިކޮށެވެ.













