އުމުރުން އެންމެ 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް, އޮރިޔާން ކާޑު އުފައްދާ, އެ ކުއްޖާގެ ބަރަހަނާ ފޮޓޯ އެހެން މީހުންނަށް ފޮނުވި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ށ. ފީވަކު ފެނަަކަ އޮފީހުން ވަޒީފާއެއް ދީފި އެވެ.
ފެނަކައިގެ ފީވަކު އޮފީހުގެ ސުޕަވައިޒަރަކަށް އައްޔަންކޮށްފައިވަނީ އެރަށު އާމުލީގޭ، މުހައްމަދު ރަވާހު ރަޝީދެވެ. އޭނާގެ މައްސަލަ ފުލުހުން ތަހުގީގު ކުރުމަށްފަހު ވަނީ އޭނާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.
"އެ މައްސަލައަކީ ފުލުހުންގެ ތަހުގީގު ނިންމާ ޕީޖީ އަށް ފޮނުވާފައިވާ މައްސަލަ އެއް،" ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުންޏެވެ.
ފެނަކައިގެ ސުޕައިޒަރެއްގެ މަގާމަށް ރަވާހު އައްޔަންކޮށްފައި ވަނީ މިއަހަރުގެ ފެބުރުއަރީ 25، ގައި ތިން މަހުގެ މުއްދަތަކަށެވެ. އޭނާގެ ކޮންޓްރެކްޓުގެ މުއްދަތު ހަމަވުމުން ވަޒީފާގެ މުއްދަތު އިތުރުކޮށްފައިނުވާ ކަމަށް ފެނަކައިގެ އިސް މުވައްޒަފަކު މި ނޫހާ ވާހަކަ ދައްކަމުން ބުންޏެވެ.
ރަވާހުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ އޭޕްރީލް، 2023، ގަ އެވެ.













