އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި 69 ގެއަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓޯ (އެންޑީއެމްއޭ) އިން ބުނެފި އެވެ.
އެންޑީއެމްއޭއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އުތުރުގެ އަތޮޅުތަކަށް ރޭ ކުރި ވިއްސާރައިގައި ގެއްލުންވެފައި ވަނީ:
- ހއ. ހޯރަފުށި 2 ގެއަށް
- ހދ. ކުޅުދުއްފުށި 57 ގެއަށް
- ށ. ފީވަކުގެ 5 ގެއަށް
- ށ ނޫމަރާގެ 5 ގެއަށް
އޭގެއިތުރުން ހދ. ކުޅުދުއްފުށީގެ ތިން ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވިފައިވާ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް މޯލްޑިވްސް މީޓިއޮރޮލޮޖީ އޮފީހުން އޮތީ ރޭގެ 8:30 އިން 22:30 އަށް އޮރެންޖު އިންޒާރު ނެރެފަ އެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ބައެއް ރަށްރަށަށް ކެތީގެ އަސަރު ކޮންމެވެސް ވަރަކަށް ފޯރި ނަމަވެސް ޖުމުލަކޮށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން އަލިވާނެ ކަމަށް މެޓް އޮފީހުން ލަފާ ކުރެ އެވެ.













